ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ކ.ކާށިދޫ، ވައިޓްހައުސް، މަރްޔަމް މާއިޝާ (23އ) އެވެ. ނަމަވެސް އޭނާ ހޯދަމުން ދަނީ ކޮން މައްސަލައަކާ ގުޅިގެންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވަނީ މާއިޝާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9790163 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.