ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު 72 ގަޑިއިރު (ތިން ދުވަސް) ތެރޭ ކްރޮމިނަލް ކޯޓަށް ހާޒިރު ނުވެއްޖެނަމަ އޭނާގެ މައްޗަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަށް ފިޔަވަޅު އަޅާނެކަން އެކޯޓުން އަންގައިފިއެވެ.

އަޑުބަރޭ އަށް ފިޔަވަޅު އަޅާނެކަން ކްރިމިނަލް ކޯޓުން އެންގީ މިއަދަށް ތާވަލް ކުރި އަލީ ވަހީދުގެ ޝަރީއަތައް ވެސް އޭނާ ހާޒިރު ނުވުމުންނެވެ.

ޖިންސީ ގޯނާގެ މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ އާއްމުކޮށް ހުޅުވާލައިގެން ނޫންކަމަށް ވީނަމަވެސް މިއަދުވެސް ޝަރީއަތް ކުރިއަށް ގެންދިޔައީ ހުޅުވާލައިގެންނެވެ. މިއަދުގެ އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ މިއަދުގެ އަޑުއެހުން ހުޅުވާލައިގެން ކުރިއަށް ގެންދަނީ މިމައްސަލައިގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތް ސާފުކޮށްދިނުމަށާއި ޝަރީއަތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރަން ކަމަށެވެ.

މިއަދުގެ އަޑުއެހުމަށް ސްޓޭޓް މިނިސްޓަރު އަސްހަދު ވެސް ހާޒިރުކޮށްފައި އިނެވެ.

ގާޒީ ހަސަން ސައީދު މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުނުކޮށްދީފިނަމަ އަސްހަދު އާއިމެދު ކޯޓުގެ ހުރުމަތް ރައްކާތެރިކޮށްދިނުމުގެ ގަވައިދުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި އަސްހަދު ވިދާޅުވީ އޭނާ ގަބޫލު ކުރާ ގޮތުގައި ހަތަރު މަސް ދުވަސް ވުމުން އަލީ ވަހީދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްދެވިފައި ކަމަށެވެ. "އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހަތަރު މަސް ވުމުން އަލީ ވަހީދު ވަބީ މިކޯޓަށް ހާޒިރު ކޮށްދެވިފައި. އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތެއްގައި. މިކަމާއި ގުޅިގެން މަޝްވަރާ އިތުރަށް ކުރިއަށް ގެންދަން ބޭނުން ވަނީ ލޯޔަރެއްގެ އެހީތެރިކަމާއި އެއްކޮށް." އަސްހަދު ވިދާޅުވިއެވެ.

އަސްހަދު އެހެން ވިދާޅުވުމުން ގާޒީ ހަސަން ސައީދު ވަނީ އިގުރާރާއި ހިލާފު ވެވިފައިވާ ކަމަށް ގަބޫލު ކުރެވޭތޯ އަސްހަދު އާއި ސުވާލު ކޮށްފައެވެ. "ތިބޭފުޅާގެ ބަހަށް އިތުބާރު ކޮށްފައި ކޯޓުން އޭނާ ފުރުމަށް ހުއްދަ ދެވިފައި ވަނީ." ގާޒީ ހަސަން ސައީދު ވިދާޅުވިއެވެ.

ގާޒީ އެހެން ވިދާޅުވުމުން އަސްހަދު އަނެއްކާވެސް ވިދާޅުވީ "އަޅުގަނޑު އަލީ ވަހީދު ކޯޓަށް ހާޒިރު ކޮށްދިނީމެއްނޫންތޯ."

އަސްހަދު އެހެން ވިދާޅުވުމުން ގާޒީ ވިދާޅުވީ އޮންލައިންކޮށް ކޯޓަށް ހާޒިރުވީ ކަމަށް ބަލައި ނުގަނެވޭނެ ކަމަށާއި ސުޕްރީމް ކޯޓުގެ ނިންމުމަށް ބަލާއިރު ވެސް އެކަން ސާފު ކަމަށެވެ.

