ގާނޫނުއަސާސީ އާ ހިލާފަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި، މަސްދަރު ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރުކުރެވޭ ގޮތަށް މާއްދާއެއް ހިމަނާފައިވާތީ މޯލްޑިވްސް މީޑިއާ ކައުންސިލުން ކަންބޮޑުވެއްޖެއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ ބިލުގައި ބޭނުމެއް ކަމަށް ބުނެފައިވަނީ 1976 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ، އޭގެ ބަދަލުގައި ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް، ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުން ކަމަށެވެ.

151 މާއްދާއެއް ހިމަނާފައިވާ އެ ބިލުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތްތަކާއި، ހެކި ހުށަހެޅުމާއި ބަލައިގަތުން އަދި ހެކިބަސް ނެގުމާއި ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައަޅާފައިވެއެވެ. އަދި މަދަނީ، ޖިނާއީ މައްސަލަތަކުގައި އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާއި ގުޅޭ އުސޫލުތައް ވެސް އެކުލަވާލައިފައިވެއެވެ.

ހެއްކާބެހޭ ބިލުގެ 16 ވަނަ ބާބުގައި އެ ގާނޫނުން އިމްތިޔާޒް ލިބިގެންވާ މުއާމަލާތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން، 136 ވަނަ މާއްދާގެ (ހ)ގައި ނޫސްވެރިޔަކަށް ވަކި މައުލޫމާތެއް ދިން މީހަކީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިން މީހާ އަކީ ކާކުކަން އަންގައިދޭން ނުވަތަ އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތުގައި ހާމަކުރަން އެ ނޫސްވެރިޔާ ނުވަތަ ނޫހުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

136 ވަނަ މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު އަންނަނިވި ކަންކަމަށްވުރެ ބޮޑުކަމުގައި ޝަރީއަތަށް ބުރަވެވޭނަމަ، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެ ކަމަށް (ށ) ގައި ބުނެފައިވެއެވެ.

މި ބިލާއި ގުުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބޭނެފަދަމާއްދާއެއް ހިމަނާފައިވުމަކީ، ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.

އެމްއެމްސީން ބުނީ، އެ މާއްދާ މިގޮތަށް އޮވެ ބިލު ފާސްވެއްޖެނަމަ، ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ނިގުޅައިގަނެވި، މަސްދަރު ހާމަކުރުމަށް މި މާއްދާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެެ ކަމަށެވެ.

އަދި މިފަދައިން ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް އެޅިގެންދާގޮތަށް ގާނޫނެއް ފާސްވުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެހޯދަމުންދާ ކުރިއެރުންތައް ހުއްޓިދާނެ، އަދި އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސް ބައިނަލްއަގުވާމީ އެތައް ގޮންޖެހުމެއް ކުރިމަތިވެދާނެކަމެއް ކަމަށް އެމްއެމްސީން ފާހަަގަކޮށްފައިވެއެވެ.

"އެހެންކަމުން، އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެމިނިވަންކަމުގެ ޤާނޫނު ވުޖޫދަށް އައުމުގެ ސަބަބުން ދިވެހިރާއްޖޭގެ މީޑިއާ ދާއިރާއަށް ލިބިގެންދިޔަ ގެއްލުންތަކުން ފިލާވަޅު ލިބިގަނެ، ހެއްކާއި ބެހޭ ބިލުންވެސް މި ފާހަގަކުރެވުނު ބައިތައް އުނި ކުރުމަށް މި ކައުންސިލުން ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލަން". އެމްއެމްސީގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއާ ބައްދަލުކުރުމަށާއި، އަދި މިކަން އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެހައިކަމެއް ކުރަން އެމްއެމްސީން ވަނީ ނިންމައިފައެވެ.

އެމްއެމްސީން މިކަމާއި ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ނޫސްވެރިންވެސް ދަނީ މިކަމާއި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބުދﷲ

    ހާމަކުރަންޖެހޭނެ. އެހެންނޫނިއްޔާ ފަސާދަ ކުރުން އާއްމުވާނެ.

  2. muththo

    ގައުމުގައި އޮތީ ހުސް މައްސަލަ. އެވާހަކަ ނޫސްތަކުގައި ލިޔާކަށް މިސަރުކާރުން ބޭނުމެއް ނުވާނެ

    1. ފިޔަވަތީގަ ތިބި ކުޑަކުދިންގެ މައްސަލަ 2. ސިވިލް ސާވެންޓުންގެ މުސާރަ 3. މިނިމަން ވޭޖް 4. މިސަރުކާރާ އެމްއެމްޕީއާރުސީ ކޮރަޕްޝަން 5. އިންޑިއާގެ ނުފޫޒު/ރާއްޖޭގެ އިސްތިގުލާލް 6. ނުހުއްޓުވޭ މަސްތުވާތަކެތީގެ ވިޔަފާރި 7. އެމްޑީޕީ އެތެރޭގެ ހާޖާނު 8. ސަރުކާރުގެ ނުފޫޒުގަދަ ސިޔާސީ ވެރިންގެ ކޮރަޕްޝަން 9. ކޯޓުތަކަށް ނުފޫޒު ފޯރުވުން
    10. ޖަލުތަކުގެ މަރުތައް

  3. ބިން ޢަލީ

    ޢިސްލާމްދީނުގައި ޙައްދާއި ގިސާސް ކަންޑަ އެޅިފައިކަންކަމުގައި އެއަށްދޭނެ އަދަބުތައްވަނީ ގުރުއާނުންނާއި، ހަދީސުނާއި އިޖްމާއުން އަދި ޤިޔާސުން ކަނޑައަޅާފައި ތިމަޖިލހުން ކަނޑަަޢަޅާނެ އިތުރު އެއްޗެއް ނޯންނާނެ.

  4. އަބްދޫ

    ގާނޫނުއަސާސީގެ 28،63،64 މި 3 މާއްދައަށް ބަލައިރު އެ ތިޔަ ގާނޫނުގެ އެމާއްދާ ވެގެން ދަނީ އުފެދުމުގާ ވެސް ބާތިލް މާއްދާއަކަށް އެ މާއްދާއަށް އަމަލުކުރުން އެއްވެސް ފަރާތަކަށް ލާޒިމެއްނުވާނެ.