ރަޝިއާ ސިފައިން ދިން ހަމަލާއެއްގައި ޔޫކްރެއިންގައި ހުރި ޝޮޕިން ސެންޓަރެއް ބިމާ އިއްޔެ ހަމަކޮށްލައިފިއެވެ.

ރަޝިއާ ސިފައިން ދިން ވައިގެ ހަމަލާއެއްގައި ބިމާ ހަމަކޮށްލީ ޔޫކްރެއިންގެ ވެރިރަށް ކިއޭވް ކައިރީގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ އިރްޕިންގައި ހުރި ސެންޓަރެކެވެ.

އެތަނުން ކަޅު ދުންތައް އަރާ މަންޒަރުގެ ފޮޓޯތައް މިހާރު ވަނީ އާންމުވެފައެވެ. އިރްޕިންއަކީ ރަޝިއާ ސިފައިން އެންމެ ވަރުގަދަ އަށް މިހާރު ހަމަލަދެމުން އަންނަ އެއް ސަރަހައްދެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު އެ އަވަށް ދޫކޮށް ވަނީ ދާން ފަށައިފައެވެ.

ޔޫކްރެއިންގައި ތިބި ބައެއް ނޫސްވެރިން ބުނާ ގޮތުގައި ރަޝިއާ ސިފައިން ވަނީ އެ އަވަށް ދޫކޮށް ދާ މީހުންނަށް އަމާޒުކޮށް އެއްގަމު މަގުންނާއި ވައިގެ މަގުން ހަމަލާ ދީފައެވެ.

އެހެންވެ، ގިނަ އަދަދެއްގެ ބަޔަކު ތިބެނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އެސަރަހައްދުން ފެންނަނީ އަތު ޖެހުނު އެއްޗެއް ހިފައިގެންދާ ގެދޮރު ދޫކޮށް ދާ މަންޒަރެވެ.

އިރްޕިން އަވަށުގެ މޭޔަރު އޮލެކްސަންޑަރ މާކަސްޝިން ވިދާޅުވީ އިރްޕިން އަށް ދިން ހަމަލާތަކުގައި މަދުވެގެން 11 މީހަކު މަރާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެ ކުދިން ހިމެނެއެވެ.

އދ. އިން ހާމަކޮށްފައިވާ ގޮތުގައި ޔޫކްރެއިނުން 364 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 20 ކުޑަކުދިން ހިމެނޭ އިރު، އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފައި ކަމަށް އދ. އިން ބުނެއެވެ.

އެކަމަކު ޔޫކްރެއިންގެ އެމަޖެންސީ ސާވިސް އިން ބުނެފައި ވަނީ ޔޫކްރެއިނުން 2،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. އަދި 11،000 އަށް ވުރެ ގިނަ ރަޝިއާ ސިފައިން މަރާލާފައިވާ ކަމަށްވެއެވެ.

ރަޝިއާ އިން އެންމެ ވަރުގަދަ ހަމަލާތަކެއް މިހާރު ދެމުން އަންނަ އެއް ސިޓީއަކީ މަރިއޮޕޮލްއެވެ. އޭގެ އިތުރުން ހާކީވް ސިޓީއަށާއި ކިއޭވް އަށް ވެސް ރަޝިއާ ސިފައިން ވަނީ ހަމަލާ ދޭން ފަށައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު