ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާގެ ކުރިމަތީގައި ގުދުވާން ޖެހޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު އެހެން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް މިއަދު މަޖިލީހުގެ ތަޅުމަށް އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުންނެވެ.

ޖާބިރު ވިދާޅުވީ އިންޑިއާ އައުޓް ގޮވާކަށް ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. އަދި ރާއްޖޭގެ އަސްކަރިޔާއް އާއި އިންޑިއާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި އެކަން ނޮވެމްބަރު 3، 1988 ގައި ވަރަށް ސާފުކޮށް އެނގިގެން ދިޔަ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ރައީސް ސޯލިހް އަދި މުޅި ދައުލަތުން އިންޑިއާގެ ރައްޔިތުން ކުރިމަތީގައި ގުދުވާން ޖެހޭނެ ކަމަށް ޖާބިރު ވިދާޅުވީ ކޮވިޑްގައި ރާއްޖެއަށް ދިމާވި ދަތި އުނދަގޫ ހާލަތުން ކޮޅަށް ނެގީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާގެ ރަށްޔިތުން ކަމަށް ވިދާޅުވެއެވެ.

"އެހެންވީމަ އިންޑިއާ އައުޓް ނުކިޔަން މި މަޖިލީހުން ފާސްވީ. ދެން މީގެ ފަހުން ރައީސް ޔާމިން ހައްޔަރު ކުރުމަށް މި ދޭތެރޭގައި 72 ގަޑިއިރުތޯ އޮތީ ނޫނީ އެއް ގަޑިއިރުތޯ އޮތީ. ކިތަންމެ ފުއްޖަހައިގެން ފާތުން ނިކުތަސް ވަގަށް ނެތި ފުއްޖީއެއް ދޮނެއް ނުވާނެއޭ." ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ އިންޑިއާ އައުޓް ކިޔަން ގަބޫލް ނޫން ކަމަށެވެ. އަދި އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ޖަހައިގެން ހުރި ވެކްސިނަށްޓަކައި ވެސް އެކަން ކޮށްގެން ނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އަންނަ ހުކުރު ދުވަހު އިދިކޮޅުން ބާއްވަން ހަމަޖެހިފައިވާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަހުސަށް ހުޅުވާލަން ފާސްކުރީ 30 މެންބަރުންގެ ވޯޓުންނެވެ. މި މައްސަލަ ބަހުސަށް ހުޅުވާލުމުގެ ބަދަލުގައި ތަޅުމުން ބޭރުކޮށްލަން ދެ މެންބަރަކު ވޯޓު ދެއްވިއެވެ.

އަންނަ ހުކުރު ދުވަހު "އިންޑިއާ އައުޓް" ކެމްޕޭންގެ ތެރެއިން "ނޭވާ ހޮޅިއަށް" ޝިއާރުގައި ބޮޑު ހަރަކާތެއް ބާއްވަން ޕީޕީއެމް ޕީއެންސީން ވަނީ ނިންމައިފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޚާރިޖީ ސިޔާސަތު އޮތީ ވަރަށް ބޮޑަށް އިންޑިއާއަށް ބަރޯސާކޮށްފައެވެ. އިންޑިއާގެ އަސްކަރީ އެހީ ވަރަށް ބޮޑަށް ހޯދަން ރައީސް ސޯލިހް ގެންގުޅުއްވާ ސިޔާސަތަކީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން އިންތިހާއަށް އަމާޒުވެފައި އޮތް ކަމެކެވެ.

އިންޑިއާއާއި އެކު އަސްކަރީ އެކި އެއްބަސްވުން އެކުލަވާލާފައިވާއިރު އެ އެއްބަސްވުންތައް ރައްޔިތުންނަށް ހާމައެއް ނުކުރެއެވެ. މި އެއްބަސްވުންތަކުގެ ފަހަތުގައި އޮތީ އިންޑިއާގެ ސިފައިންނާއި ޖާސޫސީ މީހުން ގާއިމްވެ ތިބޭނެ މަރުކަޒުތަކެއް ގާއިމް ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ނަމަވެސް އިންޑިއާގެ ސަރުކާރާއި ދިވެހި ސަރުކާރުން މި ކަން ދޮގު ކުރެއެވެ.

