ނިރުބަވެރި އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއާއި ނިރުބަވެރިކަމަށް ފައިނޭންސް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ހދ. ނޭކުރެންދޫ، ޝާޒިން، މުހައްމަދު މުނާޒަށް ޖަލުގައި އަނިޔާ ކުރި ޝަކުވާގެ ސިޓީއެއް ލިބިފައިވި ނަމަވެސް އޭނާގެ ބަންދަށް ލުޔެއް ނުދޭން މައްސަލައާ އަލަށް ހަވާލުވެވެވަޑައިގަތް ގާޒީ އިސްމާއީލް ޝަފީއު ނިންމަވައިފިއެވެ.
މުނާޒުގެ މައްޗަށް ނިރުބަވެރިކަމަށް ފައިނޭންސް ކުރުމުގެ ދައުވާ ކުރަނީ އެމެރިކާގެ ކޯޓަކުން ނިރުބަވެރިއެއް ކަމަށް ކަނޑައަޅާފައިވާ ފަރާތެއް މެދުވެރިކޮށް މުނާޒުގެ އެކައުންޓަށް ފައިސާ ޖަމާ ކޮށްފައި އޮތުމުންނެވެ. އަދި ނިރުބަވެރިކަމަށް ހިތްވަރު ދިނުމުގެ ދައުވާ ކުރަނީ މުނާޒު ބޭނުން ކުރާ ކަމަށް ދައުލަތުން ބުނާ މީސް މީޑިއާ ހޭންޑަލްއަކުން ކޮށްފައިވާ ޕޯސްޓްތަކަކަށް ރިއާޔަތްކޮށްފައެވެ. އެއީ "އަބޫ ޔޫސުފް" ނަމުގައި ހަދާފައި ފޭސްބުކް އެކައުންޓެކެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދެ ބައެއް އޮތެވެ. ފުރަތަމަ އޮތީ އާ ގާޒީއެއް މައްސަލައާ ހަވާލު ވުމުން ޝަރީއަތް ގެންދަވާނެ ގޮތެއް ނިންމެވުމެވެ. ދެން އޮތީ ބަންދު މުރާޖައާ ކުރުމެވެ.
ބަންދު މުޒާރައާގެ ބައި ފައްޓަވަމުން ގާޒީ ވަނީ މުނާޒަށް ޖަލުގައި އަނިޔާތަކެއް ލިބުމުން ކޯޓަށް އާއިލާގެ ސިޓީއެއް ލިބިފައިވާ ކަން ފާހަގަ ކުރައްވައިފައެވެ. ގާޒީއާއި ދިފާއީ ވަކީލު ހުސްނީ މުބާރަކް ވެސް ފާހަގަ ކުރެއްވި ގޮތުގައި އެއީ މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނެއް ތެރެއިން އޮފިސަރުންތަކެއްގެ ފަރާތުން މުނާޒަށް އަނިޔާ ލިބިގެން ފޮނުވާފައިވާ ސިޓީއެކެވެ.
ޖަލުގައި މުނާޒަށް ލިބުނު އަނިޔާތަކާއި އެކަށީގެންވާ ބޭސްފަރުވާ ނުލިބޭތީއާއެކު އަދި މުނާޒަށް ކޮށްފައިވާ ދައުވާއިން ވެސް ޓެރަރިޒަމް އަމަލެއް ހިންގަން އުޅުނު ކަމަށް ބެލެވޭ ވަރުގެ ކަމެއް ނެތް ކަމަށް ފާހަގަ ކުރައްވައި ދިފާއީ ވަކީލު އެދިވަޑައިގަތީ މުނާޒުގެ ބަންދަށް ލުޔެއް ދެއްވުމަށެވެ. އަދި މުނާޒަކީ "ސަލާން ޖަހައިގެން ފައިސާ ހޯދާ މީހެއް ކަމުން" އޭނާ އެމެރިކާ މީހެއްގެ އަތުން ފައިސާ ވެސް ހޯދީ އެ ގޮތަށް ކަމަށް ދިފާއީ ވަކީލު ވިދާޅުވެއެވެ.
އެހެން ނަމަވެސް ގާޒީ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނުލް އުގޫބާތަށް ރިއާޔަތް ކުރެވޭއިރު މިފަދަ މައްސަލަތަކުގައި އޮންނަނީ ބަންދަށް ލުޔެއް ދެވޭ ގޮތަކަށް ނޫން ކަމަށާއި މުނާޒަށް ކުރެވޭ ތުހުމަތަށް ބަލާއިރު އެ ކަން އެ ގޮތަށް ނުކުރަން ނިންމަވާފައިވާ ކަމަށެވެ. އެހެންވިޔަސް އެ މައްސަލަ އަވަހަށް ނިންމަވަން ގާޒީ މަސައްކަތް ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި "ފަރުވާކުޑަ ނުކޮށް" މުނާޒުގެ ބޭސްފަރުވާ ކަންކަން ބަލަހައްޓަން ދައުލަތަށް އެންގެވިއެވެ.
