އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް އުފުލާފައިވާ ހަ ދައުވާ އަށް އޭނާ އިންކާރު ކުރައްވައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޝަރީއަތް ފެށުމުގެ ކުރިން ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަ ދައުވާ ސާފުކޮށްދީފައިވެއެވެ.

ދައުލަތުން އުފުލާފައިވާ ހަ ދައުވާގެ ތެރޭގައި ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑާ ކުރި ކަމުގެ ތުހުމަތު ހިމެނެއެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ 36 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ނިހާންގެ މައްޗަށް އަންނާނެއެވެ.

ނިހާންގެ މައްސަލައިގައި ކުރިން ވެސް އަޑުއެހުންތަކެއް ބާއްވާފައިވެއެވެ. ނަމަވެސް، އަދި ކުރިއަށް ގެންދަނީ ޝަރީއަތް ފެށުމުގެ ކުރިން އޮންނަ އިބްތިދާއީ މަރުހަލާއެވެ.

ސަތާރަވަނަ ރައްޔިތުންގެ މަޖިލީހާއި އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ވިލިމާލެ ތަމްސީލް ކުރެއްވި މެންބަރުގެ މައްޗަށް އެންމެ ފުރަތަމަ ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޞިއްޔަތުން އަދާކުރަން ޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު އަދީބު މެދުވެރިވެގެން އެސްއޯއެފުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިފައިވާތީއެވެ.

މި ކުށް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލުހުކުމެއް އަންނާނެ ކަމަށް ދައުލަތުން ވިދާޅުވެއެވެ.

ދެ ވަނައަށް ކުރަނީ މަނީ ލޯންޑްރިންގްގެ ކުށުގެ ދައުވާއެވެ. މިއީ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ހައިސިއްޔަތުން، އަދީބުދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ނިހާނަށް ޝައްކުކުރެވެން ޖެހޭ ހާލަތުގައި، އަދީބާއި މެދުވެރިވެގެން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު، އެކި ބެންކްތަކަށާއި، އެކައުންޓްތަކަށް އެ ފައިސާ ފޮނުވައިގެން ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަތްކަމަށް ބުނާ ދައުވާއެކެވެ.

މަނީ ލޯންޑާ ކުރި ކަމަށް ބުނާ މި ކުށް ނިހާންގެ މައްޗަށް ސާބިތުވެއްޖެ ނަމަ 5-15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި ދައުވާއާ ގުޅިގެން ނިހާންގެ ވަކީލް ވަނީ މި މުއާމަލާތުގެ ތެރޭގައި ކާށިދޫ ދާއިރާގެ މެމްބަަރު އަބްދުﷲ ޖާބިރުވެސް ހިމެނޭކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ދައުވާގެ ސީޣާގައި ޖާބިރުގެ ނަން ނެތުމުން އެކަމާ ސުވާލު ކުރެއްވިއެވެ.

ތިންވަނަ ދައުވާއެއްގެ ގޮތުގައި ދައުލަތުން އުފުލާފައި ވަނީ 2014 ވަނަ އަހަރު ޕީޖީއަކު އައްޔަން ކުރުމަށާއި، މަޖިލީހުން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ހޮވުމަށް މަޖިލީހުގައި ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދުމުން ރިޝްވަތު ލިބިގަތުމަށް އެދިވަޑައިގަތުމުގެ ދައުވާއެވެ.

މި ގަޑި ނިހާންއަށް ލިބިވަޑައިގެންފައި ވަނީ މ.ވިލާދަށުގެ މުޙައްމަދު މަނިކު މެދުވެރިކޮށް ކަމަށްވެއެވެ. އެބޭފުޅާ މިހާރު ނިޔާވެފައިވާތީ ފާސިގެއްގެ ހެކިބަހަށް ރިޔާއަތްކޮށް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިހާންގެ ވަކީލުން ވިދާޅުވެއެވެ. އަދި ރިޝްވަތު ދީގެން ރައްޔިތުން މަޖިލީހުގެ އެންމެ މެމްބަރަކަށް އެ ވޯޓުން ބިލެއް ފާސްކުރެވޭނެ ކަމަށް ދެކުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫންކަމުގައި ދިފާއީ ވަކީލް ފާހަގަކުރެއްވިއެވެ.

