ސްރީލަންކާ އިން ދިވެހިރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރި ދިވެހި އަންހެނެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. ކްރިމިނަލް ކޯޓުން މިހުކުމް އިއްވީ ޝާނިޔާ ރަޝީދު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުނުވި ނަމަވެސް އޭނާ ވަނީ އޭނާގެ ދަބަހުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާ އަށް އެނގިގެން ރާއްޖެ އަށް އެތެރެކުރި ތަކެތި ކަމަށް ކަސްޓަމްސް އޮފިސަރުންނާއި އަދި ފުލުހުން ކައިރީ އެއްބަސްވެސް ވެފައެވެ. ނަމަވެސް ޝަރީއަތުގައި އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

2016 މެއި 03 ވަނަ ދުވަހު ލަންކާ އިން ރާއްޖެ އައި ޝާނިޔާ އާއި މެދު ޝައްކު ކުރެވިގެން ކަސްޓަމްސް އިން އޭނާ ހުއްޓުވައި ފާސްކުރުމުން އޭނާގެ ދަބަހުން ގާތްގަނޑަކަށް 600 ގްރާމްގެ މަސްތުވާތަކެތި ފެނުނެވެ. ޝާނިޔާ އޭރު ބުނެފައި ވަނީ އޭނާ ލަންކާ އަށް ދިޔައީ ވެެސް މަސްތުވާތަކެތި ބަލައި ކަމަށާއި އެއީ އޭނާގެ ލޯބިވެރިޔާގެ ކޮއްކޮ ބުނެގެން ގެނައި މަސްތުވާތަކެތި ކަމަށެވެ.

ގާޒީ ހުސެއިން ފާއިޒް ރަޝާދު ބެއްލެވި މައްސަލައިގެ ހުކުމުގައި ބުނެފައި ވަނީ ޝާނިޔާ ރަޝީދުއާއެކު ދަތުރުކުރި އިތުރު މީހަކު ހުރި ކަމަށް ކަސްޓަމްސްގެ އޮފިސަރުންނައި އަދި ސީންއަށް ފުރަތަމަ ދިޔަ ފުލުސް މީހާ ވެސް ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް، ޝާނިޔާ އާއިއެކު ދަތުރުކުރި ފަރާތް ހައްޔަރުކޮށް މި މައްސަލައާ ގުޅިގެން އޭނާގެ ބައި ތަޙުޤީޤުކުރެވިފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގޭކަށް ނެތް ކަމަށް ހުކުމުގައި ވެއެވެ. މައްސަލައިގެ މައުލޫޢަށް އަސަރުނުކުރި ނަމަވެސް، އެކުގައި ދަތުރުކުރާ ދެމީހުންގެ ތެރެއިން ދެ މީހުން ހުއްޓުވާ އޭނާގެ ބައި އެއްވެސް މިންވަރަކަށް ނުބެލި އެކެއްގެ މައްޗަށް ތަޙުޤީޤު ހިންގުމަކީ އެކަމުގައި އޮތް އެންމެ ރަގަޅު ގޮތެއް ނޫން ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.

ކަސްޓަމްސް އިން ޝާނިޔާ ފުލުހުންނާއި ހަވާލު ކުރުމުން ފުލުހުން ފުރަތަމަ މަސައްކަތް ކުރީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގުމަށެވެ. މިއޮޕަރޭޝަން ހިންގުމަށް ޝާނިޔާ ގޮވައިގެން ފުލުހުން ގެސްޓްހައުސްއަކަށް ގޮސް ގަޑިއެއްހާއިރު ވަންދެން ގެސްޓްހައުސްގައި ތިއްބެވެ. ނަމަވެސް ޝާނިޔާ ބުނާ މީހަކަށް ގުޅައިގެން އޭނާ އެތަނަށް ގެންނަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ފުލުހުން އެއޮޕަރޭޝަން ހުއްޓާލީއެވެ. ހުކުމުގައި ބުނެފައި ވަނީ އެއްގަޑިއިރު ވަންދެން ފުލުހުން ޝާނިޔާ ގޮވައިގެން ގެސްޓްހައުސްއެއްގައި ތިބިއިރު އެތަނުގައި އަންހެން ފުލުހަކު ނެތް ކަމަށެވެ. އެހެންކަމުން އެއީ ފުލުހުން ކޮށްފައިވާ އަޙްލާޤީ ކުށެއް ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.