މައްސަލައިގެ އާ ތާވަލު؛ ޖެނުއަރީ މަހު ހުކުމް ކުރަނީ
2019 ވަނަ އަހަރު ފެށި މި ޝަރީއަތް މިހާރު ހަވާލުވެވަޑައިގަތް ގާޒީ އިސްމާއީލް ޝަފީއުއަކީ ދާދި ފަހުން ކްރިމިނަލް ކޯޓަށް އައްޔަން ކުރި ގާޒީއެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ފުރަތަމަ ނިންމެވި ކަމަކީ ޝަރީއަތް އަލުން ފެށުމުގެ ބަދަލުގައި ކުރިން ކުރިއަށް ގޮސްފައި އޮތް ހިސާބުން މައްސަލަ ގެންދިއުމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ގާޒީ ބަދަލު ވުމުން، ޝަރީއަތް ގެންދަވާނެ ގޮތެއް ނިންމަވަން ލާޒިމު ކޮށްފައި އޮންނާތީއެވެ.
މީގެ އިތުރުން، މީގެ ކުރިން ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ރައްކާތެރިކޮށްފައިވާ ތިން ލިޔުމެއް ދިރާސާ ކުރަން ދިފާއުން އެދިފައިވާތީ ގާޒީ ވަނީ މި މަހުގެ 22 ވަނަ ދުވަހު މެންދުރު 1:00 ގައި ކޯޓަށް ހާޒިރުވެގެން އެ ލިޔުންތައް ދިރާސާ ކުރާ ގޮތަށް އިންތިޒާމު ހަމަޖައްސަން ނިންމަވައިފައެވެ. މި ތާރީޚު ކަނޑައެޅީ ދިފާއާ މަޝްވަރާކޮށް ދިފާއީ ވަކީލުގެ ތާވަލުން އެންމެ އަވަހަށް ހުސްކޮށް އޮތް ދުވަހެއް ބެލުމަށް ފަހުގައެވެ.
މި ތިން ލިޔުމަކީ މި މައްސަލާއިގެ ތަހުގީގުގެ މައްޗަށް އެކުލަވާލާފައިވާ ތިން ރިޕޯޓެކެވެ. އެއް ރިޕޯޓަކީ މުނާޒުގެ އެކައުންޓުން ކޮށްފައިވާ މުއާމަލާތްތަކުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ. އަނެއް ރިޕޯޓަކީ މުނާޒު ބޭނުން ކުރާ ކަމަށް ބެލެވޭ މީސް މިޑީއާ އެކައުންޓްގެ ޕޯސްޓްތަކާ ގުޅޭ ގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ. ތިންވަނަ ރިޕޯޓަކީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
މިއަށް ފަހު މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 1:00 ޖަހާއިރު ކިތާބީ އެ ހެކިތަކާ ގުޅޭ ގޮތުންނާއި މައްސަލާގައި ހުށަހަޅާފައިވާ ހަމައެކަނި ޝަފަވީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކަން އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި ޚުލާސާ ބަޔާން އިއްވުމުގެ ޝަރީއަތް ޑިސެމްބަރު މަހުގެ ތެރޭގައި ތާވަލު ކުރާނެ ކަމަށާއި މައްސަލައިގެ ހުކުމް އިއްވަން ޖެނުއަރީ މަހުގެ ތެރޭގައި އަޑުއެހުމެއް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މަ ވެއްޖެ މިކަހަލަ މީހުންގެ ދިފާޢީ ވަކީލުން ދައްކާ ވާހަކަ އަޑުއަހާލަން ކޯޓުތަކަށް ދާން. އޭރުން އަލިފް ލައިލާގެ މުޅިން އާ ވާޝަނެއް ލިޔެލެވޭނެ! ...... މުނާޒު ފައިސާ ހޯދަނީ ސަލާންޖަހާގެނޯ! އެމެރިކާ މީހެއްގެ އަތުންވެސް ފައިސާ ހޯދީ ހަމަ އެގޮތަށޯ! ....... ސަޅިއެއްނު!
މިކަހަލަ ކުޑަ ޤައުމެއްގެ މިވަރު ކަމެއްގެ ތެރެއަށް އެމެރިކާގެ ނުފޫޒު ފޯރަންޖެހޭ ކަމަށް ގަބޫލެއް ނުކުރެވޭ. ދުނިޔޭގެ އެތައް ޤައުމެއްގައި އެތައްހާސް މުސްލިމުންނެއް މަރާލާފައިވާ ބަޔަކު، އެހެން މުސްލިމު ޤައުމަކަށް ހެޔޮއެދޭނެކަމަށް ޤަބޫލުކުރާނީ ޙަޤީޤީ ޓެރަރިސްޓުން.
ވަރަށް މަޖާވާނެ!. އެއުޅޭ ޕީ.ޕީ ޕަޕެޓު ހުސްނީ މުބާރަކްގެ ވާހަކަ މިކަހަލަ އަޑުއެހުމަކުން ބަލާލީމަ އޭނަގެ ފެންވަރާ ތެދުވެރިކަން ނިކަން ރަގަޅަށް ސާފްވާނެ!