ރާއްޖެ އިން ކޮވިޑް-19 އަށް ޓެސްޓް ކުރާ މީހުންނާއި އަޅައި ބަލާއިރު ފައްސިވާ މީހުންގެ ނިސްބަތް ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ވެސް މައްޗަށް ނުދާ މިންވަރަކަށް މިއަދު މައްޗަށް ހިނގައްޖެއެވެ.

މިއަދު ރާއްޖެ އިން 219 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިރޭ އެޗްޕީއޭ އިން އާއްމުކުރި މައުލޫމާތައް ބަލާއިރު މިއަދު ކޮވިޑަށް ޓެސްޓް ކުރީ 4069 މީހުންނެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން %5.38 މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ. މިއަދަކީ ކޮވިޑަށް ޓެސްޓް ކުރި މީހުންނާއި އަޅައި ބަލާއިރު ފައްސިވި މީހުންގެ ނިސްބަތް ޖޫން މަހުގެ 25 ވަނަ ދުވަހަށް ފަހު %5 އަށް އެރި ފުރަތަމަ ދުވަހެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު ކޮވިޑް ބަލި މީހުންގެ އަދަދު ވެސް މިހާރު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިއަދު ފައްސިވި މީހުންނާއިއެކު މިހާރު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު 1981 އަށް އަރައިފިއެވެ. މިއަދަކީ ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހަށް ފަހު ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ ގިނަވި ދުވަހެވެ.

ކޮވިޑް ބަލި މީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. މިއަދު 33 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއަދަކީ ޖޫން މަހުގެ 24 ވަނަ ދުވަހަށް ފަހު ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން އެންމެ ގިނަ ބަޔަކަށް ފަރުވާ ދެމުންދާ ދުވަހެވެ. ފާއިތުވި 4 މަހާއި 10 ދުވަސް ތެރޭގައި އިތުރުނުވާ މިންވަރަށް ހޮސްޕިޓަލްގައި އެނދުމަތިކޮށްފައިވާ ބަލި މީހުންގެ އަދަދު އިތުރުވެފައި މިވަނީ އޮކްޓޯބަރ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުންނެވެ.

މިހާރު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 88277 އަށް އަރައެވެ. އޭގެތެރެއިން 86040 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު 243 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިރިޔާ ޕޭރަންޓް

    ރާއްޖޭގަ ކޯވިޑް އުޅޭތަ؟ ސްކޫލްތަކުގަ ވެސް ރައްކާތެރިކަމެއް ނެތް... ދަރިފުޅު ބުނީ ދަރިފުޅު ދާ މާލޭގެ ސްކޫލްގަ ހުރިހާ ކުދިން ލައިބްރަރީ އަށް މިހަފްތާގަ ގެންދަން ފެށިއިރު ރޯގާ ޖެހިގެން އުޅޭ ކުދިން މަސްކް ތިރިކޮށްފަ ނެފަތް ފޮހެފަ ލައިބްރަރީ ފޮތުގަ ޔޯ އަތްލަނީ... ސަަބަހޭ ސްކޫލަށް... ކޯވިޑް އަނެއްކާ ގަނިވާއިރު ކޮން ލައިބްރަރީ ގަޑިއެއްތަ މި ނަގަނީ... ކުޑަކުދިންނަށް ވެކްސިން ނުޖެހޭއިރު ލައިބްރަރީ ގަޑި ނަގަން ފެށީ ކީތްކުރަން... ހުރިހާ ކުދިން އަތް ލަން ދެނީ އެއް ފޮތްތަކެއް.. ކިހާ ދެރަކަމެއް... މުހިންމީ ކުއްޖާގެ ކިޔެވުމުގެ ހައްގު... ލައިބްރަރީ އެއް ނޫން...

  2. ސަޓޯ

    ތިޔަ ކަމަކާ ހާސްވެ، މާ ކޮވިޑަށް ބަލާ މީހަކު ނޫޅޭ މިހާރަކު...