މި ވާހަކައާއި ގުޅިގެން ދައުލަތުން ވިދާޅުވީ ވަކި ނަތީޖާއެއް ހާސިލްކުރެވުމަކީ ކުށުގެ އުންސުރެއް ނޫން ކަމަށެވެ. މެމްބަރެއްގެ ގޮތުގައި ހުރެމެ، އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ގޮތުގައި އާއި، މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގޮތުގައި ހުރެ އެފަދަ އެއްޗަކަށް ވޯޓާއި ދިމާކޮށް އެދުމަކީ ރިޝްވަތަށް އެދުން ކަމަށް ދައުލަތުން ވިދާޅުވެއެވެ.

މި ކުށް ސާބިތުވެއްޖެ ނަމަ ހަތް އަހަރުގެ ޖަލު ހުކުމެއް، ނުވަތަ ގޭބަންދަށް ދާ ވަރުގެ ހުކުމެއް އަންނާނެއެވެ.

ދައުލަތުން ދެން ކުރީ މި ރޯލެކްސް ގަޑި ނިހާން ލިބިގަންފައިވާތީ، ރިޝްވަތުގައި ހިފުމުގެ ދައުވާއެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ ހަތް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ފަސްވަނަ ދައުވާއެއްގެ ގޮތުގައި ދައުލަތުން ނިހާން މައްޗަށް އުފުލާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނެވި އިރު މެންބަރުކަމުގެ ހަައިސިއްޔަތުން އަދާ ކުރި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބް އަންގަވާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި، ހަ ސަތޭކަ ފަންސާސް ހާސް ރުފިޔާ ދިނުމަށް އަދީބު ގާތު އެދިވަޑައިގަތުމުން އެ އަދަދަށް އަދީބު ފައިސާ ދިނުމުން އެ ފައިސާއަށް އެދުމުގެ ކުށުގެ ދައުވާއެވެ.

ރިޝްވަތު ހިފިކަމަށް ބުނާ މި ދައުވާ ސާބިތުވެއްޖެ ނަމަވެސް ހަް އަހަރުގެ ހުކުމެއް އަންނާނެއެވެ. ނިހާންގެ ވަކީލުން ވަނީ މި ދައުވާ ނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެއީ އެ ދައުވާގައި ގާނޫނީ ގޮތުން ފުރިހަމަވާން ޖެހޭ އުންސުރުތައް ފުރިހަމަ ނުވާތީ ކަމަށް ދިފާއީ ވަކީލުން ވިދާޅުވެއެވެ.

އެގޮތުން ކޮން އިރަކު، ކީއްކުރަން، ކާކު މެދުވެރިކޮށް ދިން ފައިސާއެއްކަން ދައުލަތަށް ސާފުކޮށްދެވިފައި ނުވާތީ، ދިފާއުން ވަނީ އެކަން މިއަދުގެ އަޑުއެހުމުގައި ފާހަގަކުރައްވާފައެވެ.

އެންމެ ފަހު ދައުވާއެއްގެ ގޮތުގައި ކޮށްފައިވަނީ 650،000 ރުފިޔާ ނިހާން ލިބިވަޑައިގެންފައިވާތީ ކުރާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. މި ދައުވާވެސް ސާބިތުވެއްޖެ ނަމަ ހަތް އަހަރުގެ ހުކުމެއް އަންނާނެއެވެ.

މި ހަ ދައުވާއަށް ނިހާން އިންކާރުކުރައްވައެވެ. އަދި އެ ދައުވާތަކުން ދިފާއުވެވޭވަރަށް ހެކި ހުރި ކަމަށް ވިދާޅުވެއެވެ.

ދެން އޮތް އަޑުއެހުމެއްގައި އޮންނާނީ، ދައުލަަތުން ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ހެކި ހުށަހެޅުމެވެ. އަދި އެ ތުހުމަތުތަކުން ދިފާއުވާން، ނިހާންްއަށްވެސް ހެކި ހުށަހެޅުމުގެ ފުރުސަތު ކުރިއަށް ޝަރީއަތުގެ އަޑުއެހުމެއްގައި ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަންނު

    ހިންދީ ފިލްމް ތަކުގަ ނުބައިބައި ކުޅުނު އޮމްރިޝްޕޫރީއާ ވައްތަރުގޮތެއް އެބަހުރި.

  2. ހެހެހެކެކެ

    މޑޕ މީހަޖަށް ދައުވާއެއް ނެތްތަ މމޕރސގެ

  3. އަބުދު

    އަދި ދައުވާ ތިކުރެވެނީ މާމަދު މީހުންނައް އަދި ތިއުޅެވެނީ ދަޅަދައްކަން . އެމްޑީޕީ މީހުންތައް ކޮބާ؟

  4. ޖާބެ

    ކޮބާ ނިހާން ޖައްބާރުކަން ދައްކާލަބަލަ