އެކި ސަރުކާރުތަކުގައި އިންޑިއާއިން ދީފައިވާ އުޅަނދުތަކެއް ބަލަހައްޓަން އިންޑިއާގެ ސިފައިންތަކެއް ގާއިމްވެ ތިބެއެވެ. ލ. ކައްދޫގައި އޮންނަ ހެލިކޮޕްޓަރަކާއި އައްޑޫ ސިޓީ ގަމުގައި އޮންނަ ހެލިކޮޕްޓަރަކާއި ހދ. ހަނިމާދޫގައި އޮންނަ ޑޯނިއާ މަތިންދާބޯޓު ބަލަހައްޓަން ޖުމުލަ 75 ސިފައިން ތިބެއެވެ.

އިދިކޮޅު ފަރާތްތަކުގެ ހަރަކާތަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ރައީސް ސޯލިހްގެ ދިފާއީ އަދި ޚާރިޖީ ސިޔާސަތުތަކާއި ދެކޮޅަށް ހިންގާ ހަރަކާތެކެވެ. މި ސިޔާސަތުތަކުގެ ސަބަބުން ދިވެހި ދައުލަތުގެ މިނިވަން ކަން ގެއްލިގެންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަމްކުޅިބޭ

    ގުދުވާކަށްނޫންޖެހޭނީ. މޯދީއަށް ސަޖިދަ ޖަހަންޖެހޭނީ.

    21
    1
  2. ހަސަންބެ

    އިންޑިޔާ މިލިޓަރީ މިތާނެތީ ކޮންތާކު މާލެގެ އިންޑަސްޓޮރިއަލް ޒޯނުގަ ބުރިޖް އެޅުމުގެ ނަމުގަ އެސަރަހައްދުގަ އެތާގަވެސް ތިބިކަމަށް ވަނީ އިންޑިޔާގެ40 ޖާސޫސްއަަމީން މީސައްހަ މައުލޫމާތަކަށް ވެއްޖިއްޔާ އަޅާނޭ ބުރިޖެއް ބުނެބަލަ މުޅިގައުމު ނުރައްކަލުގެތެރަށް މިވެއްޓެނީ ހުރިހާދިމައަކުން ގައުމު ބައްދާ އެލަނީ އެންމެ ފަހުން ވެރިރަށް މާލެގަ އެތިބީ ްްްްްްްްްްްްްްްްްްްްްް

    6
    2
  3. ކަނބިލި

    މީނައަކީ ޑޮންޑޮންބޮއިގެން ހަމަހެއިގައި ހުންނަމީހެއްހެން ހީނުވޭ

    13
    1
  4. ޖާބިރު އައުޓް

    ޖާބިރު އައުޓް، ޖާބިރު އައުޓް، ޖާބިރު އައުޓް، ޖާބިރު އައުޓް
    މިވަރުގެ މީހުން މަޖިލީހަށް ހޮވުން ދެރަ ކަމަކީ

    15
    1
  5. ސަނީމާ

    ޖާބެ ތިވަނީ ގޯސް، ޖާބެގެ ފޭން އެއް މަށަކީ، އެކަމް ބައެއް ކަހަލަ ވާހަކަތަކަކީ ޓޮލެރޭޓް ކުރެވޭނެ ވާހަކަތަކެއް ނޫން.

    11
    1
  6. ހަގީގަތް

    ދިވެހިރައްޔިތުން ބޭނުންވާ ކަމެއްތޯ ނުވަތަ ނުވާ ކަމެއްތޯ ކަނޑައެޅުން ދިވެހިރައްޔިތުންގެ އިޚްތިޔާރަށް ދޫކޮށްލަން ނުކެރިގެން ތިއުޅެނީ ގައިމު ކަމެއް ވާތީތާ! ރައްޔިތުން ބޭނުންވާ ގޮތް ފާޅުކުރާނީ ރައްޔިތުން. ރައްޔިތުންގެ މަޖިލީހަކުން ނޫން.

  7. ކަޅުބެ އަލީ

    މީނަޔަށް އިންޑިއާއިން ވެލިކާންދޭތަން ބަލަން މަ ގުދަށް އޮންނާނަން ހޭން.

  8. ޑައެލޯގް

    ޖާބިރު ކުފުރުވެއްޖެއެވެ. ގުދުމުމަކީ ރުކުޢު ކުރުމެވެ. ފިރުއައުނުކުރިމަތީގައި ގުދުވަނީ ސަޖިދަޖެހުމަށެވެ. ވީމާ ﷲ ފިޔަވައި އެހެންފަރާތަކަށް މިފަދަކަމަކަށް ގޮވާލާމީހާވެސް މަގޭނަޒަރުގައި ކުފުރުވާނެއެވެ.