އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ވޯޓުލާން ޝަރުތު ހަމާވާ މީހުންގެ ތެރެއިން އައިޑެންޓިޓީ ކާޑު މުއްދަތު ހަމަވެފައިވާނަމަ ނުވަތަ ގެއްލިފައިވާނަމަ ކާޑު ހައްދަން ހުށަހެޅުމަށް ޑީޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އަންގައިފިއެވެ.

ޑީއެންއާރުން ނެރެފައިވާ ބަޔާނެއްގައި ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓްލުމަށްޓަކައި އެދާއިރާގައި ހިމެނޭ މީހުންގެ އައިޑެންޓިޓީ ކާޑު މުއްދަތު ހަމަވެފައިވާނަމަ، ނުވަތަ ގެއްލިފައިވާނަމަ، ކާޑު ހައްދަން ހުށަހެޅުއްވުމަށް އަންގައިފައެވެ.

ކާޑު ހައްދާ ހަވާލު ކުރުމަށް އޮތީ ވަރަށް ކުރު މުއްދަތެއް ކަމަށްވާތީ، ވަރަށް އަވަހަށް ހުށަހަޅައިގެން ނޫނީ ވޯޓްލުމަށް ކަނޑައަޅާފައިވާ ދުވަހުގެ ކުރިން ނިންމާ ނުލެވިދާނެ ކަމަށް ޑީއެންއާރުން ބުންޏެވެ.

އެ އިދާރާއިން ބުނީ މާލޭގައި އަދި ރިސޯޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކާޑު ހެއްދުމަށް ހުށަހަޅަން ޖެހޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި އަތޮޅު ތެރޭގައި ދިރިއުޅޭ މީހުން އެ މީހަކު ދިރިއުޅޭ ރަށެއްގައި ހުރި ކަލެކްޓިން ސެންޓަރު މެދުވެރިކޮށް ހުށަހެޅޭނެއެވެ.

ކޮމަންޑޫދާއިރާގެ ބައި އިލެކްޝަންގައި ބަހައްޓަނީ ކިހާ އަދަދެއްގެ ވޯޓު ފޮށިކަމެއް އީސީން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ކޮމަންޑޫ ދާއިރާގެ ރަށްތަކުގެ ތެރޭގައި ހިމެނެނީ .ކޮމަންޑޫ، ށ.ފޯކައިދޫގެ އިތުރުން ށ.މަރޮއްޓެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވެ އެ ގޮނޑި ހުސްވުމުންނެވެ. ހުސައިން ވަހީދު އުޅުއްވީ ކެންސަރުގެ އަލާސްކަންފުޅެއްގައެވެ.

މި ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމްއާއި އަލަށް އުފެއްދި އެމްއެންޕީން ވެސް ވާދަކުރެއެވެ. މި ދުވަސްވަރު އޮތީ އިންތިޚާބުގެ ކެމްޕޭން ފޯރި ވެސް ގަދަވެފައެވެ. ތިން ޕާޓީގެ އިސް ބޭފުޅުން ވެސް ގެންދަވަނީ ދާއިރާގެ ތިން ރަށުގައި ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބު ބޯމަތީގައި އޮތްއިރު ރާއްޖޭގައި ކޮވިޑް-19ގެ ހާލަތުވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ކޮވިޑްގެ ހާލަތުގެ ރެސްޓްރިކްޝަން ލެވެލް އޮރެންޖުގައި ހުރެފައި، ރަތަށް ބަދަލުވާން ނެގީ އެންމެ ދުވަހެކެވެ.

މިދިޔަ އާދިއްތަ ދުވަހު 1،209 މީހުން ކޮވިޑަށް ފައްސިވި އިރު، ރެސްޓްރިކްޝަން ލެވެލް ހުރީ އޮރެންޖު ކުލައިގައެވެ. ރެސްޓްރިކްޝަން ލެވެލް ރަތަށް ބަދަލު ކުރީ ޖެހިގެން އައި ދުވަހުއެވެ. އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އެކަނި ވެސް 1،420 މީހުން ކޮވިޑަށް ފައްސިވިއެވެ.

އެކަމަކު ހާލަތު ގޯސްވެފައިވިޔަސް އިންތިހާބު ފަސްކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އީސީގެ ރައީސް ފުއާދު ތައުފީގް ވަނީ ވިދާޅުފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަނިލް

    އަޅެ މިތިބަބަޔަކު ތެޅި ފޮޅޭވަރެއްދޯ މީގެ ކުރީގައިވެސް އިންތިޙާބު ތަކާއެއްޗެހި ބާއްވާ އުޅޭ މީހުންގެ އައިޑީކާޑު މުއްދަތުހަމަވެ، ހަލާކުވެ،ގެއްލިގެން އާކުރާކަން ނާންގަ ނިކަންވިސްނާލަބަލަ
    ނުފޫޒް ފޯރުވަން އުޅޭވަރު މި ބައިއިލެކްޝަނަކާހެދި ސަރުކާރު މޮޔަވެއްޖެ.