ކޮވިޑް-19 ބަލީގައި މިއަދު އަވަހާރަވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރަކީ ހަގީގީ ގައުމީ ލެޖެންޑެއްގެ ގޮތުގައި ކުރީގަ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިފަކުރައްވައިފިއެވެ.

ކޮވިޑް-19 ބަލީގައި ފަރުވާ ދެމުން ދަނިކޮށް އުމަރު ޒާހިރު އަވަހާރަވެފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގައެވެ.

އުމުރުފުޅުން 85 އަހަރުގައި އަވަހަރާވި އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު އަވަހާރަވުމަކީ ގައުމަށް ލިބިގެންދިޔަ ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ކަމަށެވެ.

އަދި އެމަނިކުފާނަކީ ހަގީގީ ގައުމީ ލެޖެންޑެއް ކަމަށް ސިފަކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ، ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ އުމަރު ފާއިތުވި 50 އަހަރު ހޭދަކުރެއްވީ ގައުމީ ހިދުމަތުގައި ކަމަށެވެ

އުމުރުފުޅުން 85 އަހަރުފުޅުގެ އުމަރު ޒާހިރަކީ ސަރުކާރު މަތީ އެތައް މަގާމެއް ފުރުއްވާފައިވާ ބޭފުޅެކެވެ. 1953 އިން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަގާމެއް ފުރުއްވާފައިވެއެވެ. ޢުމަރު ޒާހިރަށް، ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 10 ވަނަ ދުވަހުއެވެ.

ޢުމަރު ޒާހިރު ވަނީ 1983 ވަނަ އަހަރުން ފެށިގެން 1988 ވަނަ އަހަރާ ހަމަޔަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އެންޑް ސޯޝަލް ސާރވިސަސްގެ މަޤާމު އަދާކުރައްވާފައެވެ. އަދި 1988 އިން ފެށިގެން 1993 ވަނަ އަހަރާއި ހަމަޔަށް ޢުމަރު ޒާހިރު ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސްޕޯޓްސްގެ މަޤާމު އަދާކުރައްވާފައެވެ. ރާއްޖޭގެ ކުޅިވަރާއި ބެހޭ ފުރަތަމަ ވަޒީރަކީވެސް އެމަނިކުފާނެވެ. އޭގެ ފަހުން ޢުމަރު ޒާހިރު ވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްކަން ކުރައްވާ ރާއްޖޭގެ އުމްރާނީ ތަރައްގީ އަށް ކުރެވުނު ވަރަށް ގިނަ މަސައްކަތްތަކުގެ އެންމެ އިސް ޒިންމާތައް އުފުއްލަވާފައެވެ. އެމަނިކުފާނު އެންމެ ފަހުން އަދާކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ މިނިސްޓަރުކަމެވެ.

އުމަރު ޒާހިރު އަވަހަރާވުމާއި ގުޅިގެން ކުރިއަށް އޮތް ތިން ދުވަހަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ.