ފާއިތުވި ތިން އަހަރު، އެންމެ ބޮޑު އިސްކަމެއް ދިން އެއްކަމަކީ ހިފެހެއްޓެފައި ހުރި މަރުކަޒީ ބާރުތައް ދޫކޮށްލުން ކަމަށާއި، ލާމަރުކަޒީ ނިޒާމަކީ ބައިބައިވުމަށް ހުޅުވޭ ދޮރަކަށްވެގެން ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ވިދާޅުވީ މީގެ ކުރިން މަރުކަޒީ ބާރުތައް ހިފެހެއްޓިފައި އޮތުމަކީ ޖުމްހޫރިއްޔަތު ހެދި ފޯދުމަށާއި އަތޮޅުތަކުގެ ކުރިއެރުމާއި ތަރައްގީއަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

"އަމިއްލަ ކަންކަމުގައި ބަސް ބުނެ، ރައްޔިތުންނަށް ގޮތް ނިންމެން ޖެހޭ. އެކަމަށް އެޅޭ ކޮންމެ ހުރަހަކީ، ޖުމްހޫރިއްޔަތު ފައްކާވުމަށް ކުރިމަތިވާނެ ގޮންޖެހުމެއް" ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކައުންސިލްތަކަށް ބޮޑެތި ބާރު ލިބޭ ގޮތަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވާފައިވަނީ 2019 ވަނަ އަހަރުއެވެ. އެ ގާނޫނު ތަސްދީގުވުމާއެކު ކައުންސިލުތަކުގެ ސަރަހައްދުގެ އިހްތިސާސްގައިވާ އެންމެހާ ގުދުރަތީ އަދި އުމުރާނީ ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ވަނީ ބަދަލުވެފައެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކަށް ގާނޫނީ ބޮޑެތި ބާރާއި، އިހްތިޔާރާއި، އިމްތިޔާޒުތައް ދެވިފައިވާ ކަމަށާއި ކައުންސިލް ބައްދަލުވުންތަކާއި، ޖަޒީރާ ހޮޅުއަށީގެ ޒަރީއާއިން ރައްޔިތުންގެ ބަސް ހޯއްދަވަމުންދާ ކަމަށެވެ. އަދި ނިންމުންތަކުގެ މަރުހަލާގައި އެ ބައްދަލުވުންތަކަށް ރިއާޔަތްވެސް ކުރެވޭ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޖުމްހޫރިއްޔަތު ސީދާ ގޮތުން ރަމްޒުކޮށްދެނީ ފަރުދުން ނުވަތަ ރައްޔިތުން ކަމަށާއި އެ ރައްޔިތުން ބިނާނުވެ، ޖުމްހޫރިއްޔަތު ބިނައެއްނުކުރެވޭނެ ކަމަށެވެ.

"ލާމަރުކަޒީ ނިޒާމަކީ ވަކިވަކިވެ ބައިބައިވުމަށް ހުޅުވޭ ދޮރަކަށް ވެގެންނުވާނެ. ލާމަރުކަޒީ މި ފެށުން ކުރިއަށް އޮތީ ފައްކާވެ ފުރިހަމަވަމުން ދިޔުން"

ޖުމްހޫރީ ދުވަހުގެ ޖަލްސާގެ ތެރެއިން

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން ވޭތުވެދިިޔަ ތިން އަހަރު ހިންގި މައިގަނޑު މަޝްރޫއުތަކުގެ އެންމެ ވަރުގަދަ ބިންގާއަކީ މީހުން ބިނާކުރުމެވެ.

"ތައުލީމާއި، ތަމްރީން އަދި ސިއްހަތަކީ ފުރިހަމަ ރައްޔިތަކު ބިނާކުރުމުގެ ނާރެސް އެ ރައްޔިތުންގެ ގާބިލުކަމާއި، އަރާ އަރަފޯދުމާއި، ކެރިފޯރުންތެރިކަން ބިނާވާނީ، މީހުން މީހުންނަށް ހަދައިގެން. ދިރުންހުރި މުޖުތަމައަކާއި، ޖޯރުހުރި އިގްތިސާދެއްގެ ފެށުމަކީ، ތައުލީމާއި ހުނަރު" ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން އުފެދޭ އަނެއް ފަށަލައަކީ، ސަރަހައްދީ ތަރައްގީ ކަމަށް ވިދާޅުވިއެވެ. މީހުން ދިރިއުޅޭ ރާއްޖޭގެ ފަސް ސަރަޙައްދަކުން ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ލިއްބައިދިނުމަށް ކުރެވޭ މަސައްކަތާއި ހޭދައަކަށް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށާއި. ބޮޑެތި ބައެއް އޮޕަރޭޝަންތައް ކުރުމާއި، ސްޕެޝަލިސްޓް ހިދުމަތްތަކަށް، މާލެ ނައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސިއްޖެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސެން

    ބަރުލަމާނީ ނޒާމް ކިޔަން އުޅެނިކޮށް ކިޔުނީ ލާމަރުކަޒީ އޭ ހެހެހެހެ

  2. ހޮކީކަޅުބެ

    ބައިބައިކޮއް ޕާޓީތަކެއްހަދައިމިހާރު ރައްޔިތުން އަޅުވެތިކޮއް ބޭނުންކަމެއް ކުރަމުންތިގެންދަނީ ދެންކޮން ބައިބައެއްވާނީ އަލުން ރައްޔިތުން އެކަތިގަޑެއްގަތިބިނަމަ އެހުރިހާ ވެންޓިލޭޓަރތައް މީދާކާލަން ދުލެންނުކުރީސް ދުވާލަކު ހޮޓަލް ޖެންއައް 33000 ހާސްރުފިޔާ ޙަރަދުކޮއްގެން ނުހުރެވުނީސް ބައިކުދިންނައް ފަޅުރައްތަކާ ފުލެޓްތަކާ ވަޒީފާތަކެއް ބަހައެއް ނުލެވުނީސް މިސްކިތައް އަރާ އިހާނެތިކޮއް ހިތާ ހިތުހުރިކަމެއް ޙަތިމްތަކައް ނުކުރެވުނީސް ޑުރަގްއެތެރެ ކުރާމީހުން ނާއި ވައްކަންކުރާމިހުންނާއި ވިސާނުދައްކާ ހިތުހުރުގޮތަކައް މިގައުމަކު ނޫލޭވުނީސް ތާރީޙްބައްލަވާ އެހެންވެގެން ނޫންތޯ ޕާޓީތަކެއް ހަދައި ރައްޔިތުން ބައިބައިކޮއް ނިކަމެތިކުރީ