ކ. ތިލަފުއްޓަށް މިދިޔަ އަށެއްކަ މަސްދުވަހުގެ ތެރޭގައި ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށާއި އެ ބަދަލުތައް ފެނުމުން ވަރަށް އުފާވާ ކަމަށް ވިދާޅުވެ، ހެލްތު މިނިސްޓަރު އަހުމަދު ނަަސީމް، އެންވަޔަރްމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އަށް ތައުރީފް ކުރައްވައިފިއެވެ.
ހެލްތު މިނިސްޓަރު ނަސީމް އިއްޔެ ވަނީ އެންވަޔަރަމަންޓް މިނިސްޓަރު ޝައުނާއެކު ތިލަފުއްޓަށް ވަޑައިގެން އެ ތަނުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ. އަދި ތިލަފުށީގެ ހާލަތު ވެސް ނަސީމް ބައްލަވާލެއްވިއެވެ.
ތިލަފުށީގެ ހާލަތު ބައްލަވާލެއްވުމަށް ފަހު، މީޑިއާއާ ހިއްސާ ކުރެއްވި ވީޑިއޯއެއްގައި ނަސީމް ވިދާޅުވީ ތިލަފުށީގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތް ކުރިން ކުރިއަށް ދިޔަ ގޮތުން ނުރައްކާތެރި މާއްދާތައް މޫދަށް އެޅި މުރަކަތައް ހަލާކުވުމާއި ބަލިތައް ފެތުރުމުގެ ނުރައްކާ ވަރަށް ބޮޑަށް އޮތް ކަމަށެވެ.އަދި ތިލަފުށިން ނުބައިވަސް ދުވުމާއި މެހި ފެތުރުމުގެ މައްސަލަ ވެސް ކުރިން ވަރަށް ބޮޑަށް އޮތް ކަމަށް ވިދާޅުވިއެވެ.
"މިހާރު މި ތަން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކޮށްގެން މި ތަން ބެލެހެއްޓޭތީ އަޅުގަނޑު ވަރަށް އުފާކުރަން." ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ވީޑިއޯ އަށް އޭނާ ހުއްޓިވަޑައިގެން ހުންނެވި ސަރަހައްދަކީ މީގެ އަށެއްކަ މަސް ކުރިން އޮތް ގޮތުން، ނުބައިވަހާއި މެހީގެ އުނދަގުލާ ހެދި މަޑުކޮށްލަން ވެސް ނުކެރޭ ސަރަހައްދެއް ކަމަށެވެ. އެކަމަކު، މިހާރު އެކަން ބަދަލުވެފައިވާ ކަމަށް ނަސީމް ފާހަގަކުރެއްވިއެވެ.
ތިލަފުށީގައި ސަރުކާރުން ފަށަން ތައްޔާރު ވަމުން އަންނަ މަޝްރޫއު ނިމުމުން މުޅި ރާއްޖޭގެ ކުނީގެ މައްސަލަ އަށް ވެސް ހައްލު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ އަމާޒަކީ މި މަސް ނިމެންވާ އިރަށް ތިލަފުށީގައި ކުނި އެންދުންހުއްޓުމަކަށް ގެނެސް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި "ގްރީން ސްޕޭސް" އެއްގެ ގޮތުގައި ތަރައްގީ ކުރުމެވެ.
އެރަށުގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވައި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅުގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީން ވަނީ ފަށައިފައެވެ.
ޝައުނާ ކުރިން ވިދާޅުވި ގޮތުގައި ތިލަފުށީގެ ކުންޏާއި ދުމުގެ މައްސަލައަކީ އެތައް އަހަރެއްވެފައިވާ މައްސަލައެއް ކަމަށްވާ އިރު، ތިލަފުށީގެ ދުމަކީ މާލެ އާއި މާލެ ކައިރި ރަށްތަކުގެ ރައްޔިތުންނަށާއި ޓޫރިސްޓުންނަށް އޭގެ ސަބަބުން އެތައް އުނގުލެއްވަމުން ކުރިމަތިވާ މައްސަލައެއް ކަމަށެވެ.
މި މަސައްކަތުގެ ދަށުން، މާލެ، ހުޅުމާލެ، އަދި، ވިލިމާލެ، ވޭސްޓް ޓްރާންސްފާ ސެންޓަރުތަކެއް ގާއިމުކުރާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.އެ ސެންޓަރުތަކުން ތިލަފުއްޓަށް ކުނި ގެންދާއިރު، ކުނި ހުންނާނީ ކޮންޓެއިނަރައިޒް ކުރެވިފައި ކަމަށާއި، އެކަމުގެ ސަބަބުން، ކުނި މެނޭޖްކުރަން ފަސޭހަވެ، ކުނީގެ ވަސް ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަސީމު ދެލޮލަށާއި ބޮލައް ބޭސްކުރައްވަންވީނޫންތޯ..