ގާޒީގެ ވާހަކަތަށް ފަހު އަސްހަދު ވިދާޅުވީ އޭނާ އިގުރާރުވި ގޮތަށް ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރު ކޮށްދީފައި ވާނެ ކަމަށެވެ.

އަސްހަދުގެ ވާހަކަ ތަކުރާރު ކުރަން ފެށުމުން ގާޒީ ވިދާޅުވީ "72 ގަޑިއިރުގެ ތެރޭގައި (އަލީ ވަހީދު) ކޯޓަށް ހާޒިރުކޮށް ނުދީފިނަމަ ފިޔަވަޅު އަޅާނެކަން އަންގަން. އިށީންނަވާ." ށެވެ.

އަސްހަދު އާއި މެދު ފިޔަވަޅު އެޅުމާއިމެދު ދައުލަތުން ދެކެނީ ކިހިނެއްތޯ ގާޒީ ސުވާލު ކުރެއްވުމުން ދައުލަތުން ވެސް ވިދާޅުވީ އަސްހަދަށް ފިޔަވަޅު އަޅަން އެދިވަޑައިގަންނަވާ ކަމަށެވެ.

އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އަމުރެއް ނެރުއްވާނެ ކަމަށް ވެސް ގާޒީ މިއަދު ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޓްއަރިޒަމް މިނިސްޓަރަކަށް ހުރެ އެމިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރައްޔިތުމީހާ

    ނޭޅޭނެ ފިޔަވަޅު

    16
  2. ހިމް

    އަޅާނެ ފިޔަވަޅަކީ ޖޫރިމަނާ ކުރުން. ޖަލަށްލުމުގެ ފެންވަރެއް ނެތް.

    19
  3. ރަދީފް

    ކޮބާ ރާކަނިމަސް ކެވުނުތަ.ހެހެހެހެހެ

    11
    1
  4. އިސްޢާފް ސަލީމް

    ފިލްމުގެ ޑައިލޮގު ވަރަށްވެސް ފުރިހަމަ! ނިމޭއިރުތާ ވާހަކާގެ ކުންނު ފެންނަނީ؟ އެނގިދަނެތާ؟

  5. ކަލޭ

    ތިކަމެއް ނުވާނެ ގައުމު ލަދުގަންނަވާލީމާ ވެސް ކުރެވުން ކަމެއް ނެތް ފިޔަވަޅު އަޅާނަމަ އެޅުނީސް ދޯ ދެން ބުނޭ އަޑޭވެސް ފިލާށޭ

  6. އަޝްރަފު

    ދިވެހިރާއްޖޭގެ ކޯޓުތަކަކީ ކުޅޭކުޅޭ ތަނަކަށްވެއްޖެ. އަނެއްކޮޅުން އިންޓަޕޯލްގެ ބައްދަލުވުމުގައި ބައިވެރިވުމަށް ހަމީދު އެހެރީ ތުރުކީގައި، އަލީވަހީދު ގެނައުމަށް މަސައްކަތެއް ނުކުރެވުނު. ކޯޓުން މިފަހަރު ނިންމާގޮތަކީ މިފަދަ ކަންކަމަށް ފިލާވަޅެއްކަމަށް ހީކުރަން. ނޫނީ ޤާޒީގެ ފެންވަރާއިމެދު ސުވާލުއުފެދޭ!!!

  7. ހައްވަ

    އަލީވަހީ ދަކީ އެއްވެސްއިރެއްގަ ތިޔަކަހަލަ މީހެއްނޫން ބަޔަކުބުނާހާވާހަކައަކީ ހަގީގަތެއްނޫން ތިޔަ އަންހެނުންތައް ކޯޓަށްހާސިރުކޮއް މާތް ﷲގަން ދީހުވައަކަށް ދާން ފެނޭ އޭރުންއެގޭނެ ހަގީގަތް ރާވާއިގެން އަލީވަހީ ދުގެ އަގުވައްޓާލަން އުލޭ ބައެއްއެއީ