އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން މައިކްރޯސޮފްޓް އާއިއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ސަރުކާރުގެ އޮފީސްތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މައިކްރޯސޮފްޓް އޮފީސް 365އަށް ސަރުކާރުގެ އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން ފުރަތަމަ ބަދަލުކުރެވުނު ކައުންސިލަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލެވެ.

މައިކްރޯސޮޕްޓް އޮފީސް 365ގެ ހިދުމަތް ރޯލްއައުޓް ކުރުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރު އޮފީސްތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ސަރުކާރު އިދާރާތަކުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމެވެ.

އެގޮތުން މައިކްރޯސޮޕްޓް އޮފީސް 365 އެންމެ ފުރަތަމަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކަށެވެ. އެއަށްފަހު ސަރުކާރުގެ ވުޒާރާތަކާއި، މިނިވަން މުއައްސަސާތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ޓެކޮނޮލޮޖީ މިނިސްޓްރީން ވިދާޅުވިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ މަޝްރޫއުގެ ދަށުން މުޅިއެކު 20،000 ސަރުކާރު މުވައްޒަފުން، (4،200 ކައުންސިލަރުން ހިމެނޭ ގޮތަށް) މައިކްރޯސޮފްޓް 365އަށް ބަދަލުކުރެވި އަދި ބޭނުންކުރަން ދަސްކޮށްދެވޭނެ ކަމަށެވެ.

މައިކްރޯސޮފްޓް 365 އަކީ ސަރުކާރުގެ ޑިޖިޓަލް އޭޖެންޑާގައި ހިމެނޭ މުހިންމު މަޝްރޫޢެއްމެއެވެ. ސަރުކާރުގެ އޮފީސްތަކުގެ ކައުންޓަރުދޮށުގައި ކިއުގައި ނުޖެހި ސަރުކާރާއި ސަރުކާރުގެ އޮފީސްތަކުން ދޭ ހިދުމަތްތައް ރައްޔިތުންނަށް ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ ސިޔާސަތަށް ކުޅުދުއްފުށީ ސިޓީ މޭޔަރ އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދެއްވާ އެއްބާރުލުން ފާހަގަކޮށް މިނިސްޓްރީން ޝުކުރުއަދާކުރެއެވެ.

ކުޅުދުއްފުށީ ސިޓީކައުންސިލްގެ މެންބަރުންނާއިއެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މީގެ އިތުރުންވެސް ސިޓީ ކައުންސިލްގެ ތަސައްވުރެއްކަމުގައިވާ ސްމާޓް ސިޓީ ކައުންސިލަކަށް ކުޅުދުއްފުށި ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ބެހޭގޮތުން އޮޅުން ފިލުވާލެއްވެވިއެވެ.