ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ އުުފުލައި ކްރިމިނަލް ކޯޓުން އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ކުރި ހުކުމުގެ އަސްލު ގުޅިފައި އޮތް ޗެކް އެސްއޯއެފްގެ އެކައުންޓަށް ޖަމާވިތޯ މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދައުލަތާއި ސުވާލު ކޮށްފިއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ އުުފުލައި ކްރިމިނަލް ކޯޓަށް ހުށަހެޅުނު ލިޔުމުގައި ޑިޕޮސިޓް ސްލިޕްގައިވާ ޗެކް ނަމްބަރާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަމްބަރާއި ދިމާނުވި ނަމަވެސް ޔާމީނަށް ޖަމާވީ ވޮޑަމުލާގެ ފައިސާކަން އެނގޭ ކަމަށް މިއަދު ދައުލަތުން ސުޕްރީމް ކޯޓުގައި ވަނީ ވިދާޅުވެފައެވެ.

ޔާމީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ކުރިއަށް ގެންދާ މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށް ފަހު މިއަދު އިތުރު އަޑުއެހުމެއް ބޭއްވީ މައްސަލަ ދިރާސާ ކުރުމުގެ ތެރެއިން އިތުރު ކަމެއް ފާހަގަ ކުރެވުމުންނެވެ. އެއީ ޗެކް ނަމްބަރު ދެލިޔުމެއްގައި ދެގޮތަކަށް އޮތުމުންނެވެ.

ޔާމީންގެ ފަރާތުން ކުރިން ވެސް ސުޕްރީމް ކޯޓުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި ޔާމީންގެ އެކައުންޓަށް ޖަމާވެފައި ވަނީ ގދ.ވޮޑަމުލާގެ ފައިސާކަން ދައުލަތައް ސާބިތު ކޮށްދެވިފައެއް ނުވެއެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ދައުލަތާއި ސުވާލު ކުރެއްވީ ޑިޕޮސިޓް ސްލިޕްގައި އޮތް ޗެކް ނަމްބަރާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަމްބަރު ދިމާނުވަނީ ކީއްވެތޯއެވެ. އަދި މިޗެކަކީ މިމައްސަލައިގައި ހިމެނޭ އެއްމިލިއަން ޑޮލަރުގެ ޗެކްތޯ ފަނޑިޔާރު މަހާޒް ސުވާލު ކުރެއްވެވިއެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލް އަހްމަދު ނައުފަލް ވިދާޅުވީ ސުޕްރީމް ކޯޓުން ހިއްސާ ކޮށްފައިވާ ޗެކަކީ މިމައްސަލައިގައި ވާހަކަ ދެކެވޭ އެއްމިލިއަން ޑޮލަރުގެ ޗެކް ކަމަށެވެ.

އެސްއޯއެފްގެ ބޭންކް އޮފް ސްޓޭޓްމަންޓްގެ ޗެކްގެ ނަމްބަރާއި ޑިޕޮސިޓް ސްލިޕްގައި އޮތް ނަމްބަރު ދިމާނުވާ ކަމަށް ދައުލަތުގެ ވަކީލް ވެސް މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި އިއުތިރާފްވެ ވަޑައިގެންނެވިއެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ ދައުލަތުން ބެލި ބެލުމުން ފާހަގަ ކުރެވިފައިވާ ގޮތުގައި ޗެކަކީ މޮރިޝަސް ކޮމާޝަލް ބޭންކްގެ ޗެކެއް ކަމަށާއި އެޗެކް އެންޓަރ ކުރިއިރު ހަތަރަކާއި ފަހެއް އޮޅިފައި އޮތް ކަމަށް ދައުލަތުން ބެލި ބެލުމުން އެނގޭ ކަމަށެވެ. "ދައުލަތައް ގަބޫލު ކުރެވެނީ އެންޓަރ ކުރުމުގައި ދެއަކުރުގެ އޮޅުމެއް އޮތީ ކަމަށް." ދައުލަތުގެ ވަކީލް ނައުފަލް ވިދާޅުވިއެވެ.

އެހެން ލިޔުންތަކަށް ބަލާއިރު ވެސް މިއީ އެއްމިލިއަން ޑޮލަރުގެ ޗެކް ކަން އެނގޭ ކަމަށް ތަކުރާރުކޮށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. "އަހްމަދު އިސްފާން އާއި މިޗެކް ހަވާލު ކުރިކަމަށް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަހުން ވެސް އެބައެނގޭ." ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުވާ ކުރިއިރު އެކަން ފާހަގަ ކުރެވިފައި ނުވާ ކަމަށާއި ނަމަވެސް ފަހުން އެމައުލޫމާތު ތަހްގީގު ކުރާ އިދާރާތަކުން ކަށަވަރު ކުރެއްވި ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ ޔާމީންގެ މައްޗަށް ދައުވާ އުފުލިއިރު މިޗެކް ދައުލަތައް ލިބިފައި ނެތް ކަމަށެވެ.

