ސްޓްރޯކެއް ޖެހިގެން ހދ. އަތޮޅުގެ ރައީސް މުހައްމަދު ސިރާޖަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
ސިރާޖުގެ އާއިލާ ބޭފުޅަކު "ވަގުތަށް" ބުނީ، ސިރާޖު މާލެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި މިވަގުތު އޮންނެވީ އައިސީޔޫގައި ކަމަށެވެ.
ސިރާޖު ހޮސްޕިޓަލުގައި އެނދުމަތި ކުރަން ޖެހުނު ސަބަބު ކިޔާ ދެމުން އަބްދުﷲ ޒަހީން ބުނީ، މީގެ ދެދުވަސް ކުރިން ވަރުބަލިވާތީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެއްކި ކަމަށާއި އޭރު ލޭ މައްޗަށް ގޮސްފައިވާކަން އެނގުނު ކަމަށެވެ.
"އެދުވަހު އެތަނުގައި އެނދުމަތިކޮށް ފަރުވާ ދިނުމަށް ފަހު ދޫކުރީ. އޭގެ ފަހުން އިއްޔެ އަނެއްކާ ވެސް ބަލިވެގެން ގެންދިޔައީމަ އެނދުމަތި ކުރީ. އޭރު ވާތު ފަޔާއި ވާތު އަތުގެ ހަރަކާތް ކުރަން އުނދަގޫ ވެގެން އުޅުނީ." އަބްދުﷲ ޒަހީން ބުންނެވެ.
ޒަހީން ބުނީ، މާލެ ގެނެސް މިހާރު އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު، ވާތު ފަޅީގެ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އަދި ހެދި ޓެސްޓްތަކުން ލޭ ހޮޅިއެއް ބެދިފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދޭ ކަމަށް ޒަހީން ބުންޏެވެ.
"ޑޮކްޓަރުން ބުނީ، އޮޕަރޭޝަނަކާއި ނުލައި ރަނގަޅުވެދާނެ ކަމަށް. އެހެންވެ އެކަމުގައި އުޅޭނީ އެމްއާރުއައި ސްކޭނެއް ހެދުމަށްފަހު" ޒަހީން ބުންޏެވެ.
އަވަސް ޝިފާއެއް މިންވަރު ކުރައްވާ ފާނދޭވެ. އާމީން