ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލިހުގައި ހ. ބައިކެނޑީގެ މަރިޔަމް ނަޒާހާ ގިނަ ވަގުތު އިނީ އިސް ދަށަށް ޖަހައިގެންނެވެ. ކޯޓުގައި ކޮޅަށް ތެދުވެ ވާހަކަ ނުދެއްކި ނަމަވެސް އޭނާގެ ވަކީލް މަރިޔަމް ނިހާޔަތު ގެންދެވީ މާޒީގައި ހިނގައިދިޔަ ކަންކަން ޝަރީއަތުގައި އިއްވަވަމުންނެވެ. ނިހާޔަތު އިއްވެވީ ނަޒާހާ އަށް އޭރު ލިބުނު ގެވެށި އަނިޔާތަކުގެ ތަފްސީލްތަކެވެ. އެތައް ފަހަރަކު އަނިޔާ ފިރިމީހާގެ ފަރާތުން ލިބުނު އަނިޔާތަކުގެ ވާހަކައެވެ.

އަންހެން ގައިދީން ޖަލުގައި ބޭނުން ކުރާ ވައްތަރުގެ ހެދުމެއް ލައިގެން އިން ނަޒާހާ ދިޔައީ ގިސްލަ ގިސްލާފައި ރޮމުންނެވެ. އޭނާގެ އަތުގައި އޮތް މާސްކުން އެ ހުރިހާ ކަރުނަތަކެއް ދިޔައީ ފޮހެމުންނެވެ. ސާޅީސް މިނެޓު ހޭދަވި އެ ޝަރީއަތުގެ ގިނަ ވަގުތު އޭނާ އިނީ މާޔޫސްވެ، ވަރަށް ބޮޑަށް ފެން ކަޅިވެފައެވެ.

ނަޒާހަގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދު (ޝާޑު) ގެ ބުރަކައްޓަށް ފަސް އިންޗީގެ ތިލައެއް ހުރި ވަޅިއެއް ހެރި މައްސަލައިގައި ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ނަޒާހާގެ މައްޗަށް އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. ދެ ކޯޓުގައި ބޭއްވި ޝަރީއަތުގައި ނަޒާހާގެ މައްޗަށް ކުރި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އަށް އޭނާ އިންކާރެއް ނުކުރެއެވެ.

ނަޒާހާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ނުވަނީ ޝާޑުގެ ވާރިސުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން އެކަން ކުރަން ދެކޮޅު ހެދުމުންނެވެ. އެހެންވެ, ތައުޒީރީ އަދަބެއްގެ ގޮތުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީއެވެ.

ކްރިމިނަލް ކޯޓުން ނަޒާހާގެ މައްޗަށް ކުށް ސާބިތުވެފައި ވަނީ 2010 ގައެވެ. އަދި އެ މައްސަލަ އިސްތިއުފާށް ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން 2015 ގައި އެ ހުކުމަށް ތާއީދު ކުރިއެވެ. ނަޒާހާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ހަ އަހަރު ފަހުން, މިދިޔަ ޖުލައި މަހުއެވެ.

އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވަމުން ނިހާޔަތު ވިދާޅުވި ގޮތުގައި ހާދިސާ ހިނގި ދުވަހު ޝާޑު، ނަޒާހާ އަށް އެތައް ފަހަރަކު ގުޅަމުން ދިޔަ ކަމަށާއި ފޯން ނުނެގުމުން ޝާޑު އައިސް އަނިޔާކޮށް "ރުޅިވެރިކަން" ބާލާނެ ކަމަށް ނަޒާހާ އަށް ގަބޫލު ކުރެވުނެވެ. އަނިޔާ ކުރުމަށް ކޮންމެވެސް އެއްޗެއް ހޯދާނެ ކަން އެއީ ދުރާލާ ނަޒާހާ އަށް ވިސްނުނު ވިސްނުމެއްގެ ކަމަށް ވެސް ނިހާޔަތު ފާހަގަ ކުރެއްވިއެވެ.