ނަމަވެސް ފަނޑިޔާރު މަހާޒް ވަނީ ޔާމީންގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން ދައުލަތައް މިޗެކް ލިބިގެން އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާ އުފުލިކަން ފާހަގަ ކުރައްވާފައެވެ. އެކަން ފާހަގަ ކުރެއްވުމުން ދައުލަތުގެ ވަކީލް ވިދާޅުވީ ޒިޔަތުގެ މައްސަލަ ދިރާސާ ކުރީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ޔާމީންގެ މައްސަލަ ދިރާސާ ކުރި ވަކީލުން ނޫން ކަމަށާއި އެހެންވެ ޒިޔަތުގެ މައްސަލައިގައި ޗެކް ލިބިފައި އޮތްކަން ޔާމީންގެ މައްސަލަ ދިރާސާ ކުރި ވަކީލުންނަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

އެކައުންޓް ސްޓޭޓްމަންޓްގެ އެހެން ކަންކަމަށް ބަލާއިރު އެއީ އެމްސީބީގެ ޗެކެއް ކަން އެނގޭތޯ ވެސް ފަނޑިޔާރު މަހާޒް ދައުލަތާއި ސުވާލު ކުރެއްވިއެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން އެއްޗެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ކޮންމެ ވަކީލަކީ ވަކި ދައުލަތެއް ނޫން ކަމަށާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ކޮންމެ މައްސަލައެއްގެ ކޮންމެ ލިޔުމެއް ލިބުނު ނަމަވެސް އެލިޔުމެއް ހިއްސާ ކުރެވެން ޖެހޭނެ ކަމަށެވެ.

ޝިޔާޒް ވިދާޅުވީ ޗެކް ނަމްބަރު އޮޅިފައި އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެފަދަ އޮޅުމެއް އޮތް ނަމަ ކްރިމިނަލް ކޯޓުގައި އެކަން ފާހަގަ ކުރެއްވީސް ކަމަށް ޔާމީންގެ ވަކީލް ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފް މައްސަލައިގައި މިމަސް ތެރޭގައި ހުކުމް ކުރެވޭނެ ކަމަށް އަދިވެސް އުއްމީދު ކުރައްވާ ކަމަށް ފަނޑިޔާރު މަހާޒް މިއަދު ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ސާރާ

    މިވަގުތުން މިވަގުތަށް ޔާމީން ދޫކޮށްލާ! ދައުލަތް ތިއޮތީ ޖަގިޔާވެސް ބޭލިފަ

    121
    1
  2. ސާދުނާ

    ހަހަ... ޗެކްނަންބަރު ދިމާނުވިޔަސް ޖަމާވާ ސިސްޓަމް ބޭންކްތަކުގައި ހުރިކަން މިހާރު އެނގިއްޖެ.. ތަހުގީގު ޓީމުން ރެޔާއި ދުވާލު މަސައްކަތް ކުރާއިރު އެއީ އެމްސީބީ ގެ ޗެކެއްކަން ނުވަތަ ނޫންކަން ދައުލަތަކަށް މިއަދާހަމަޔަށް އެނގިފައެއްނެތް.. ދެން މިކިޔަނީ، އެއީ ހަމަ އެޗެކް ، އަހަރެމެން މި އަހަނީ ކޮން ޗެކެއްހޭ،، ދަލަތުން ބުނަނީ އެއީ ހަމަ އެޗެކޭ.. މީހަކު އަޅެ ހޭބައްޔެއްނުވާނެތަ؟؟

    113
    2
  3. އަލި އާދަމް

    އަތަށް ގޮވީ ފަނޑިޔާރު މަހާޖް އަހާލަބަޅަ ސަރުކާރު ވަކީލު ގެ އަރިހު މިއަދު ސަރިއަތުގެ މަޖިލިހަށް ވަޑައިގަތީ އަމިއްލަގޮތުންތޯ ނޫނީ ސަރުކާރު ތަމުސީލު ކުރާމީހެއްގެގޮތުގަތޯ. ދޮގުހަދާމީހުނާ އޮޅުވާލާ މީހުނަށް މާތްﷲ ގެ ކޯފާ ގެ ބޮޑުކަން ސަރުކާރު ގެ ވަކީލަށް އެގިނުލައްވަނީތޯއެވެ. އެހެންވީމާ ސަރުކާރުގެ ވަކީލުން އެބަޖެހޭ ޔާމީން ގެ ބޭބެ އަލްއުސްތާޖް މައުމޫން ޢަބްދުލްގައްޔޫމް އާއި ބައްދަލު ކޮއްފަ އެކަންއޮޅުންފިލުވަން؟؟؟؟؟؟ ސުކުރިއްޔާ

