މި އަހަރުގެ ސެޕްޓެންބަރު މަހު އިންކަމް ޓެކްސްގެ ގޮތުގައި 745 މިލިއަން ރުފިޔާ ލިބުނު ކަމަށް މީރާ އިން ބުނެފިއެވެ.

މީރާ އިން ބުނީ، ސެޕްޓެންބަރު ގައި މީރާއަށް 1.98 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއަށް ކަމަށް މީރާ އިން ބުނެފައި ވެެއެވެ. އެއީ %37.6 ނުވަތަ 745.00 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އިންނެވެ. އެއީ %27.9 ނުވަތަ 553.11 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 410.14 މިލިއަން ރުފިޔާ (%20.7)، ގްރީން ޓެކްސްގެ ގޮތުގައި 72.37 މިލިއަން ރުފިޔާ (%3.7)،އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 53.02 މިލިއަން ރުފިޔާ (%2.7) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 147.98 މިލިއަން ރުފިޔާ (%7.5) ލިބިފައިވެއެވެ.

މީރާ އިން ބުނީ، މި އަހަރުގެ ސެޕްޓެމްބަރު މަހު ބަލައިގަތް އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %133.5 އިތުރު އަދަދެކެވެ. އަދި މިއީ އެ މަހުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %8.6 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ މި މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މި އަހަރު ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވެއެވެ. މިގޮތުން، މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓްގެ ސުންގަޑި ފަސްކުރެވުނު ނަމަވެސް، މި އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ކުލި ޝެޑިއުލާ އެއްގޮތަށް ބަލައިގަނެފައިވާތީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިކަމަށް މީރާ އިން ބުނެފައިވެއެވެ.

މީގެ އިތުރުން، މި އަހަރުގެ އިންކަމް ޓެކްސް ގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަސް ކުރިއިރު، މިއީ ވެސް އާމްދަނީ އިތުރުވުމުގެ އެއް ސަބަބު ކަމުގައި މީރާއިން ފާހަގަކޮށްފައިވެއެވެ.