ލ.އަތޮޅު ގަމުގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނުތާ އަށް ގަޑިއިރު ވެގެން ދިޔައިރުވެސް އަދިވެސް ކަރަންޓް ލިބިފައި ނުވާކަމަށް އެރަށުން "ވަގުތު" އަށް މައުލޫމާތު ދިން މީހުން ބުނެފިއެވެ.

ގަމުން ވާހަކަދެއްކި މީހަކު ބުނީ ރޭ މެންދަމު ގާތްގަނޑަކަށް 02:00 ހާއިރު ކަރަންޓް ކެނޑުނީ ގަމުގެ ތުނޑީ އަވަށުގެ ބޮޑު ސަރަހައްދަކުން ކަމަށެވެ.

ފެނަކަ އިން ބުނީ ލ.ގަމުގެ ތުނޑީ އަވަށުގެ މެއިން ކޭބަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ތުނޑީގެ ބައެއް ހިސާބުތަކުން ވަނީ ކަރަންޓް ކެނޑިފައި ކަމަށެވެ. މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް އެކުންފުނީގެ ގަމު ބްރާންޗް ފޭސްބުކް ޕޭޖްގައި ބުނެފައި ވެއެވެ.

ގަމުން މައުލޫމާތު ދިން މީހަކު ބުނީ ކޭބަލަށް މައްސަލައެއް ދިމާވީ ކަރަންޓް ކޭބަލް ފޮށި ވެސް ހުންނަން ޖެހޭ ގޮތައް ބަހައްޓާފައި ނެތުމުން ކަމަށެވެ. "ކޭބަލްތައް ގުޅާފައި ހުންނަ ފޮށިވެސް އޮންނަނީ ބިންމަތީގައި. ވާރޭ ވެހި ފެން ބޮޑުވެއްޖެއްޔާ ވެސް ބޮޑު ގެއްލުމެއް ލިބޭ ގޮތައް. މިފަދަ ގޮތަކަށް ހުރުމުން މިހާރަށްވުރެ ނުރައްކާތެރި ހާދިސާއެއް ވެސް ހިނގުމުގެ ފުރުސަތު ބޮޑު." އޭނާ ބުންޏެވެ.

ގަމުން ކަރަންޓް ކެނޑިފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މައްސަލަ ހައްލުވެ، އަލުން ކަރަންޓް ދެވޭނެ އިރެއް އަދި ނޭނގެއެވެ.