ބަނގުރާފުޅި ތަކަކާއެކު ފަރެސްމާތޮޑާއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ފަރެސްމާތޮޑާގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅި ތަކަކާއެކު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ ފަރެސްމާތޮޑާއަށް ބަނގުރާ އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއްގެ އިތުރުން 28 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު ދެ ކޭސް ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލަ ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަަހުގީގު ކުރަމުންނެވެ.