އިދިކޮޅު ޕީޕީއެމްގެ މެންބަރުން ވަގަށް ނަގާ ކަމަށް ތުހުމަތުކޮށް އެ ޕާޓީން އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގާއި، ކޮމިޝަންގެ އިސްވެރިންނާއި އަނެއްކާވެސް ބައްދަލުކުރައްވައިފިއެވެ.

މިއަދު އީސީގައި އޮތް މިބައްދަލުވުމުގައި ޕީޕީއެމްގެ ފަރާތުން އެޕަޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލާއި، ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.

ތޮލާލް ވިދާޅުވީ އިލެކްޝަންގައި ޕީޕީއެމްގެ މެމްބަރުން ވަގަށް ނަގާ މައްސަލާގައި ހުރި ކަންބޮޑުވުންވުންތައް ހިއްސާކޮށްފައި ވާނެކަމަށެވެ. އަދި ޕީޕީއެމްގެ މެމްބަރުން އެހެން ޕާޓީތަކަށް ގެންދާ މައްސަލާގައި ފިޔަވަޅު އަޅައި، ޕާޓިން ގެންދިޔަ މެމްބަރުން އަނބުރާ ޕީޕީއެމްއަށް ގެނެވޭނެ ގޮތެއް ހަދައިދޭން އެދިފައިވާނެކަމަށް ތޮލާލް ވިދާޅުވިއެވެ.

"ޕީޕީއެމްގެ މެމްބަރުން ވަގަށް ނަގާ މައްސަލާގައި އިލެކްޝަނަށް ކޮމިޝަނަށް. ވަގަށް ގެންގޮސްފައިވާ މެމްބަރުން އަލުން އަނބުރާ ޕީޕީއެމްއަށް ވެއްދުމަށާއި، ވަގު ފޯމު ހުށަހަޅާ ޕާޓީތަކަށް ފިޔަވަޅު އެޅައި ޖޫރިމަނާ ކޮށް ދިނުމަށް އެދިފައިވާނެ." އޭނާ ވިދާޅުވިއެވެ.

ތޮލާލް ކުރިން ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ޕީޕީއެމްގެ 5،000 އަށްވުރެ ގިނަ މެމްބަރުން އެހެން ޕާޓީތަކަށް ވަގަށް ގެނެސްގޮސްފައިވާކަމަށެވެ. މިމައްސަލަ އަކީ އިލެކްޝަންސް ކޮމިޝަނުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ޕީޕީއެމްއިން ވަގަށް ގެންދިޔަ މެމްބަރުން އަލުން ޕީޕީއެމްއަށް ލިބޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް ތޮލާލް ވަނީ އެދިވަޑައިގެންފައެވެ.

އަދި މިކަން ކުރި ސިޔާސީ ޕާޓީތަކާ މެދު އިލެކްޝަންސް ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްވެސް ތޮލާލްވަނީ ގޮވާލައްވައިފައެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު "ވަގުތު" އަށް ވިދާޅުވީ އެހާ ގިނަ އަދަދެއްގެ މެންބަރުންގެ ފޯމުތަކުގައި މައްސަލަ އުޅެދާނެ ކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް ކޮންމެވެސް ވަރަކަށް މީހުންގެ ވަގު ފޯމުތައް ފުރާފައިވާކަން ހާމަވެފައިވާ ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ ދަފްތަރު ދައްކާ ގޮތުން މިވަގުތު ޕީޕީއެމްގައި ތިބީ 34،237 މެމްބަރުންނެވެ. ސިޔާސީ ޕާޓީތަކުގެ މެންބަރަކަށް ވުމަށްޓަކައި ސައްޙަ ނޫން ފޯމު ހުށައެޅުމުގެ މައްސަލަ ހައްލުކުރުމަށް، ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުތައް ވަކި މުއްދަތަކަށް އާންމު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި ސައްޙަ ނޫން ފޯމު ހުށައެޅުމުގެ މައްސަލައަކީ ބޮޑު މައްސަލައަކަށް ވީނަމަވެސް މިކަން ހުއްޓުވޭނެ ހަރުދަނާ ނިޒާމެއް މިހާތަނަށް ރާއްޖޭގައި ގާއިމްކުރެވިފައެއް ނުވެއެވެ. މިކަމަށް ހައްލެއް ހޯދުމަށް އީސީން ވަނީ އެކޮމިޝަނަށް ހުށަހަޅާ ފޯމުތައް އާންމު ކުރުމަށް ނިންމާފައެވެ.

ސިޔާސީ ޕާޓީތަކުންނާއި، އާންމު ފަރާތްތަކުން ހުށަހަޅާ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ބެލުމަށްފަހު ހަތް ދުވަހުގެ މުއްދަތަކަށް އިލެކްޝަންސްގެ ދަފްތަރުގައި ހުށަހަޅާ ފޯމުތަކުގައި ހިމެނޭ މީހުންގެ މައުލޫމާތު އާންމު ކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަރީމާދީދީ

    ތޮލާލަށް އެނގޭނެ ފުވާދުގެ ގޮތް! ތޮލާލު އީސީގަ އުޅުނުއިރު! ފުވާަދު ދައްކާނީ ވާހަކަ. މަސްއޫލިއްޔަތު އަޅުވާނީ އެެހެން މީހުން ބޮލުގަ. ތިމާ ނުކުރާނެ މައްސަލަހައްލުކުރަން އެއްވެސް ކަމެއް. ފުވާދު އިސްތިއުފާ