ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ކަމަށް ތުހުމަތު ކުރެވޭ "ލާދީނިއްޔަތު" ސިޔާސަތުތަކުގެ މައްސަލަ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބެލިދާނެ ކަމާމެދު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ސުވާލު އުފައްދައިފިއެވެ.

ޣައިރު ދީންތަކުގެ ޝިއާރުތައް ރައީސް ނަޝީދު ފާޅު ކުރައްވާ ކަމަށް ބުނެ ދީނީ އިލްމުވެރިންގެ އެކި ޖަމިއްޔާތައް ގުޅިގެން "ރައްޔިތުންގެ އިއްތިހާދު" ނަމުގައި އުފައްދާފައިވާ ހަރަކާތަކުން ވަނީ އެ މައްސަލަ ބަލައިދޭން އެދި ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދަށް ސިޓީއެއް ފޮނުވާފައެވެ.

މި ކަމާއި ގުޅިގެން ޖަމީލްގެ ކަންބޮޑުވުންތައް ޚިއްސާކުރައްވަމުން، "ވަގުތު" އަށް ވިދާޅުވީ ނަޝީދު ހިންގަވާ ސިޔާސީ ޕާޓީ ކަމުގައިވާ އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުތައް މިހާރު ވެސް ދީނީ އަގީދާއަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށެވެ.

"ރޭވިގެން ކުރެވޭ ސިލްސިލާ އެކި ކަންކަން ކަމަށް ގަބޫލު ކުރެވޭ ކަންކަން އެބަ ހިނގާ،" އިދިކޮޅު ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރެއްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ގާނޫނީ ވަކީލު ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވަނީ ފަސް ކަމެއް ފާހަގަ ކުރައްވައިފައެވެ.

ފުރަތަމަ ކަމަކަށް ފާހަގަ ކުރެއްވީ މިސްކިތްތަކުގެ ހުރަމަތް ކަނޑާލައިލުމުގެ އަމަލުތައް ތައްޔާރުވެގެން ދިއުމެވެ. ދެވަނަ ކަމަކީ ދަރިވަރުން ކިޔަވާ އިސްލާމް ފޮތްތަކުން ޤުރްއާންގެ އާޔަތްތައް އުނިކުރަން އުޅުމެވެ.

ތިންވަނަ ކަމަކަށް ފާހަގަ ކުރެއްވީ "ހޯމް ސްޓޭ" ނަމުގައި ޔޫރަޕްގެ އެކި ހަމަތަކަށް ގަބޫލު ކުރާ މީހުން ގޭގެއަށް ވެއްދުމެވެ. ހަތަރުވަނަ ކަމަކީ މަސާޖް ޕާލަރުތަކުގައި ހަށި ވިއްކުން އާންމު ކުރުމެވެ.

"އެއް ޖިންސުގެ މީހުންނާއި، ރަށު ތެރޭ އޮރިޔާމުން އުޅުން އާންމުކޮށް ދުރާލާ ރޭވިގެން މުޖުތަމައު ފަސާދަ ކުރަން މި އުޅެނީ،" ވަޒީރު ކަމާއި ފަނޑިޔާރު ކަން ވެސް ކުރައްވާފައިވާ ޖަމީލް ވިދާޅުވިއެވެ.

ފަހު ކަމެއްގެ ގޮތުގައި ޖަމީލް އިޝާރާތް ކުރެއްވީ އަދާލަތު ޕާޓީއަށެވެ. އިސްލާމީ ޝިއާރުތައް ފާޅު ކުރަމުން ދިޔަ ޕާޓީއެއްގެ ވެރިއަކު މިނިސްޓަރު ކަމުގައި ބަހައްޓަވައިގެން ހައްގު ގޮތް އޮޅުވާލަނީ ކަމުގައެވެ.

އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހިނގަމުންދާ މިފަދަ ކަންކަމުގެ މައްސަލަތައް ނުބެލި އޮތް އޮތުމުގެ ކަންބޮޑުވުން ޖަމީލް ވަރަށް ބޮޑަށް ފާހަގަ ކުރެއްވިއެވެ.

ނަޝީދަށް މިފަދަ ތުހުމަތު ކުރެވުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މި ތުހުމަތަށް އަމާޒުވާ ކޮންމެ ފަހަރަކު ވެސް ނަޝީދު ތަކުރާރުކޮށް އެ ކަންކަމަށް އިންކާރު ކުރައްވައެވެ.

ނަޝީދުއާ ދިމާއަށް "ލާދީނީ" އޭ ބުނެ ބައެއް ފަރާތްތަކުން އިނގިލި ދިއްކުރާތީ އެމަނިކުފާނާއި އެމްޑީޕީގެ ސަޕޯޓަރުން ކަންބޮޑުވެސް ވެއެވެ. ދާދި ފަހުން "ލާދީނީ" ފަދަ ބަސްތައް ދިވެއްސަކަށް އަމާޒު ކުރުމަކީ ޖިނާއީ ކުށަކަށް ވާނެ ގޮތަށް ގާނޫނުލް އުގޫބާތަށް މަޖިލީހުން އިސްލާހުތަކެއް ވެސް ގެނައެވެ. އެކަމަކު ގެނައި އިސްލާހުގައި ކުފުރު ކުރުމުގެ ޖިނާއީ ކުށުގެ ގޮތުގައި ބެލެވެން ގިނަ ޝަރުތުތަކެއް ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޮލް

    ޖަމީލުމެންގެ ގަޔަށް އެއް ހޮރަކުން ދެފަހަރަކުނޫން، އޮނަސާޅީސް ފަހަރުވެސް ކަށިޖަހާނެ. އަހަރެންގެ ނަސޭހަތެއް އަޑުއަހަންޏާ ބުނާނީ ސިޔާސީގޮތުން މޮޅެއް ލިބޭނެކަމަށް ތިޔަ އެމްޑީޕީއާ ވައި އެޅޭ ހިސާބަށްވެސް ނުދާށޭ! އެއީ ފަސާދަވެފައިވާ ބައިގަނޑެކޭ!