ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ސްޓްރޯންގް (ބާރުގަދަ، ވަރުގަދަ) ކެންޑިޑޭޓަކަށް ވާނެ ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް ޔާމީނާއި ވާދަކުރެއްވި، އަދި ފަހުން ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރު ކަން ވެސް ކުރެއްވި އުމަރު ވިދާޅުވީ ރައީސް ޔާމީން ޖަލުން މިނިވަން ވުމުން ރާއްޖޭގެ ސިޔާސީ މަސްރަހަކަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. ރައީސް ޔާމީން ވާނީ 2023 ވަނަ އަހަރު ސަރުކާރުގެ ކެންޑިޑޭޓަށް ބޮޑު ޗެލެންޖަކަށް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

"ވަރަށް ބޮޑު ބަދަލެއް އަންނާނެ. ރައީސް ޔާމީނަކީ ވަރަށް ސްޓްރޯންގް ކެންޑިޑޭޓެއް. އޭނާގެ ބައިވަރު އުނި ސިފަތަކެއް އެބަހުރި. އަދި ބައިވަރު ރަނގަޅު ކަންތައްތަކެއް ވެސް އެބަހުރި. އެހެންވީމަ އޭނަ ވާނެ ސަރުކާރުގެ ކެންޑިޑޭޓަށް އޮންނަ ވަރަށް ބޮޑު ޗެލެންޖަކަށް. އަދި އަޅުގަނޑަށް ވެސް ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ. އެހެންވީމަ ރައީސް ޔާމީން ވާނެ ސްޓްރޯންގް ކެންޑިޑޭޓަކަށް." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރައީސް ޔާމީން މިނިވަން ވުން ވެގެން ދާނީ ސަރުކާރަށް ހަޖަމް ކުރަން ދަތިކަމަކަށް ކަމަށެވެ. އުމަރު ވިދާޅުވީ 2023 ވަނަ އަހަރު ވެރިކަން ދެން އަންނާނީ ދީނީ، ގައުމީ ފަޅިއަށް ކަމަށެވެ. "ވެރިކަން ދެން އަންނާނީ ދީނީ، ގައުމީ ފަޅިއަށް. ޔާމީން ވެރިކަން ކުރިޔަސް އަޅުގަނޑު ވެރިކަން ކުރިޔަސް. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑު ކާމިޔާބު ކުރާނީ މިފަހަރު. އަޅުގަނޑުމެންގެ ފަޅިން އަޅުގަނޑު ކާމިޔާބު ކުރާނީ. އެކަން ވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރާނެ." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރައީސް ޔާމީންގެ ބައެއް މައްސަލަތައް ކޯޓުގައި އެބަހުރި ކަމަށާއި ރައީސް ޔާމީނަށް ހުކުމް އިއްވޭތޯ ސަރުކާރުން އަދިވެސް މަސައްކަތް ކުރާނެ ކަމަށެވެ. "ރައީސް ޔާމީން މިނިވަންވި މިނިވަންވުން އެއީ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ސަޕްރައިޒެއް. އެމީހުން އަލުން ޑްރޯވިން ބޯޑަށް ގޮސް އެމީހުން އަލުން ހިސާބު ޖަހަން ޖެހޭ ކަމެއް." އުމަރު ވިދާޅުވިއެވެ.

އުމަރު ވަނީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރިޔަ ނުދިނުމަށްޓަކައި ވެސް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. އުމަރުގެ މައްސަލައެއް ތަހްގީގު ކުރުމަށް ފަހު ދައުވާ ކޮށްދިނުމަށް އޭސީސީ އިން މިހާރު ވަނީ ޕީޖީގައި އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކޮވިޑް

    ﷲގެ ހެޔޮރަހުމަތާ އޯގާތެރިކާއެކު އިންޝާﷲ 2023 އެއީ ރައީސް ޔާމީން ދިވެހިން އުފާކޮށް ދޭނެ އަހަރެއް ﷲ ގެ ވާގި ފުޅާއެކު.

    77
    11
  2. ހަރުމަރު

    ކަލޯ! ވާން ހުރި ކަންކަން އެނގޭ މީހަކަށް ވެގަނެގެން ނޫޅެބަލަ. ދައްޖާލު އަރަން އެބަ އުޅޭ. ކަލޯ ބުނި މިދިޔަ މަހު ޔާމީނު ގެ ނަންވެސް ނޯންނާނެއޭ. ސިކުނޑި ހަމަތަ؟

    36
    13
  3. Anonymous

    ކޮންމެމީހެއްގެވެސް އުނިސިފަ ހުންނާނެ އެކަމަކު ހަމަޔަގީނުންވެސް ޔާމިންއައްވުރެ އުނިސިފަ ގިނައީ އުމަރުގެ އެއީ ހުރިހާކަން އެގުމާއި ކިބުރުވެރިކަމާއި ބޮޑާކަން ވިސްނަވަ އުމަރުފަހަތުގަ އެހާގިނަ މީހުންތިބިނަމަ އުމަރު އުފުލިފަ ހުންނާނެ ހިސަާބު

    11
    8
  4. އޭއަލީ

    انشاء الله 2023 ރައީސް ޔާމީން

    24
    3
  5. ޓައިމް

    ކަންނެލި އޮޑިއެއް ނުލިބިގެން ނެއްނޫން ބާނާ މަސް ކޮޅަށް ހަމަ އަގު ނުލިބޭތި މަސްވެރިން ދެރަވޭ

    17
    2
  6. އަފީ

    ދިވެހި ރައްޔިތުން މިފަހަރުވެސް ރައީސް ޔާމީން އައްޔަން ކުރާނީ ދީނީ މިނިވަންކަން މިގައުމުގައި ނުދިނުމާއި، އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުން ހައްޔަރު ކުރުމާއި ގައުމުގެ މިނިވަންކަން ހޯދުމާއި، މާލީ ފުދުންތެރިކަން ހޯދުމަށް.

    22
    3
  7. ދޮ ން އާދަނު

    ދޮން ކަލޯ ވާނެއޭ ބުނެފިއްޔާ ނުވާނެ ކަން ޔަޤީން

  8. ބުމަރު

    އުމަރު އެ ދެއްކީ ވަރަށް މާނަ ފުން ވާހަކައެއް. ހީވާގޮތުން އުމަރު ބޭނުންވަނީ މިފަދަ ވާހަކަ ދައްކައިގެން އިންތިޚާބުގެ ކުރިން ޔާމީން ޖަލަށްލާން. ޔާމީން ސްޓްރޯންގ ވުމަކީ އުމަރަށް ލިބޭނެ ދެރައެއް.

  9. ޖަހަންބީ

    އިންޝާ ﷲ އަހަރެންގެ ވޯޓު ވަގަކަށް ނުދޭނަން

    1
    1
  10. އުގުރި

    ސީދާ ކަޑައެޅިގެން ވައްކަން ކުރިޔަސް..
    ހަމަ ގާމުވެސް އިސްލާމްދީނަށް ހިޔާނާތެރިވާ ބަޔަކަށް މަށެއް ވޯޓެއް ނުދޭނަން.