ޝާނިޔާ އާއިއެކު އިތުރު މީހަކު ދަތުރު ކުރިކަން ހެކިބަހުން އެނގެން އޮތްއިރު، އެމީހާއަށް ފާރަލުމެއްނެތި ނުވަތަ އެމީހާ ކަންކުރަމުންދިޔަ ގޮތަށް އެއްވެސް ފަރުވާލެއް ބެހެއްޓުމެއްނެތި މި މައްސަލައިގައި އަމަލުކުރުމުގެ ސަބަބުން މި މައްސަލައިގައި ހިންގުނު ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަށް އޭގެ ސަބަބުން އަސަރުކުރުން އެކަށީގެންވާ ކަން ވެސް ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ.

ހުކުމުގައި ދެން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ މި މައްސަލާގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ޗެއިން އޮފް ކަސްޓަޑީ ކުޑަކާޑު ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާކަމެވެ. ނަމަވެސް މައްސަލާގެ ޚުލާސާ ބަޔާނުގައި ދައުލަތުން ފާހަގަކޮށްފައިވަނީ ޗެއިން އޮފް ކަސްޓަޑީ ކުޑަކާޑު ހުށަނޭޅި ކަމުގައި ވީނަމަވެސް، މައްސަލައާއެކު ހުށަހެޅިފައިވާ ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމާއި، އެ ފޯމާއެކު ހިމެނޭ އަތުލައިގަނެވޭ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފޯމާއި، މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ލިޔުމަށް ބަލާއިރު، މަސްތުވާތަކެތި ލެބޯޓްރީއާ ހަމައަށް ވާޞިލްވެފައިވާ ގޮތް އެނގޭ ކަމަށާއި، މި މައްސަލާގައި އެފަދަ ސުވާލެއް އުފެދޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. ދައުލަތުގެ އެވާހަކަތައް މައްސަލަ ބެއްލެވި ގާޒީ ގަބޫލެއް ނުކުރައްވައެވެ.

މި މައްސަލައާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ޗެއިން އޮފް ކަސްޓަޑީގެ ފޯމުތަކާއި، މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ލިޔުންތަކަށާއި، މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓުތަކަށާއި، މައްސަލައާއެކު ހުށަހެޅިފައިވާ އެހެނިހެން ލިޔެކިޔުންތަކަށް ބަލާއިރު، މަސްތުވާތަކެތި ތަޙުލީލު ކުރިކަމަށް މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާ ފުލުސް މީހާގެ އަތަށް ތަޙުލީލުކުރުމަށްޓަކައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވުނު ތަކެތި ލިބުނީ ކާކުގެ އަތުން ކަމެއް، ކޮން އިރަކު ކަމެއް އެނގޭކަށް ނެތް ކަމަށް ހުކުމުގައި ވެއެވެ.

އަދި ލެބޯޓްރީން އެ ތަކެއްޗާއި ޙަވާލުވުމަށްފަހު، އެ ތަކެތި ސީދާ ޙަވާލުކުރީ ކޮން ފުލުހަކާއި ކަމެއް ނުވަތަ ލެބޯޓްރީން އެ ތަކެއްޗާއި ޙަވާލުވުމަށްފަހު، އިތުރު އެހެން މީހަކު އެ ތަކެއްޗާއި ޙަވާލުވިކަމެއް ހުށަހެޅިފައިވާ އެއްވެސް ލިޔުމަކުން އެނގޭކަށް ނެތް ކަމަށް ވެސް ހުކުމުގައި ވެއެވެ. މައްސަލައާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ޗެއިން އޮފް ކަސްޓަޑީގެ ފޯމުތައް ވަކި ފުލުހަކާއި ހަމައިން ނިމުމަށް ފަހު އެ ތަކެއްޗަށް ވީގޮތެއް ޗެއިން އޮފް ކަސްޓަޑީގެ ފޯމުތަކުން އެނގޭކަށް ނެތް ކަމަށް ވެސް ހުކުމުގައި ވެއެވެ.

