ފުވައްމުލައް ސިޓީގެ ކުޑަ ހަވިއްތައަށް ގެއްލުންވާގޮތަށް، މަގު ކޮނުމުގެ މަސައްކަތް ކުރަމުންދާތީ އެކަމާއި ގުޅިގެން ހެރިޓޭޖް މިނިސްޓްރީން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ސަރުކާރުން ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދާ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ މަގުތައް އަންނަނީ ޒަމާނީ ފެންވަރެއްގައި ތަރައްގީ ކުރަމުންނެވެ. މިގޮތަށް މަގުތައް ކޮނުމުގެ ތެރޭގައި އެރަށުގެ އާސާރީ ބިނާއެއް ކަމަށްވާ ކުޑަ ހަވިއްތައަށް ގެއްލުންވާ ގޮތަށް އަންނަނީ މަގު ހެދުމުގެ މަސައްކަތްތައް ކުރަމުންނެވެ.

މިކަމާއި ގުޅިގެން ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގާނޫނާ ހިލާފަށް ފުވައްމުލައް ސިޓީގެ ކުޑަ ހަވިއްތައަށް ގެއްލުންވާގޮތަށް، މަގު ކޮނުމުގެ މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތުލިބުމާއެކު އެކަން ހުއްޓުވުމަށް މި މަރުކަޒުން ވާނީ ފުވައްމުލައް ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.

އަދި މިކަމާއި ގުޅިގެން ހަވިއްތައަށް ގެއްލުން ލިބިފައިވޭތޯ ބަލާ، ގާނޫނުގައިވާ ގޮތަށް އަމަލުކުރަމުން ގެންދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަ ކުރައްވާފައެވެ.

ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރު ކުރުމާއި މަގު ބައްތި ހަރު ކުރުމުގެ އިތުރުން، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ފުވައްމުލަކު ހަވިއްތައަކީ އެރަށުގެ ގަދީމީ ތާރީހު ރަމްޒުކޮށްދޭ އެންމެ ގަދީމީ ބިނާއެވެ. އިހު އެވޭލާ ޒަމާނުގައި "ވޭރެގަން" ކިޔާ އުޅުނު ހިސާބުގައި ފެންނަން ހުރި ހަވިއްތައަކީ ބުނެވޭ ގޮތުގައި ބުޑިޒަމް ޒަމާނުގެ ބިދާއެކެވެ. މިތަނަށް "ދާގަބާ"ވެސް ކިޔާ އުޅެއެވެ. ހަވިއްތަ ނުވަތަ ދާގަބާ ކިޔާ އުޅޭ ބިނާތަކަކީ ހިންދޫ ނުވަތަ ބުދު ދީނުގެ މީހުން އަޅުކަން ކުރާ ތަންތަނާއި އެއްގޮތަށް ފަރުމާކޮށް، އިމާރާތްކޮށްފައިވާ ގަދީމީ ބިނާތަކެކެވެ.