އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު މިއަދު ވިދާޅުވި ގޮތުގައި އޭސީސީއަށް އައްޔަން ފެންނަ މީހުންގެ ނަންތައް މަޖިލީހަށް ވަނީ ފޮނުވައިފައެވެ. ނަންތައް ހާމަކުރާނީ މަޖިލިހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް މެމްބަރުން އެ ކޮމިޝަނުން އިސްތިއުފާ ދެއްވުމާ ގުޅިގެން އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުއެވެ.

އޭސީސީގެ މެންބަރު ކަމަށް ބޭފުޅުން އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް މަޖިލީހަށް ނަންތައް ފޮނުވާފައި މިވަނީ ގާނޫނުގައި އެކަން ކުރަން ބުނެފައިވާ މުއްދަތުގެ ފަހުންނެވެ.

އޭސީސީގެ ގާނޫނުގެ 11 ވަނަ މާއްދާގެ ށ. ގައި ބުނެފައި އޮތީ އެ ކޮމިޝަނުގެ މެމްބަރަކު މަގާމުން އިސްތިއުފާ ދީފި ނަމަ އެ މަގާމަށް 60 ދުވަހުގެ ތެރޭގައި އަލުން މީހަކު އައްޔަނުކުރަންޖެހޭނެ ކަމަށެވެ.

އޭސީސީގެ މެންބަރުން މެންބަރުން އިސްތިއުފާ ދެއްވުމަކީ ވަނީ އެ މެންބަރުން މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފެށުމުންނެވެ. އޭސީސީއަށް މެމްބަރުން އައްޔަން ނުކޮށް ލަސް ކުރާތީ އިދިކޮޅު ފަރާތްތަކާއި ބައެއް އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނީ ކޮމިޝަނުން މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބެލި ގިނަވެފައި ހުރި ކަމަށާއި އެކަން އޮޑިޓް އޮފީހުން ހެދި ޕާފޯމަންސް އޮޑިޓުން ވެސް އެކަން ފެންނަން އޮތް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ތަކުރާރުކޮށް ހާޒިރުކޮށް، ކަންކަން ރަނގަޅު ކުރަން ދިން މުއްދަތުގެ ތެރޭގައި އެކަންކަން ރަނގަޅުކޮށްފައިނުވާ ކަމަށް ބުނެފައިވެއެވެ. އޭސީސީގެ މެންބަރުން އެ ތުހުމަތުތައް ދޮގުކުރި ނަމަވެސް މަގާމުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އިސްތިއުފާ ދެއްވި މެމްބަރުންނަކީ އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ، ނައިބު ރައީސް ފާތިމަތު އަނޫލާ، އަދި މެންބަރުންގެ ގޮތުގައި ތިއްބެވި އައިޝަތު އަބްދުﷲ އާއި އިބްރާހިމް ޝަކީލް އާއި އަލީ އަޝްރަފެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ޒަރިއަންދު ނަމެއް ނުކެރުނު ފޮނުވާކަށްދޯ؟ ހުސްޕަޕެޓުންގެ ނަން ފޮނުވީދޯ؟

  2. ގަޅިން

    ޝިޔާމާ އަކީ އޭސީސީގައި މަސައްކަތް ބުރަކަމުން ނިކުތް މީހެއް...އޭގެ ފަހުން ހައިކޯޓުގެ ރަޖިސްޓްރޭޝަން ސެކްޝަނުންވެސް ކުޅަދާނަވަރު ކަމަކަށް ނުވެގެން ނިކުތް މީހެއް ...ދެން ތަންތާވެރިންނަށް ލީމައި ވަރަށް ގައުމު ހިނގާނެ...ކުރީ ދައުރައްވިރެވެސް ހާލު ދަތްކޮށް ފެންނަނީ މިފަހަރު....ކުރިން ވިއްުޔާ ކިޔަވައިގެން ތިބި ބައެއް ތިބީ