މައްސަލާގައި ނެގުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗަކީ ހަމަ ޙަޤީޤަތުގައިވެސް މަސްތުވާތަކެތިކަމާއި، ތަޙުލީލުކުރެވުނީ މި މައްސަލާގައި ޝާނިޔާ ދިވެހިރާއްޖެއިން ބޭރުން އައިއިރު ގެނައި ލަގެޖުން ނެގުނު ތަކެތިކަން ކަށަވަރުކުރެވޭނެ ގޮތެއްގެ މައްޗަށް ހެކި ހުށަހެޅުމަކީ ދައުލަތުން އުފުލަންޖެހޭ ބުރައެއް ކަމަށް ހުކުމުގައި ވެއެވެ. އެ ބުރަ ދަޢުވާލިބޭ ފަރާތުގެ މައްޗަށް ފުރޮޅިގެން ނުދާނެ ކަމަށާއި އަދި އެއީ ކޯޓުގެ އަމިއްލަ އިސްނެގުމަށް ކޯޓުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޮންނާނެ ކަމެއްވެސް ނޫން ކަމަށް ހުކުމުގައި ވެއެވެ.

އެހެންކަމުން ދައުލަތުން ޝާނިޔާގެ މައްޗަށް އުފުލި މަސްތުވާތަކެތި ރާއްޖެ އަށް އެތެރެ ކުރުމުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.

މިމައްސަލަ ދައުލަތުން އިސްތިއުނާފު ކުރާނެކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ލޮލް

    ތިހުންނަނީ ފުލުހުންނާ ޕާޓޭން ގުޅިގެން ހިންގާފައި ހުންނަ ކަންކަން.

    16
  2. ގަލަން ތުނޑު

    ތިޔަފުލުހުން ނަގާބަޔާންތައް ވަރަށް ތާކުންތާކު ނުޖެހޭނެ...އެހެންވީމަ ކިހިނެތް ކަމެއް ސާބިތުވާނީ..

    15
  3. ޖ

    ރާއްޖޭގައި ކޮންކޮން ކުއްތަކެއްތަ ސާބިތުވަނީ

    18
    • ލޮލް

      މާރުކޭޓު ގޮޅިން ވަގަށް ރިހާކުރު ފުޅިއެއް ނަގައިފިއްޔާ ސާބިތުވެދާނެ. އެހެން ކަމެއް ނަމަ ހަރާމުން ހަރާން ވާ އެއްކަމެއްވެސް.

  4. ހުސޭނުބޭ

    އެހެންވީމާދޯ މި ތަކެތި އެތެރެކުރާމީހުން ދެލޯ މަރައިގެން ތިބެ ޖެހިލުމެއްނެތި މި އެތެރެކުރަނީ. އެގޭވިއްޔަ ކުށްވެރިވާނެ އެއްވެސް ގޮތެއް ނޯންނާނެކަން.

  5. ގަކިޔޯބޯ

    ތި ދެން ވަރަށް ސާފުދޯ ކަންތައްވީ ގޮތް. ގެސްޓް ހައުސްގަ ވީ ކަމެއްވަފަ ތި އޮތީ ތި ޑީލް ނިމިފަ. ޕޮލިހުންވެސް ގޭންގްތަކާ ގުޅިފަ ތިބެނި ގިނަ ފަހަރަށް

  6. ކާފަބޭ2020

    😆😆😆😆😆😆😆😆😆 ބޯކޮށްސަލާމް!!!!!!

  7. ތިމަންނަ

    ކުދިން ނޭ ! މިއީ ދުނިޔެމަތީގެ "ސުވަރު" ގެ އެވެ. ކުރާނެ ކަމެއް ކުރަންވީއެވެ. ކުރެވޭނެ ކަމެއް ، ކުރާނެ ކަމެއް ނޯންނާނެއެވެ.

  8. ޙ

    ކްރިމިނަލް ކޯޓްގެ ގާޒީން ވަކިކުރަންޖެހޭ. ޑްރަގް މާފިޔާ ގާޒީން ތިބެގެން ކުށެއް ސާބިތެއް ނުވާނެ

    9
    3
  9. ނުރަބޯ

    ޢަދުލު އިންސާފު ތިޔަހަރީ ހަމަ އަރިހުރަހަށް.