"އެ ރުޅިވެރިކަން ބޭލުމަށްޓަކައި ކޮންމެވެސް އެއްޗެއް އަތު ޖެހޭތޯ އޭނަ މަސައްކަތް ކުރާނެ. އެގޮތަށް އެއްޗެއް އޭނާ ނެގުމުގެ ކުރިއަށް ނަޒާހާ އަށް ޝާހިދުގެ ފަރާތުން ކުރިމަތިވާނީ ކޮން އަނިޔާއެއް ކަން ނޭނގި، ގެވެށި އަނިޔާތަކުން އެތައް އަހަރަކު އަނިޔާ ލިބި ގިނަ ލަކުނުތަކެއް ހުރި ފަރާތަކަށްވާތީ ދެން ކުރިމަތިވާން އޮތީ ކޮން ކަމެއް ކަން ނޭނގޭ ހާލުގައި އެކަމުން ސަލާމަތް ކުރުމަށް ވަޅި އިސް ކުރެވުނީ،" ނިހާޔަތު ވިދާޅުވިއެވެ.

ނިހާޔަތު ވިދާޅުވީ ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލިހުގައި "ވަޅި އިސް ކުރެވުނީ" ކަމަށާއި ހަމަލާދެވުމަކީ ގަސްދުގައި ކުރި ކަމެއް ނޫން ކަން ނަޒާހާ ބުނެފައިވާ ކަމަށެވެ. ޝާޑު މަރާލާނެ ކަމަށް ނަޒާހާ އެއްވެސް އިރެއްގައި ވިސްނާފައި ނުވާ ކަމަށް ވެސް ނިޔާހަތު ވިދާޅުވިއެވެ.

ޝާޑު ނަޒާހާގެ ގެއަށް އައިސް އަޑުގަދަ ކުރަން ފެށުމުން އޭނާއަށް އޮތް ބިރުވެރިކަން ބޮޑުވެގެންދިޔަ ކަމާއި އެ ބިރުވެރިކަމާއި ނަފްސާނީ ގޮތުން ކޮށްފައިވާ އަސަރުތަކުގެ ސަބަބުން އަމިއްލަ ދިފާއުގައި ވަޅި ނަޒާހާއަށް ނެގުނީ ކަމަށް ނިހާޔަތު ވިދާޅުވިއެވެ. ދިފާއުއެއްގެ ގޮތުން އެތައް ޒަމާންވީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުގެ ސަބަބުން އަންހެނުނަށް ކުރިމަތިވާ ހާލަތެއް ކަމަށްވާ "ބެޓާ ވުމަން ސިންޑްރޮމް" ވެސް ނަޒާހާގެ ފަރާތުން ނަގާފައިވާ ކަން ޝަރީއަތުގެ މަޖިލިހުގައި ނިހާޔަތު ވިދާޅުވިއެވެ.

ނަޒާހާ ޖަލަށްލީ ފިރިމީހާ މަރާލި ކަމަށް އިއުތިރާފްވެގެން.

"(އެއީ) ހަސަން ޝާހިދު މަރާލަންވެއްޖެއޭ، އޭނާ އަށް ހަމަލާއެއް ދޭން ބޭނުމޭ، އެގޮތަކަށް ދުރާލައި ވިސްނައި ރޭވުމެއްގެ ތެރެއިން ކުރިއާލައި ތައްޔާރުވެގެން ކޮށްފައިވާ ކަމެއް ނޫން،" ނިހާޔަތު ވިދާޅުވިއެވެ.

ނަޒާހާ އަށް އެތައް ފަހަރެއްގެ މަތިން ގެވެށި އަނިޔާ ކުރާ ކަން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަށް ހުށަހެޅުނު މައްސަލަތަކާއި ޖެންޑަ މިނިސްޓްރީ އަށް ހުށަހެޅުނު މައްސަލަތަކާއި ފުލުހުންނަށް ހުށަހެޅުނު އެތައް މައްސަލައަކުން އެކަން އޮންނަ ކަމަށް ނިހާޔަތު ވިދާޅުވިއެވެ. އަދި އެކަން ދަންނާނެ އެތައް ހެއްކެއް ވެސް ތިބި ކަން ޝަރީއަތުގެ މަޖިލިހުގައި ނިހާޔަތު ދިޔައީ ފާހަގަ ކުރައްވަމުންނެވެ.

