ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ހިމެނޭ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެއް ބަޔާނެއް ނެގިފައިވާ ކަމަށް ބެލެވޭތީ އެކަން ސާފުކޮށް އެ ބަޔާނުގެ މައުލޫމާތުތައް ދިފާއަށް ފޯރުކޮށްދޭން ޝަރީއަތުން ނިންމަވައިފިއެވެ.

ނިހާންގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑާ ކުރި ކަމުގެ ދައުވާއެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ 36 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ނިހާންގެ މައްޗަށް އަންނާނެއެވެ.

މި ދައުވާތައް އޭނާގެ މައްޗަށް އުފުލާފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ހިމެނޭ މުއަމާލަތްތަކާއި ގުޅިގެން ކަމަށް ދައުލަތުން ވިދާޅުވެއެވެ. އަދި އަދީބަކީ މި ޚިޔާނާތުގެ މޭސްތެރިޔާ ކަމުގައި އެއްބަސްވެވަޑައިގެން، ދައުލަތާއެކު ކުށުގެ އިއުތިރާފް އެއްބަސްވުމެއް ހަދާފައިވާ ބޭފުޅެކެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް ނިހާންގެ މައްސަލައިގެ އަޑުއެހުމަކީ ހެކި ހާމަކުރަން ތާވަލު ކުރި އަޑުއެހުމެކެވެ. އެހެން ނަމަވެސް ހެކި ހާމަ ކުރުމާއި ހުށަހެޅުމުގެ ކުރިން ބައެއް މައުލޫމާތުތައް ދިފާއަށް ދެއްވުމަށް ދިފާއީ ވަކީލުން އެދިވަޑައިގަތެވެ.

ކޯޓުގައި އޮތް އަޑުއެހުމުގައި ނިހާންގެ ދިފާއީ ވަކީލު ހުސްނީ މުބާރަކު ވަނީ ހެކި ހާމަކުރުމުގެ ދެ ފޯމެއް ހުށަހަޅުއްވާފައިވާ ކަން ފާހަގަ ކުރައްވައިފައެވެ. ދެ ފޯމުގައި ހިމެނެނީ ވަރަށް އާންމު މައުލޫމާތުތަކަށްވާއިރު، މީގެ ކުރިން ޕީޖީ އޮފީހުގައި އެދިވަޑައިގެން އެ މައުލޫމާތު ނުލިބުނު ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ފުރަތަމަ ފޯމުގައި އެދިފައިވަނީ އެ މައްސަލާގައި އިތުރު ބޭފުޅަކަށް ދައުވާ އުފުލާފައިވޭތޯއާއި ދައުލަތުން ކުށުގެ އިއުތިރާފް އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވޭތޯ ސާފު ކުރުމަށެވެ. ދެވަނަ ފޯމުގައި ވަނީ، މި މައްސަލާގައި ސައިމަން އެޗްކިންސް ނަމަކަށް ކިޔާ ބޭރުގެ މީހެއްގެ ޕެން ޑްރައިވްގައި ހިމެނޭ ޑޭޓާތަކުގެ މައްޗަށް ތަހުގީގު ރިޕޯޓް އެކުލަވާލާފައިވާތީ އެ މީހާއަކީ ކާކު ކަން ސާފުކޮށްދިނުމަށެވެ.

މި ހުށަހެޅުއްވުމާ ގުޅިގެން ދައުލަތުގެ ވަކީލު މަރިޔަމް ޝަހުމާ ވިދާޅުވީ، އަދީބުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއެއް އުފުލީ އެމްއެމްޕީއާރުސީ ޚިޔާނާތުގައި ހިމެނޭ ގިނަ މައްސަލަތަކަކާ ގުޅުވައިގެން ކަމާއި، މި މައްސަލައާ ގުޅިގެން އަދީބުގެ ބަޔާނެއް ނަންގަވާފައި އޮންނާނެ ކަމަށެވެ.

