ރަހީނުކޮށް މަރާލުމަށް ފަހު ހުޅުމާލެ ފަޅުތެރެއަށް އެއްލާލާފައިވާ 13 އަހަރުގެ ކުޑަކުއްޖާގެ މައްސަލާގައި ދައުވާ އުފުލާފައިވާ 17 އަހަރުގެ ކުއްޖާ ގޭގައި ބަންދު ކުރަން ޖުވެނައިލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދުކޮށްފިއެވެ.

ޖުވެނައިލް ކޯޓުން 17 އަހަރުގެ ކުއްޖާ ގޭގައި ބަންދު ކުރަން ނިންމީ، އޭނާ ބަހައްޓާފައި ހުރި ޑިޓެންޝަން ސެންޓަރަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދިން ލަފައަކާ ގުޅިގެންނެވެ.

އޭގެ ފަހުން ކަރެކްޝަންއާއި ފުލުހުން ގުޅިގެން އާ ޑިޓެންޝަން ސެންޓަރެއް ގާއިމްކޮށް، އެ ތަނަށް އެ ކުއްޖާ ބަދަލު ކޮށްދޭން ޖުވެނައިލް ކޯޓުގައި ދައުލަތުން އެދިވަޑައިގަތެވެ. ނަމަވެސް އެ ކުއްޖާ ގޭގައި ބަންދު ކުރަން ނިންމި ނިންމުން އެ ކޯޓުން ބަދަލެއް ނުކުރިއެވެ.

މި މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރިއެވެ. އިސްތިއުނާފްގެ މައްސަލާގައި ދައުލަތުން ފާހަގަ ކުރެއްވި ކަމަކީ، ދައުވާ ލިބޭ ކުއްޖާގެ ފަރާތުން މުޖުތަމައަށް ނުރައްކާ ވުމުގެ ފުރުސަތާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލް އެބަ އޮތް ކަމުގައެވެ.

ހައި ކޯޓުން މި މައްސަލާގައި އިއްޔެ ނެރުނު ހުކުމުގައި ވަނީ، އެ ކުއްޖާ އަދިވެސް ހުރީ ބަންދެއްގައި ކަމަށާއި ޝަރުތުތަކެއް ކުރުމަށް ފަހު، ދައުވާ ކުރެވޭ ކުޑަކުދިން ގޭގައި ބަންދު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ކަމަށެވެ. އެހެންވެ އޭގެ ބަންދުގެ ހާލަތު ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުގެ މެންދަމު ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޫދާވީ ދިމާލުން ފޮށިގޮނޑަކަށް ލާފައި އޮއްވައި ފެނުނު 13 އަހަރުގެ ކުއްޖާ ގަސްތުގައި މަރާލި ކަމުގެ ދައުވާ އުފުލީ 17 އަހަރުގެ ކުއްޖާގެ އިތުރުން 27 އަހަރުގެ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހީމް ޒިހާންގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިމަންނަ

    ޑިޓެންޝަން ސެންޓަރަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ، ޖަލުތަކަކީ "ގައުމީ ކުދިން" ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ، ކޯޓްތަކަކީ ޝަރީއަތް ކުރަން ކަމުދާ ތަނެއް ނޫން ، ދެނޯ ......؟؟؟؟

  2. ށޒލ

    13 އަހަރު ކުއްޖާ މަރާލާފަ ލާފަ އޮތް ފޮއްޓަކީ އެކުއްޖާ ލާން އެކަށީގެންވާ ތަނެއްތަ ތި ކޮމިސަނާ ކޯޓަށް ؟