ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޖާބިރަށް ހަމަލާދީ އއ. މަތިވެރީގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ހަތް ދުވަހުގެ މުއްދަތެއް ދިނީ މިއަދު ކަމަށެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން އޭނާއާ ދެކޮޅަށް އެ ރަށު ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ. މައްސަލަ ގޯސްވީ އެރަށުގައި ހުންނަ އޭނާގެ ގެސްޓްހައުސް، ބިމަށް ކުލި ނުދައްކާ ކަމަށް ބުނެއެވެ. ނަމަވެސް އެ ވާހަކަތައް ޖާބިރު ދޮގުކުރައްވައެވެ.

ޖާބިރާ ދެކޮޅަށް މަތިވެރި ރައްޔިތުން އަޑު އުފުލަން ފެށުމުން ފުލުހުން ވަނީ އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދީފައެވެ. އޭނާއަށް ސެކިއުރިޓީ ދޭން އެމްއެންޑީއެފްއަށް މަޖިލީހުގެ އިދާރާއިން ވެސް ވަނީ އަންގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަޒީލް

    ތި ޖާބެ އާ މެދު ފިޔަވަޅު އާޅާނޭ ދުވަހަ ކީ ކޮބާ؟