ވޭތުވެދިޔަ ތިން އަހަރަކީ މި ގައުމު މިހާތަނަށް ނުދެކޭ ނޫރާނީ އަލިކަމުން އަލިކޮށް، ރައްޔިތުންގެ ހިތްތައް ޝުކުރުން ފުރާލި ކާމިޔާބު ތިން އަހަރު ކަމަށް ރާއްޖޭގެ ބައެއް ކައުންސިލުތަކުން ބުނެފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން އެމަނިކުފާނު އުފަން ރަށް ޅ. ހިންނަވަރު ހިމެނޭ ހެން ގިނަ ކައުންސިލްތަކުން ވަނީ މަރުހަބާ ކިޔައި ބަޔާން ނެރެފައެވެ. އޭގެ ތެރޭގައި ހިންނަވަރު ކައުންސިލް އިދާރާގެ އިތުރުން ހއ. ހޯަރަފުށި ކައުންސިލް، ގއ. ދާންދޫ ކައުންސިލް، ބ. ކުޑަރިކިލު، ހއ. މުރައިދޫ ކައުންސިލް، ކ. މާފުށީ ކައުންސިލް އަދި އއ. އަތޮޅު ކައުންސިލް ހިމެނެއެވެ.

ހިންނަވަރު ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ގަދަ ފަދަ ތޫފާނެއްގެ ތެރެއިން މި ގައުމުގެ މިސްރާބު އަމާން އޮމާން އައްސޭރިއަކަށް ގެންދެވި ގެންދެވުން، ހިންނަވަރު ކައުންސިލާއި ރައްޔިތުން މަނިކުފާނަށް ޝުކުރާއި ތަހުނިޔާ ދަންނަވަނީ ހިތްތައް އުފަލުން ފުރިގެން ކަމަށެވެ.

"މަނިކުފާނު ރާއްޖޭގެ ވެރިކަމުގައި ހޭދަކުރެއްވި ތިން އަހަރަކީ މި ގައުމު މިހާތަނަށް ނުދެކޭ ނޫރާނީ އަލިކަމުން އަލިކޮށް، ރައްޔިތުންގެ ހިތްތައް ޝުކުރުން ފުރާލި ކާމިޔާބު ތިން އަހަރެވެ." ހިންނަވަރު ކައުންސިލްގެ ހަތް ކައުންސިލަރުން ސޮއިކޮށް ނެރުނު ބަޔާނުގައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރަށެއްގައި. --- ފޮޓޯ: ރައީސް އޮފީސް

އެ ކައުންސިލުން ބުނި ގޮތުގައި ދަތިކަމާއި އުނދަގޫ ކަމުގެ ވަގުތުގައި ރައީސް ސޯލިހް ރައްޔިތުންގެ އައްޑަނައަކަށް ވެވަޑައިގެން ކުރެއްވި މަސައްކަތްތަކަށް އައްސަރިބަހާއި ސާބަހެވެ. ފާއިތުވެގެން މިދިޔައީ މި ރާއްޖޭގެ އެންމެ ކާމިޔާބު ސަރުކާރުގެ އަގު ނުކުރެވޭ ތިން އަހަރެވެ،" ބަޔާނުގައިވެއެވެ.

އެހެން ކައުންސިލްތަކުން އާންމު ކުރި ބަޔާންތަކުގައި ވަނީ ކޮވިޑް-19 ގެ ދަތި ހާލުގައި ވެސް ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތަކާއި ކުރިއަށް ގެންދާ މަޝްރޫއުތައް ފާހަގަކޮށްފައެވެ.

އަދި މާތްވެގެންވާ އިސްލާމް ދީން ރައްކާތެރިކޮށް، ގައުމުގެ މިނިވަންކަމާއި، ރައްޔިތުންގެ މެދުގައި އެކުވެރިކަން ދެމެހެއްޓުމާއި، ސުލްހަ މަސަލަސްކަން ގާއިމްކުރުމަށާއި، ގައުމުގެ ރައްޔިތުންނަށް ތަރައްގީ އާއި ފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކައުންސިލްތަކުން ފާހަގަ ކޮށްފައިވެއެވެ.

ކުޑަރިކިލު ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ސަރުކާރުން އެންމެ ފިޔަވަޅެއްވެސް ފަހަތައް ނުޖެހި މަސައްކަތް ކޮށްފައިވާކަން ފާހަގަ ކޮށްފައެވެ. އަދި މާލީގޮތުން އެތަކެއް ގޮންޖެހުންތަކާ އެކުވެސް މިނިމަމް ވޭޖް ކަނޑައަޅައި، ސަރުކާރުގެ ވައުދުތައް ފުއްދަމުންދާކަން އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރަށެއްގައި. --- ފޮޓޯ: ރައީސް އޮފީސް

މާފުށީ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ އެ ރަށުގައި އެންމެ ގިނަ މަޝްރޫއުތަކެއް ހިންގާފައި ވަނީ މި ތިން އަހަރުގެ ތެރޭގައި ކަމަށެވެ. އަދި 2010 ވަނަ އަހަރު މާފުށީގައި އުފެދުނު ގެސްޓްހައުސް ވިޔަފާރި އިތުރަށް ފުޅާވެ ތަރައްގީވެފައިވާ ކަން ކައުންސިލުން ފާހަގަކުރިއެވެ.

ހޯރަފުށީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ އިގްތިސާދުގެ މައި ދޮރާށީގައި ކަސްތޮޅު އެޅި، ބަންދުވެފައިވާ ކޮވިޑްގެ އެންމެ ނާޒުކު ހާލަތުގައި ވެސް ހިކުމަތްތެރިކަމާއެކު ރައީސް ސޯލިހް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއެކު ރައްޔިތުންނަށް ދެއްވި ހާއްސަ އިނާޔަތްތަކާއި ލުއި ފަސޭހަތަކަކީ ވެރިއެއްގެ ހެޔޮފުޅު ކަމުގެ ދިރިހުރި މިސާލެއް ކަމަށެވެ.

ގަރުނުތަކެއް ވަންދެން ވެރިކަމުގެ ބާރުތައް މުށުތެރޭގައި އޮތް އޮތުން މޮހާލައި ހަގީގީ ބާރުވެރިކަން ރައްޔިތުންނަށް ދެއްވި ހަމައެކަނި ވެރިއަކީ ރައީސް ސޯލިހް ކަމަށް ހޯރަފުށި ކައުންސިލްގެ ބަޔާނުގައިވެއެވެ. ރާއްޖެ ތަރައްގީ ކުރުމުގައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ވެރިކަމުގައި މުޅީން އާ ރިކޯޑުތަކެއް ހާސިލް ކުރެއްވި ވެރިއަކީ ރައީސް ސޯލިހްކަމާ މެދުގައި ޝައްކެއް ނެތް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ތިޔަ ކައުންސިލަރުން ތިޔަތިބީ މަސްތުވާ އެއްޗެއް ނުބުއި ކަމަށްވިޔަސް މަސްތުވެފަ ، އަދި ވީއެއްމެ އަވަހަކަށް ކަލޭމެން ލޮލުގެ ޑޮކްޓަރަކަށް ދައްކާ ލޮލަށް ބޭސްކުރޭ

    24
    7
  2. މުރާސިލް

    ކިތައްމެ ވަރަކަށް ޕީއާރު ސްޓަންޓް ޖެއްސިއަސް އަހަރެމެން މިތިބީ އަދި ދެލޯކަނުވެ ބީރުވެ ވާނުވާ ނޭންގޭ ހާލަތުގައެއް ނޫނެވެ. ތިޔަ ކައުންސިލްތަކުން ކަމިޔާބާއި ނާކާމިޔާބު ދަސްކުރަން ޖެހެއެވެ. ތިޔަކަހަލަ ކިތައްމެ ބަޔާނެއް ނެރުނަސް ތިޔަ ކައުންސިލްތައް ނިސްބަތްބާ ރަށްރަށުގެ ރައްޔިތުންވެސް ތިބީ މިސަރުކާރު ވައްޓާލަން ބޭނުންވެ ވޯޓުކަރުދާސްކޮޅު އަތަށް އަރާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ޤައުމުގެ މިނިވަންކަން ކުޑަ ފައިސާ ކޮޅަކަށް ވިކާލި ވެރިއަކަށް ދިވެހިން ދޭނެ ޝަރަފެއް އިއްޒަތެއް ނޯންނާނެއެވެ.

  3. ހުސޭނުބޭ

    ބަލަދުއަރާ ކައުންސިލްތަކުން ތަހްނިޔާ ކީމާ ދެން އެއޮތީ ސޯލިބޭގެ ވަޢުދު ފުއްދިފައިދޯ!........... ހަޤީޤަތުގައި ތި ކައުންސިލްތަކުން އެތެރެއަށް ރޯނެ! ބުނާނެ ޔާމީނު ކޮށްދިންވަރާ ގާތަކަށްވެސް މަސައްކަތެއް ނުކޮށްދެޔޭ!

  4. ހެހެހެ

    އަހަރުމެންގެ ކައުންސިލަރު ބުނީ އެންމެގިނައިން މިސްކިތްތައް ބަންދުކުރި 3 އަަހަރުކަމަށް އަދި އެންމެ ގިނަ ކުއްލިމަރުތައް ގިނަވި 3އަހަރުމަށް

  5. ކަޅުބެ

    ފައިސާދިނީމަ އެމީހުން މިހާރުތިހިން ބުނެފާނެ އެއީ ވަޒީފާގެ ދަހިވެތިކަމުގަ ސޯލިހުގެ 3:އަހަރުގެ ވެރިކަމަކީ ގައުމަށް ހީނަރުކަމާއި ނާމާން ކަންގެނުވި 3 އަހަރު ހުރިހާރަށްޔަތުން އެހެންބުނޭ މިހާރުވެސް ސާވޭއެއް ކޮށްބަލަ..