ނ އަތޮޅުގެ ވެރިރަށް މަނަދޫ މަގުތަކުގެ ހާލަތު ދައްކުވައިދޭ ވީޑިއޯ އުފެއްދުމެއް އެރަށު ކައުންސިލްގެ ފަރާތުން މީސް މީޑިއާގައި ހިއްސާކޮށް، ކައުންސިލާއި މަނަދޫ ރައްޔިތުންގެ ކަންބޮޑުވުން ހިއްސާ ކޮށްފިއެވެ.

ކައުންސިލުން ހިއްސާ ކޮށްފައިވާ ވީޑިއޯއިން ފެނިގެންދަނީ އެރަށުގެ އެކި ހިސާބުތަކުގެ މަގުތަކުގައި އާންމުންނަށް ހިނގާ ބިނގާވެ އުޅުމަށް ދަތިވާވަރަށް ފެންބޮޑުވެފައި ވަނިކޮށެވެ. މިއީ އެރަށު މަގުތަކުގެ ހާލަތު ކަމަށާއި، މިހާލަތުގައި މަގުތައް އޮތުމުން ރައްޔިތުންނަށް ދަނީ އެތައް ދަތިތަކަކާއި އުނދަގޫތަކާއި ކުރިމަތިވަމުން އަންނަކަން ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ޞަބީހް ފާހަގަ ކުރެއްވިއެވެ.

ޞަބީހް ވިދާޅުވީ، ވިއްސާރަ ވެހިއްޖެނަމަ އެރަށުގެ މަގުތަކުގައި ފެންބޮޑުވެ، ރައްޔިތުންނަށް ހިނގާ ބިނގާވެ އުޅެވޭނެ އެއްވެސް ގޮތެއް ނޯންނަ ކަމަށެވެ. މިހާލަތުގައި ރަށުގެ މަގުތައް އޮންނައިރު، ސްކޫލަށް ދާ ދަރިވަރުންވެސް އާންމުކޮށް ބޭނުންކުރާ މަގުތައް ކަމަށްވާތީ ރައްޔިތުން ދަނީ ކޮންމެ ދުވަހަކުވެސް މި ދަތިތަކާއި ކުރިމަތިލަމުންކަން ފާހަގަ ކުރެއްވިއެވެ.

މަނަދޫ މަގަކަށް ވެލި އަޅަނީ

މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ތަކުރާރުކޮށް، އެތައް ފަހަރެއްގެ މަތިން މަގުތަކަށް ވެލި އަޅާފައިވެއެވެ. ވެލި އަޅައިގެންނާއި އެކި ގޮތްގޮތުން ކައުންސިލުން މިކަން ހައްލުކުރުމަށް މަސައްކަތް ކޮށްފައިވީ ނަމަވެސް، މިކަމަށް އެއްވެސް ވަރަކަށް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށް ޞަބީހް ވިދާޅުވިއެވެ.


"އެތައް އަހަރެއް ވެއްޖެ މި މަގުތަކުގެ މައްސަލަ ކަމާއިބެހޭ ފަރާތައް ހުށަހަޅައިގެން މިކަމަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރަމުންދާތާ. އެކަމަކު މިއަދާއި ހިސާބަށްވެސް އެދެވޭ ޖަވާބެއް ލިބިފައިނުވާކަން ހިތާމައާއި އެކު ފާހަގަކުރަން. ރައްޔިތުންނަށް މި ހާލަތުން އަރައިގަނެވޭނެ ގޮތަކަށް ވީ އެންމެ އަވަހަކަށް ހެދޭނެ ގޮތަކަށް މަސައްކަތް ފެއްޓުމަކީ ރައްޔިތުންނާއި ކައުންސިލްގެ އާދޭހެއް" ޞަބީހް ވިދާޅުވިއެވެ.

މަނަދޫގެ މަގުތަކުގެ ހާލަތަަށް ބަލާފައި، އެރަށު މަގުތައް ރަނގަޅު ޒަމާނީ ފެންވަރަކަށް ރަށުގެ މަގުތައް ހެދެން ޖެހޭ ކަމަށް މަނަދޫ ކައުންސިލުން ގަބޫލުކުރެއެވެ. ޞަބީހް ވިދާޅުވީ ރަށުގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ މަގުތައް ޒަމާނީ ފެންވަރަށް ހެދިގެން ކަމަށެވެ. އަދި އެކަން ކުރެވެން ޖެހޭ ކަމަށާއި، އެއީ ރައްޔިތުންގެ ވަރަށް ބޮޑު އާދޭހެއްކަން ޞަބީހް ވިދާޅުވިއެވެ.

ކައުންސިލުުން އުފައްދާފައިވާ ވީޑިއޯގައި އެރަށުގެ އޮފިީސްތައް ދޮށުގައި ފެެންބޮޑުވެފައިވާ މަންޒަރާއި، ސްކޫލް ދަރިވަރުން ޗަކަ ކޯރުތަކުން ހިނގާފައި ދާ މަންޒަރު ދައްކުވައިދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަން

    ކުރާނެ ކަމެއް ނެތިގެން، ކައުންސިލަރުންގެ ކަމަކީ ފިލްމު ކުޅުން،..

    2
    3
  2. ސުބުސް

    ކޮބާތަ އުމަރުބޭ. މަޖިލީހުގަ ނިދަނީތަ؟ ބަގޭ ކަޕާއެކީ ރަށްމަތިންހަދާން ނެތުނީ ތޯއްޗެ

  3. Anonymous

    ސާބަހޭ މަނަދޫ ކައުންސިލް.
    މީ ވ. ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާ ކައުންސިލެއް. ގޭގެއަށް ޒިޔާރަތް ކޮށްލައްވާ ރައްޔިތުންގެ ޙާލު ބައްލަވާ.
    ޚާއްޞަކޮށް ޢަލީ އިބްރާހީމް އަދި ޞަބީޙްގެ އެހީތެރިކަމާއި މަސައްކަތް ފާހަގަ ކުރެވޭ.
    ޝުކުރިއްޔާ ކައުންސިލްގެ ޓީމަށް

  4. ސޭފް

    ޞަބީހް ވިދާޅުވީ، ވިއްސާރަ ވެހިއްޖެނަމަ އެރަށުގެ މަގުތަކުގައި ފެންބޮޑުވެ، ރައްޔިތުންނަށް ހިނގާ ބިނގާވެ އުޅެވޭނެ އެއްވެސް ގޮތެއް ނޯންނަ ކަމަށެވެ. *** މީވަރަށް ބޮޑު ވާހަކައެއް. މިހާރުންފެށިގެން، ހިނގާ ބިނގާ ނޫޅޭވަރަށް ފެންބޮޑުވާނަމަ ދުއްވަން ކުދި ލޯންޗުފަހަރު ހޯދަދޭން ފެނޭ. ނޫނީ ޒަމާނުއްސުރެ ބޭނުންކުރަމުން ގެންދިޔަ ބޮއްކުރާތައް އަލުން އުފައްދަންވީ. ފައިބަަރުން މިހާރު ވަރަށް ސަޅި ބޮއްކުރާ ހަދާފައެބަހުރި. މިކަމާ އުޅެމާ ހިނގާ.

    3
    2