ތ. ތިމަރަފުށީގައި ތަންތަނަށް ގެއްލުންދީ އިސްލާމް ދީނަށް ފުރުއްސާރަ ކުރަމުން ދިޔަ އަންހެން މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް މިއަދު ވިދާޅުވީ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުން އިއްޔެ ވަގުތެއްގައި ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ތިމަރަފުށީ ގެސްޓްހައުސް އަކަށް ވަދެ އެތަނުގެ ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލައިގައެވެ.

ތިމަރަފުށި ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.

މީސް މީޑިއާގައި ދައުރުވި ވީޑިއޯއެއްގައި އެ އަންހެން މީހާ ވަނީ މާތްﷲ އަށް ބަދުބަސް ބުނެ ހަޑި ހުތުރު ބަހުން މުއާމަލާތު ކޮށްފައެވެ. އެ ރަށުގެ ބައެއް މީހުން މައުލޫމާތުދޭ ގޮތުގައި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރާ އަންހެނެކެވެ.

ފާއިތުވި ތިން އަހަރުގެ ތެރޭގައި ދީނާއި ދެކޮޅަށް އެއްޗެކޭ ބުނެގެން އަދި ގަސްތުގައި އެފަދަ ކުށެއް ކުރި 21 މީހެއްގެ މައްސަލަ ތަހުގީގުކޮށް ތިން މީހަކަށް ދައުވާ ކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ކުރާ ކުށްތަކުގެ އަސްލާހައި ހަމައަށް ފުލުހުންނަށް ދެވި އެފަރާތްތަކަށް ދޭން ޖެހޭ ހައްގު އަދަބު ދެވޭނެ ކަމުގެ ޔަގީންކަން ސީޕީ ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުއްދި

    އަވަހަށް ދަންޖައްސާ. ތިފަދަ މީހުން ދުނިޔެމަތިން އަވަހަށް ނައްތާލަންޖެހޭ.

    7
    1