އިސްލާމީ ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ ނުރައްކާތަކުން އަރައިގަނެ، އިސްލާމީ އުއްމަތުގެ ކުރިއެރުމާއި ލާބައަށް ނުހަނު މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި، އިސްލާމިކް އިންސްޓިޓިއުޓް ފޯ އިސްލާމިކް ތޯޓްސް ގުޅިގެން އިންތިޒާމްކޮށްގެން ބާއްވަވާ ތިންވަނަ އިސްލާމީ ހޭލުންތެރިކަމުގެ ބައިނަލްއަޤްވާމީ މަހާސިންތާ ޝަރަފުވެރިކޮށްދެއްވައި އެ ޔުނިވަރސިޓީގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވީ، އަދުގެ ދުނިޔޭގައި ދިމާވާ އެންމެ ނާޒުކު އެއް މައްސަލަޔަކީ ދޭދޭ ފަރާތްތަކުގެ މެދުގައި އޮންނަންޖެހޭ ތަހައްމަލުކުރުމުގެ ރިވެތި ސިފަ ނެތުމުގެ ސަބަބުން ދުނިޔޭގައި ޞުލްހަވެރިކަން ގެއްލި ހަމަނުޖެހުން އާންމުވެފައިވުން ކަމަށެވެ.

މި އަހަރުގެ މަހާސިންތާގެ މައުޟޫކަމަށްވާ "ޞުލްހައާއި، ހަމަޖެހުމާއި، ތަހައްމަލުކުރުން، ދެކެނު އޭޝިޔާގައި ޤާއިމުކުރުމުގައި އިސްލާމީ ފިކުރާއި ޡަޤާފަތާއި ޙަޟާރަތުގެ ދައުރު"، މިއީ މުޅި އިސްލާމީ އުއްމަތް އެކަތިގަނޑަކަށް ހެދުމައްޓަކައި މަޝްވަރާކުރަން އެންމެ ރަނގަޅު އެއް މައުޟޫޢުކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މަހާސިންތާގެ މަޢުލޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރާއްޖެ މިހާރު ގުނަމުން މިދަނީ ޒަމާނީ ޑިމޮކްރަސީގެ ދުވަސްތަކެއް ކަމަށްވާއިރު މިއަދު މި ފެށޭ މަހާސިންތާގައި މަޝްވަރާކުރެވޭ މައުޟޫއަކީ ރާއްޖޭގެ މިހާރުގެ ހާލަތާ ވަރަށް ގުޅުން ހުރި މައުޟޫއެއްކަމަށެވެ.

އެގޮތުން ރާއްޖޭގެ ޤާނޫނު އަސާސީގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ޤާނޫނެއް ބިނާވެފައިވާނީ އިސްލާމީ އުޞޫލުތަކާއި އިސްލާމީ ޝަރީޢަތުގެ މައްޗަށްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، މިކަން އެންމެންވެސް ހަނދާނުގައި ބަހައްޓަންޖެހޭކަމަށާއި، މިކަމުން ވެސް ދޭހަވަނީ ރާއްޖެއިން އިސްލާމް ދީނަށް އަހައްމިއްޔަތުކަން ދޭ މިންވަރުކަމަށެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޒިންމާދާރުކަމާއެކު ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމަށާއި، ޚިޔާލުފާޅުކުރުމުގެ މަޤްޞަދަކީ އިޚްތިރާމްކޮށްގެން ކެތްތެރިކަމާއިއެކު އެކަކު އަނެކަކު ގުޅިގެން އުޅޭ މުޖުތަމަޢެއް ބިނާކުރުންކަން ފާހަގަކުރެއްވިއެވެ.