ށ. ގޮއިދޫން އިތުރު 15 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރަށަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

ގޮއިދޫ ކައުންސިލްގެ ރައީސް، އިބްރާހިމް ޝާހިދު "ވަގުތަށް" ވިދާޅުވީ، އެރަށުން އެންމެ ފުރަތަމަ ފައްސިވެފައިވާ މީހާއަކީ ފްލޫ ކްލިނިކަށް ދައްކައި ސުންކު ނެގި މީހެއް ކަމަށެވެ. އޭނާ ފައްސިވެފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އޭނާ ފައްސިވުމާއި ގުޅިގެން މިހާތަނަށް 40 ސުންކު ނެގި ކަމަށާއި އޭގެ ތެރެއިން މިއަދު ފައްސިވެފައިވަނީ 15 މީހުން ކަމަށެވެ. މިއާއި އެކީ އެރަށުގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 19 އަށް އަރާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ވޭދަނަތަކާއި ގުޅިގެން ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވީނަމަވެސް، ކައުންސިލަށް ރަސްމީކޮށް އެކަން އަންގާފައި ނުވާ ކަމަށް ޝާހިދު ވަނީ ފާހަގަ ކޮށްފައެވެ.

ޝާހިދު ވިދާޅުވީ، ރަށުން ފައްސިވެފައިވާ މީހުންނާއި ގުޅިގެން މިވަގުތު 38 ގެއެއް ކަރަންޓީނު ކޮށްފައިވާ ކަމަށާއި އަދިވެސް ކަރަންޓީނު ކުރަން ޖެހޭ ގެތަކުގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު