ރާއްޖޭގެ ފިލްމީތަރިއެއް ކަމަށްވާ ފައުޒިއްޔާ ހަސަން އާއި އިތުރު އަންހެނެއް ކަމަށްވާ މަރިޔަމް ރަޝީދާ އިންޑިއާގެ ސައިންސްވެރިޔަކާއި ގުޅިގެން ޕާކިސްތާނަށް ޖާސޫސީ މައުލޫމާތުތަކެއް ފޯރުކޮށްދިން ކަމަށް ބުނާ ކޭސް އަލުން ހުޅުވައި އެ މީހުންގެ ބަޔާން ނަގަން އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) ގެ ޓީމެއް ރާއްޖެއަށާއި ސްރިލަންކާއަށް ދާން ނިންމައިފިއެވެ.

ޕާކިސްތާނަށް ޖާސޫސް ކުރި ކަމަށް ބުނެ ފައުޒިއްޔާ އާއި މަރިޔަމް އަދި އިންޑިއާގެ ސައިންސްވެރިއެއް ކަމަށްވާ ނަބްމީ ނަރަޔާނަން ހައްޔަރުކޮށްފައި ވަނީ 1994 ގަ އެވެ. ކެރަލާ ޖަލެއްގައި އެ މީހުން ތިން އަހަރު ވަންދެން ބަންދުކޮށްފައި ބޭތިއްބިއެވެ. ޖަލުގައި އެމީހުންނަށް އިންޑިއާ ސިފައިން ވަރަށް ބޮޑަށް އަނިޔާ ވެސް ކުރިއެވެ.

ފައުޒިއްޔާ މި ވަގުތު ދިރިއުޅެމުން ގެންދަނީ ލަންކާގެ ވެރިރަށް ކޮލަމްބޯގައެވެ. ރަޝީދާ ހުރީ މި ވަގުތުވެސް ރާއްޖޭގައެވެ.

އިންޑިއާގެ ނޫސްތަކަށް ފައުޒިއްޔާ މައުލޫމާތު ދިން ގޮތުގައި އޭނާގެ ބަޔާން ނަގާނީ ރަޝީދާގެ ބަޔާނަށް ފަހު ކަމަށް ސީބީއައި އިން މައުލޫމާތު ދީފައިވާ ކަމަށެވެ.

"ކޮލަމްބޯ ފުރަބަންދު ކުރުމާއި ގުޅިގެން އެ މީހުން މިދިޔަ މަހު ލަންކާއަށް އަންނަން އޮތް ދަތުރު ކެންސަލްކުރީ، އެހެންވެ ބަޔާން ނަގަން ރާއްޖެއަށް ދިޔުންވެސް ކެންސަލްކުރި" އިންޑިއާގެ މީޑިއާތަކަށް ފައުޒިއްޔާ މައުލޫމާތު ދީފައިވެއެވެ.

މައުލޫމާތު އެނގޭ މީހުން ބުނެފައިވާ ގޮތުން ސީބީއައިގެ ޓީމް ވަރަށް އަވަހަށް އެ ދެ އަންހެނުންގެ ބަޔާން ނަގާނެއެވެ. ބަލި ހާލަތު ހުރި ގޮތުން އިންޑިއާއަށް ދަތުރުނުކުރެވޭނެ ކަމަށް ފައުޒިއްޔާ އަންގާފައިވާތީ ސީބީއައިއިން ނިންމީ އޭނާގެ ބަޔާން ލަންކާގައި ނެގުމަށެވެ.

އިންޑިއަން ޕީނަލް ކޯޑް (އައިޕީސީ) ގެ ދަށުން ހެކި އުފެއްދުމާއި، ރަހީނު ކުރިމަކަށް ތުހުމަތު ފައުޒިއްޔާއާއި ރަޝީދު ވަނީ ކެރެލާގެ 18 ފުލުހާކާއި ދެކޮޅަށް އެފްއައިއާރް ރަޖިސްޓްރީ ކޮށްފައެވެ. މި ކޭސް އަލުން ބަލަން ފަށާފައިވަނީ އެކަމުގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށެވެ.

ޖަލުގައި ތިން އަހަރަށްވުރެ ގިނަ ދުވަސްވުމުގެ ސަބަބުން ލިބުނު އަނިޔާތަކާއި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބިފައިވާ އަނިޔާތަކުގެ އިތުރުން ލިބުނު ފައިސާގެ ގެއްލުމުގެ ބަދަލު ނަގައިދޭން ފައުޒިއްޔާ އާއި ރަޝިދާ ވަނީ އެދިފައެވެ. އެއީ ކޮންމެ އޮފިސަރެއްގެ އަތުން ދެ ކްރޯޑް ރުޕީސްއެވެ. މުޅި ޖުމްލަ 36 ކްރޯޑް ރުޕީސް ނުވަތަ 75 މިލިއަން ރުފިޔާއެވެ.

މި މައްސަލާގައި ހިމެނޭ ނާރަޔަން ޖަލުން މިނިވަންވީ 1995 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔަމޫ

    އިންޑިޔާއިން 70 މިލިޔަން ކީއްކުރަން 75 ލާރިވެސް ނުލިބޭނެ. އަދި މިސަރުކާރުވެސް އޮންނާނީ އިންޑިޔާކޮޅައް..

    56
    3
  2. ވަރަން

    މޯދީގެ ޕަޕެޓު މިގައުމުގަ ވެރިކަމުގަހުރީ ތިޔަކަމެއްނުވާނެ ވަށްސަލާމް.

    12
    1