"އެތައް އަހަރެއް ވަންދެން އެކަމުގެ ތެރޭގައި އުޅެވި، އެ ސާކަލްގެ ތެރޭގައި ސަލާމަތް ނުވެވި، އެއިން ނުކުންނާނެ މަގެއް ނުފެނިފައި އެކަމަށް އެހީއެއް އެހީތެރިވެދޭނެ ނުވަތަ އެއަށް މަގުފަހިކޮށްދެވޭނެ އެއްވެސް ވާގިވެރިއެއް ނެތުނީމަ އެކަމުގެ ތެރެއަށް ގޮސް ގޮތް ހުސްވެ އަމިއްލަ ދިފާއުގައި ވިސްނުމެއް ނެތި ކުރެވުނު ކަމަކުން ނަޒާހާ މިއަދު މިތަނުގައި ޝަރީއަތުގެ މަޖިލިހުގައި އިންނަން ޖެހިފައި ވަނީ،" ނިހާޔަތު ވިދާޅުވިއެވެ.

އަމިއްލަ ނަފުސުގެ ދިފާއުއަކީ ނަޒާހާއަށް ލިބިދޭން ޖެހޭ ހައްގެއް ކަމާއި އެގޮތުގެ މަތިން އޭނާއަށް އަދަބު ލުއިވެގެން ދާން ޖެހޭނެ ކަމަށް ނިހާޔަތު ވިދާޅުވިއެވެ. އަދި ދަށު ކޯޓުތަކުން އެކަމަށް ރިއާޔަތްކޮށްފައި ނުވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ނިހާޔަތު ވިދާޅުވިއެވެ.

ނަޒާހާ

ހައިކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތަށްފަހު އިއްވި ހުކުމްގައި އަދަބު ކުޑަކުރަން ޖެހޭ ސަބަބުތަކެއް ހުރިކަން ފާހަގަކުރުމަށްފަހު ވެސް އަދަބު ކުޑަކޮށްފައި ނުވާތީ އެކަން ވެސް ވަކީލު ފާހަގަކުރެއްވިއެވެ.

ޝަރީއަތުގައި މައްސަލާގައި ހިމެނޭ ފަރާތްތަކުގައި ބަޔާންތަކުގައި ގިނަ ފުށުއެރުންތައް ހުރިކަން ވެސް ފާހަގަކޮށްފައިވެއެވެ. މި ހުރިހާ ކަމަކާ ގުޅިގެން ތަހުގީގު ފުރިހަމަ ނުވާ ކަން އެނގޭ ކަމަށް ނިހާޔަތު ވިދާޅުވިއެވެ. މި މައްސަލަ ނިންމާފައި ވަނީ ހަމައެކަނި ނަޒާހާގެ އިއުތިރާފްގެ މައްޗަށް ބިނާކޮށް ކަމަށާއި ބަހުގެ ސައްހަކަން ކަށަވަރު ކުރުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް ނިހާޔަތު ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ވަގުތު ހަމަވުމާއެކު, އަޑުއެހުން ނިންމާލައްވަން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ނިންމެވީ އިސްތިއުނާފީ ނުކުތާތަކާ މެދުގައި ދެން އޮންނަ އަޑުއެހުމެއްގައި ވާހަކަ ދައްކަވަން ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

އުއްތަމަ ފަނޑިޔާރު ރިޔާސަތު ބަލަހައްޓަވާ މި މައްސަލާގެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން, ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު, ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަބްދޫ

    ތިޔަވާހަކަ ގަބޫލް ނުކުރެވޭ ހިޔާލީ ދޮގުވާހަކަތަކެއް ވަކީލު ކިޔާދިނީ އުތަ؟

    20
    27
  2. ހަސަނު

    އަމިއްލަ ދިފާއުގަ ވަޅި ބޭނުންކުރިނަ
    މަ ހަމަލަ އަމާޒުވާނީ ވިކްޓިމްގެ ކުރިމައްޗަށް ފުރަގަހަކަށް ނޫން

    50
    13
    • ޢީސަ

      ޙާދަވިސްނުންތޫނޭ. ބޯހަލާކު

    • ސުވާލު އުފެދޭ ؟

      ވަރަށް ރަގަޅު ޕޮއިންޓެއް!

