އައްޑޫ ސިޓީގެ ހިތަަދޫ ގައި އިއްްޔެ ހަވީރު ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުން އަންހެން މީހާ، އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މާލެ ގެނެސްފައި ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ މަރިޔަމް އަލްމާސް، 24، އެވެ.

އަލްމާސްގެ ހާލަތާ ގުޅޭގޮތުން އައިޖީއެމްއެޗްް އިންވެސް މައުލޫމާތު ހާމަކޮށްފައި ނުވާ އިރު އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ގައި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ އަލްމާސް އަދި ހޭނާރައެވެ.

މި އެކްސިޑެންޓް ހިނގީ އަލްމާސް ދުއްވި ސައިކަލާއި ކާރެއް ޖެހިގެންނެވެ. ކާރަށާއި ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓްތައް ގިނަ އަދަދަކަށް އަންނަނީ ހިނގަމުންނެވެ. އެގޮތުން އިއްޔެ ހަވީރުގެ އިތުރުން ރޭ މަރަދޫފޭދޫން ފޭދުއަށް ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ، އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.

އައްޑޫ ސިޓީގެ މަގުތަކުގައި އެކްސިޑެޓް ހިނގުން މަދުކުރުމަށް ފުލުހުން އަންނަނީ ސިލްސިލާކޮށް އޮޕަރޭޝަން ތަކެއް ހިންގަމުންނެވެ. އަދި ގަވައިދާ ހިލާފަށް ދުއްވާ ފަރާތްތަކަށް ފިޔަވަޅު އަޅަމުން އަންނަކަމަށް ފުލުހުން މައުލޫމާތު ދެއެވެ.