    88
    3
  4. ލުޠުފީ

    ޗެކް ނަންބަރު އެންޓަރ ކުރުމުގައި އޮޅިފައިވާ ނަމަ ބޭންކުން އެކަން ރަނގަޅު ކުރުމަށް ޗެކް ޖަމާކުރިފަރާތާއި ގުޅައިގެން ޑިޕޮސިޓް ސްލިޕް ގެންގޮސް އަލުން ސްލިޕް އިސްލާހް ކުރާނެ. މިއީ އަހަރެންނަށް އަލަށް ދިމާވި ކަމެއް ނޫން. ދެތިން ފަހަރަކު މިކަން މިގޮތަށް ދިމާވެފައިވާތީ މިކަން ހިނގާ ގޮތް ވަރަށް ރަނގަޅަށް އެނގޭ. ބޭންކަށް އެކަން ފާހަގަވާނެ. އަދި އިސްލާހުކުރާނެ. މިހާ ދުވަސްވާއިރު ޗެކް ނަންބަރު އެންޓަރ ކުރުމުގައި އަރާފައިވާ އޮޅުމެއް އެގޮތަކަށް ނޯންނާނެ.

    99
    3
  5. އަހުމަދު

    ދައުލަތުގެ މޮޅުކަމާއެވެ. ދައުވާ ކުރާތީ މަށަށް ދެރައީ

    78
    1
  6. Anonymous

    ލޯ ލެސް ސްޓޭޓް ނޯނޭމްސިޓީ ސަދޫމު

    69
    1
  7. މުޖުތަމަޢު

    ﷲ އަކްބަރު..މިހިރަ ގޮވަނީ އަތަށް..

    101
    1
  8. ޢަދުރޭ

    ވާހަކަ އެއް ދައްކާނެ ކަމެއް ނެތް 2023 ގެ ރިޔާސީ އިންތިޚާބަށް ފަހު. އެމްޑީޕީ ތި ކިއާ ޕާޓީ ޑީއާރްޕީ އާވެސް ޙަވާލްވި ޢަބްދުﷲ ޖާބިރާ ޙަވާލް ކުރަން ތައްޔާރަށް ތިބޭ

    72
    2
  9. ކެޔޮޅު

    ރައީސް ޔާމީނު ވަގުތުން މިނިވަންކޮއް މިޖަރީމާ ހިންގި މީހުން ހައްޔަރުކުރޭ!!!

    82
    1
  10. ޭއަހުމަދު

    ޢަޅުގަޑުގެ ސުވާލަކީ ދަށު ކޯޓު ތަކުން ތިހުކުމް ކުރިއިރު ޗެކު ނަމްބާރ އާއި ސްޓޭޓްމެންޓްގެ އިން ނަމްބަރ ރަގަޅަށް ބައްލަވާފަ ތޯއޭ ހުކުމް ކޮށްފަ ތިއޮތީ؟ އެބުނާ ޗެކްގެ މައްސަލައެއްގަ ހަމަބުއްދި ހުރި ކޮންމެ އިންސާނަކަށް ގަބޫލު ކުރެވޭނެ ތިސާބިތު ނުވާކަމަށް.ކިހާ ބޮޑު އަނިޔާއެއްތޯ ތިދެއްވީ އެމަނިކުފާނަށް

    84
    1
  11. އަފީ

    ރައީސް ޔާމީނަށް ނުހައްގުން ކުރި ދައުވާގައި ދައުލަތެއް ފަލީހަތްވެ އޮރިޔާންވެ ނިމިއްޖެ. ބަޔަކު މީހުން އަތަށް ގޮވައި ނިމިއްޖެ. ވަގުތުން ވަގުތަށް ރައީސް ޔާމީން ދޫކޮށްލާ!

    18
    1
  12. ސިރިސޭނާ

    ރޔ ދޫކޮށް ލާފިއްޔާ ސަރުކާރު ވެއްޓެނެ އެހެންވެ ވިއްދާފަ ހުރި ސަޕޯޓެއް

    18
  13. އަހުސަން

    ރައީސްޔާމީން ވަގުތުން ވަގުތައް ދޫކޮއްލާ އެމަނިކުފާނަކީ ކުއްވެރިއެއްނޫންކަން މިރުވެސް ސާބިތުވެއްޖެ ކުރިން ހުކުމްކުރިއިރުވެސް ބުނިން އެމަނިކުފާނުންގެ މައްޗައް ހުކުމް ކުރީ މައްސަލަ ސާބިތުވެގެންނެއްނޫނޭ ސާބިތުކުރުވާފައޭ އެއީ ވަޢުދުފުއްދަންކުރިކަމެކޭ

    13
    1
  14. މިނިވަންކުރޭ

    ރައީސް ޔާމީން މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ

    12
  15. މާމީ

    ފަނޑިޔާރު އަލީރަޝީދައް ސުޕުރިމް ކޯޓުގެ ބެންޗުން ޖާގަލިބޭތީ ކުރި ހުކުމެއްވީމަ ތަނެއް ދޮރެއް ނުބަލާނެ މިއަދުން މިއަދައް ޔާމީނު މިނިވަން ކުރޭ

    17