މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދިހަ މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހިއްޖެއެވެ.

ދިހަ މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނީ ހ.ނޫއަލިގޭގައި އަލިފާން ރޯވެގެންނެވެ. ނޫއަލިގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ހަރަކާތްތެރިވެ ވަނީ ނިއްވާލާފައެވެ.

ހ. ނޫއަލިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތި އެފްއާރުއެސް ފަޔަރ ކޮންޓްރޯލް ރޫމަށް ލިބިފައިވަނީ މިއަދު 08:55 ހާއިރުއެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ. މިގޮތުން ކުރެވުނު މަސައްކަތުން ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ 09:25 ހާއިރުއެވެ. މި ހާދިސާގައި 10 މީހުނަށް ދުމުގެ އަސަރުކޮށްގެން ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލަށް ވަނީ ފޮނުވިފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ މިހާރުގެ ހާލަތެއް އަދި ސާފެއް ނުވެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ގެއަކީ ބިދޭސީން ދިރިއުޅެމުން އަންނަ ގެއެކެވެ.

އިއްޔެ ހެންވޭރުގައި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. ނަމަވެސް އެހާދިސާގައި މާބޮޑު ގެއްލުމެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އަލިފާނުގެ ހާދިސާތައް ގިނަވުމަކީ ސަރުކާރު ވެއްޓެންއުޅޭކަން އަންގައިދޭ ކަމެއްކަމުގައި ބެލެވެއެވެ.