ދިފާއީ ވަކީލު މުބާރަކު ދެން ވިދާޅުވީ ދާދި ފަހުގެ ތާރީޚެއްގައި ވެސް މައްސަލައާ ގުޅިގެން އަދީބުގެ ބަޔާނެއް ނެގިފައި އޮތް ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އެހެންވެ އެ ކަން ސާފުކޮށް ބަޔާނެއް ނަގާފައިވާނަމަ އޭގެ މައުލޫމާތުތައް ވެސް ޚިއްސާކުރަން ތިންވަނަ ފޯމެއް ހުށަހަޅުއްވަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އަދީބުގެ ހެކި ބަސްތައް އެކި ދުވަސްތައް ނަގަމުންދާ ކަމަށެވެ. އެހެންވެ އެ މައްސަލައާ ގުޅިގެން ދިފާއުން ފާހަގަ ކުރައްވާ ތާރީޚެއްގައި ބަޔާނެއް ދީފައި އޮތް ކަން ދައުލަތުން ވެސް ބަލަން ދުވަސްކޮޅެއް ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.

ދައުލަތާއި ދިފާއުއާ މަޝްވަރާ ކުރެއްވުމަށް ފަހު، ދިފާއުގެ ތިން ފޯމުގައި ވެސް ހިމެނޭ ކަންކަމުގެ މައުލޫމާތު 10 ދުވަހުގެ މުއްދަތެއް ތެރޭގައި ލިޔުމުން ޝަރީއަތަށާއި ދިފާއަށް ޚިއްސާ ކޮށްދޭން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވިއެވެ. އަދި އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހެކި ހުށަހަޅަން ތައްޔާރުވާން 10 ދުވަހުގެ މުއްދަތެއް ދިފާއަށް ދެއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

އެހެންވެ މި މައްސަލާގައި ދެން އަޑުއެހުމެއް އޮންނާނީ 20 ދުވަސް ފަހުގެ ތާރީޚެއްގައި ކަން މައްސަލަ ބައްލަވާ ގާޒީ ފާހަގަ ކުރެއްވިއެވެ. ހެކި ހުށަހެޅުމާއި ޝަރީއަތަށް ހާމަ ކުރުމުގެ މަރުހަލާ ފަށާނީ އެ އަޑުއެހުމުގައި ކަމަށް ގާޒީ ވިދާޅުވިއެވެ. އެއަށް ފަހުގެ މިއަދުގެ އަޑުއެހުން ނިންމަވާލެއްވިއެވެ.

މިއަދުގެ އަޑުއެހުން އެންމެ ފުރަތަމަ ބޭއްވީ އޮންލައިންކޮށެވެ. ކޯޓަށް ހާޒިރުވެވަޑައިގަތީ ނިހާން އެކަންޏެވެ. ނިހާންގެ ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުން ބައިވެރިވެވަޑައިގަތީ އޮންލައިންކޮށެވެ. އެކަމަކު ދައުލަތުން ހާޒިރުވެވަޑައިގެންނެވި ދެ ވަކީލުން ޝަރީއަތަށް ނުފެންނަ ބައެއްގެ އެހީތެރިކަން ހޯދާ ކަމުގެ ތުހުމަތު ކުރުމުން، ދެ ފަރާތާއި ވެސް ވާހަކަ ދެއްކެވުމަށް ފަހު ގާޒީ ނިންމެވީ ކޯޓަށް ހާޒިރުވެގެން އަޑުއެހުން ގެންދިއުމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ވިލިމާލެ ދާއިރާ ތަމްސީލް ކުރެއްވި ނިހާންގެ މައްޗަށް ވެސް ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ކަމުގެ ތުހުމަތު ކުރެވޭއިރު، އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ. ނިހާންގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައެވެ.

ނިހާންގެ ރޮލެކްސް ގަޑިއާއި ލަގްޒަރީ އެޕާޓްމެންޓާއި 70 މިލިއަން ރުފިޔާ ދައުލަތަށް ނަގަން ޕީޖީއިން ވަނީ ކޯޓުގައި އެދިވަޑައިގެންފައެވެ.