އެމަނިކުފާނުގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކުރި ކަމުގައި ވިޔަސް، ސަލާމަތާއި ރައްކާތެރިކަމާ މެދުގައި އަދިވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެއެވެ.

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ނަޝީދު އަވަހަރާކޮށްލަން ދިން ނިރުބަވެރި ހަމަލާ އަށް ފަހު، އެމަނިކުފާނު ހަފްތާއެއް ވަންދެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވިއެވެ. އޭގެ ފަހުގައި ނަޝީދު އިތުރު ފަރުވާ އަށް ވަޑައިގަތީ ޖަރުމަނު ވިލާތަށެވެ. ޖަރުމަނު ވިލާތުގެ މިލިޓަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދެވުމަށް ފަހު އިނގިރޭސި ވިލާތަށް ވަޑައިގެން އެ ގައުމުގައި ވެސް ނަޝީދު ވަނީ ފަރުވާ ހޯއްދަވައިފައެވެ.

ނަޝީދު މި މަހު ރާއްޖެ ވަޑައިގެންނެވި އިރު، އެމަނިކުފާނުގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ސިފައިންނާއި ފުލުހުން އެމަނިކުފާނާ އެކުގައި ދަތުރު ކުރައްވާ އިރު، ނަޝީދުގެ ކާރުކޮޅު ކައިރީގައި ވެސް ސިފައިން ވަށާލާފައި ތިއްބަވައެވެ.

މިއީ ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅަކަށް މިހާ ވަރުގަދަ ސެކިއުރިޓީއެއް ދޭ ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅު ކުރިއަށް ވުރެ ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނަށް ދިން ހަމަލާގެ ތަހުގީގު ސަރުކާރުން ކުރިއަށް ގެންދާ އިރު، ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ބައެއް މީހުންނާ ދެކޮޅަށް ދައުވާކޮށް ޝަރީއަތް ކުރަމުން އަންނަ ކަމާއި ތަހުގީގު އެއްކޮށް ނުނިމޭ ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ހަމަލާގައި ބައިވެރިވި އެންމެން ހޯދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އޭގެ ތެރޭގައި ހަމަލާ އަށް ފަންޑު ކުރި މީހުންނާއި ނިރުބަވެރިކަމާ ގުޅުން ހުރި މީހުން ހިމެނޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދަށް ލިބިވަޑައިގަންނަވާ ރައްކާތެރިކަމާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާތޯ ނޫސްވެރިޔާ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ ސެކިއުރިޓީ ކިތަންމެ ވަރުގަދަ ކުރި ކަމުގައި ވިޔަސް އަދިވެސް ރައްކާތެރިކަމާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެން އެންމެން އާދައިގެ ދިރިއުޅުމެއް އުޅެން އެބަ ޖެހޭ." ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް ކުރާ ގޭގައި އިންނަވައިގެން ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ދެއްވި އެ އިންޓަވިއުގައި ނަޝީދު ވިދާޅުވީ އެނބުރި ރާއްްޖެ އައިސް މީހުންނާ ވާހަކަދައްކައި މަޝްވަރާ ވެސް ކުރައްވާފައި ވާނެ ކަމަށެވެ. އަދި ސުލްހަވެރި ހައްލުތަކެއް ހޯދުމަށް އިސްކުރަން ވާނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެން ވެސް އިސްކުރަން ވާނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު.އަޅުގަނޑުމެންގެ މެދުގައި ހުރި ހިޔާލު ތަފާތުވުންތަކާއި މައްސަލަތައް ހައްލުކޮށް، ކުރިއަށްދެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން" ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ައިބްރާހީމް

    ތިޔައީ އަޅެ ފަހެ މިޤައުމަށް ޖެހިފަ އޮތް ބޮޑު ..... ޢެއްނު ތިޔަމީހާ ވެއްޖެއެއްނު ގޮސް ބޭރުޤައުމެއްގަ އޮންނަން މަރަށް ބިރުގަންނަންޏާ

    15
  2. އަހުމަދު

    މި ލާދީނީ މީހުނާއި ހަރުކަށި މީހުން ކޯޅިގެން ހުރިހާ އުނދަގުލެއް މިޖެހެނީ އާންމުނަށް. ނަޝީދައް ހަރަދު ކުރިހާ ފައިސާ އިނގެން ބޭނުން.

    14
  3. އެޑިޓް

    މިތަން ދޫކޮށްފަ ރައްކާތެރިކަމާ އަމާންކަން ލިބޭ ތާކަށް ދޭބަލަ.. އެނިމުނީނު..

  4. ހާސިލް

    މަތިން ހޮނުއަޅާފާނެތީ ބިރެއް ނުގަނޭތަ