  3. Anonymous

    ވަކީލު ކަލޭ ﷲ އައްބިރުވެތިވެ ހުންނާތި ތިއީ މީހެއްގެ މަރުގެ މައްސަލައެއް

    48
    10
  4. ސަކީނާ

    ފާހަގަ ޖުރެވެނީ މީ ވަރަށް ހައްދުފަހަނަ އަޅާފަތިބޭމިހުން ކޮމެންޓް ކުރާ ތަނެއްކަމުގަ.

    22
    13
    • ޢައިޝާ

      ޚޮމެންޓް ތައް ބަލާލީމަ އެގޭ ވަރަށް ހޭލުންތެރި ބައެއް ނޫން ކަން

    • ނަށިދު ބަ

      އޭއާން މީކަހަލަ ކޮންމެ މައްސަލަ އަކައް ކޮމެންޓު ކުރާނެ އެއްވެސް ކުލުނެއް ހަމދަރުދީވުމެއް ނެއް ބޯދާ މީހުން.ފެންނަފެނުމައް އާޒުވާން ޖީލު މިޔައްވުރެ ތަހުޒީބު.މީ ގައުމުަ އެލިގެން ތިބޭ މުކުޅި ވިސނުން ހުންނަ މީހުން.އަޅާލާ އެއްޗެއް ނޫން

  5. Anonymous

    މީހަކު މަރާފަ ސަލާމަތް ވާން ޖަހާ މޮޅު ރޮކެޓެއް

  6. ަސަރީ

    ޖެންޑާއިން އެހީ ލިބޭނޭ ހިތާ އުޅުމަކީވެސް ގުޅުމަކީވެސް ބޭކާރު ކަމެއް. ވާނެ 6 އެއްޗެއްވީމަ އަންނާނެ ގުޔޭ ކިޔަން. ޕޮލިހަކީވެސް ހަމަ އެވަރު ތަނެއް. ދެރަމީހެއްގެ ކަމެއްވިއްޔާ ތަނަކުން ސީސީ ޓީވީ އަކަށްވެސް ނާރާނެ. ހޯދަން ބޭނުންވިއްޔާ ބޮސްގެ ކާރު ކޫރުން އެޅުނު އަނގޮއްޓިވެސް ހޯދޭ.

  7. މަ

    ބައިކެނޑި މަތިން ހަނދާން ކޮށްލީމަ ތިޔަ ޝަރީއަތްދާނެގޮތް ވަރަށް ރަނގަޅަށް އެނގޭނެ.

    2
    1
  8. ފުތާބެއްޔާ

    ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުން ވިޔަސް އެކަން ނުކޮށް 25 އަހަރަށް ޖަލަށް ލަނީ. އެ މީހުން މާފު ދިނީމަވެސް ހަމަ 25 އަހަރަށް ޖަލަށް. މީ އިންސާފެއް ނޫން ޖޯކެއްނު.

    4
    4
  9. ހަބީބު

    ބައިކެނޑިގެ އަކީ ފެށުނީއްސުރެ އެމްޑީޕީގެ ވަރަށް ފުން ގެއެއް. ބައިކެނޑިގޭ ކުއްޖެއް ނަޒާހާ އަކީ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގަ ނަޒާހާ ގެއަށް ބަދަލުކުރަން ވަރަށް މަސައްކަތްކުރި. ނަމަވެސް ހައިކޯޓުގެ މެޖޯރިޓީ އެމްޑީޕީއަށް ނެތުމުން އެފަހަރު ނަޒާހާ އޮންނަން ޖެހުނީ ޖަލުގަ. ނަޒާހާ ވަނީ މީހަކު މަރާލާފަ.މިފަހަރުއެމްޑީޕިގެވެރިކަންއައީމަ ކޮންމެވެސް ގޮތަކުން ނަޒާހާގެ މައްސަލަ ތިއޮތީ އަނެއްކާ ވައްދާފަ ސުޕްރީމް ކޯޓަށް. ގަސްދުގަ މީހަކު މަރާލާފަ ފަހުން މިކިޔަނީ ގެވެށި އަނިޔާގެ ސަބަބުން ސެލްފް ޑިފެންސޭ. ނަޒާހާ އަކީ ގާތިލެއް. މަރުގެ އަދަބުން ސަލާމަތްވީ ވާރިސުން ނަޒާހާ މަރަން ބޭނުން ނުވާތީ

    1
    1