ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި، ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަދި ދިވެހިރާއްޖޭގެ ޤައުމީ ހަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ލަޤަބް އަރުވާފައިވާ އުމަރު ޒާހިރުއަވަހާރަވުމާ ގުޅިގެން މިކަމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފިއެވެ.

ޢުމަރު ޒާހިރު އަވަހާރަވީ، މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެއްވަމުން ދަނިކޮށެވެ. އެމަނިކުފާނު އަވަހަރާވިއިރު ގެންދެވީ ކޮވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންނެވެ.

އަވަހާރަވިއިރު ޢުމުރުފުޅަކީ 85 އަހަރެވެ.

ރައީސް އޮފީހުން ވިދާޅުވީ ޢުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.

އުމަރު ޒާހިރަކީ، ދައުލަތަށް 49 އަހަރަށްވުރެ ގިނަދުވަހު ވަރަށް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ހިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ.

އުމަރު ޒާހިރު ފުރުއްވި އިސްމަގާމުތަކުގެ ތެރޭގައި، ވަޒީރުލްއަޢުޡަމް އޮފީހުގެ ޚާއްޞަ ވަކީލު ކަމާއި، މަޖީދިއްޔާ ސްކޫލްގެ ނާޒިރުގެ އެހީތެރިޔާގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާއްޞަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާއި، މާލޭ މުނިސިޕަލްޓީގެ ރައީސްކަން ހިމެނެއެވެ. ޢުމަރު ޒާހިރަކީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް އެންޑް ސޯޝަލް ސަރވިސަސް ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސް ކަމުގެ މަގާމާއި، އަދި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ޢުމަރު ޒާހިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރުކަންވެސް ކުރައްވާފައެވެ.