ލ. އަތޮޅުގެ އަތަހެނދާ ނަމަކަށް ފަޅު ރަށެއްގައި ފުރޮޅާފައި ހުއްޓާ ފެނުނު ފަސް ވެލާ ސަލާމަތްކޮށްފިއެވެ.

އެ ވެލާތައް ފުރޮޅާފައި އޮއްވާ އެންމެ ފުރަތަމަ ފެނުނީ މިދިޔަ އާދިއްތަ ދުވަހުއެވެ. ވެލާތައް ސަލާމަތްކުރުމުގައި މޯލްޑިވްސް އަންޑަވޯޓާ އިނިޝިއޭޓިވް، އޮލިވް ރިޑްލީ ޕްރޮޖެކްޓް، ސިކްސް ސެންސަސް ލާމު ރިސޯޓު، މަންޓާ ޓްރަސްޓް، ބްލޫ މެރިން ފައުންޑޭޝަން އަދި ފުލުހުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.

މި ޓީމުން ވަނީ ފުށުން ޖަހާފައިވާ ފަސް ވެލާ ސަލާމަތްކޮށް، ރައްކާތެރިކަމާއެކު ކަނޑަށް ދޫކޮށްލާފައެވެ.

ވެލާތައް ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި އޮލިވް ރިޑްލީ ޕްރޮޖެކްޓުން ބުނީ، ވެލާތައް އެރަށުން ފެނިފައިވަނީ ގޮނޑުދޮށަށްވުރެ ތިން މީޓަރު އެއްގަމުގައި ހުރި ރުކެއްގެ ދޮށުން ކަމަށެވެ. އަދި ފެނުން އިރު ތިބީ ގުދުރަތީ ގޮތުން ވެލާތައް ތިބޭ ގޮތާ ހިލާފަށް، ފުށުންޖެހި ހަރަކާތް ހުއްޓިފައި ކަމަށް ބުނެފައިވެއެވެ.

މި ވެލާތައް ފުށުން ޖެހެން މެދުވެރިވި ސަބަބެއް ސާފެއް ނުވެއެވެ.

"އޮލިވް ރިޑްލީ ޕްރޮޖެކްޓް" އިން ލިޔުނު ބްލޮގް ޕޯސްޓްގައި ބުނީ ސިކްސް ސެންސް ލާމު ރިސޯޓުން، އެ ފަޅުރަށަށް ޕިކްނިކް ގޮސް އުޅުނު ފަތުރުވެރިންތަކަކަށް ވެލާތައް ފެނުނުއިރު، އެ ހުރިހާ ވެލައަކަށް ވެސް ކުދިކުދި އަނިޔާތައް ލިބިފައިވާ ކަމަށެވެ.

އެގޮތުން ކަރުގައި ބުޅި އަޅުފައި ހުރި ކަމަށް ބެލެވޭ ނިޝާންތަކެއް ހުރުމާއި އޭގެ ތޮށިގަނޑަށް ވެސް ކުދި އަނިޔާވެ، ލޯ ވެސް ދުޅަވެފައި ހުރި ކަމަށް އެ ޕޯސްޓުގައިވެއެވެ.

ވެލާ އަދި ކަހަނބަކީ 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ޖަނަވާރެކެވެ. އެސޮރުމެންނަށް ގޯނާކޮށް އަނިޔާކުރާ މީހުންނަށް ބޮޑެތި ޖޫރިމަނާކުރަން ގާނޫނުން ބާރުދެއެވެ.

އެކަމަކު ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އަދިވެސް ވެލާ ކަހަނބު ހިފައި، ކައި ހަދާކަން ފާހަގަކުރެވެއެވެ. އަދި އެ ސޮރުމެންގެ ބިސް ނަގާ މައްސަލަތައް ވެސް ފެންމަތިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަބަޓް

    ހަމަތެދެއް މިބުނީ!!!!
    ތިކަމަކީ ބަޔަކު ކުރާ ވިޔަފާރިއެއް! ވެލާ
    ހިފައިގެން ތިޔަ ފަޅުރަށައް އަރުވާފަ ފުށުންޖަހާފަ ބަހައްޓަނީ! ދެން މާލޭގެ ބައެއް ފޮޓާތަކުގެ ވެރިންނަށް ގުޅައިގެން ޑީލް ހަދާފަ ވެލާ ފަޅާފަ އޭގެ މަސް ނަގާފަ ފުޅިމަދުފޮށީގަ އައިސްއަޅާފަ ޕެކް ކޮށްފަ މާލެފޮނުވަނި! ވެލާމަސް ކިލޯއެއް އެމީހުން ވިއްކަނީ 380ރުފިޔާއަށް ރާއްޖޭގަ އުޅޭ ބައެއް ބަނގުލާދޭސް މީހުންވެސް ވެލާމަސް ގަނޭ! ހުޅުމާލޭ ކޯޓް ކާރީގަހުންނަ ބަންގާޅީ ހޮޓަލަކުން ބަރާބަރަށް ވެލާމަސް ކާންލިބެން ހުންނާނެ!

    2
    1
    • ޖާރިޔާ ހިސާން

      ވެލާމަހަކީ ހަލާލް އެއްޗެއް ވީމަ އެ މަނާ ކުރެވޭނެ އެއްވެސް ގާނޫނެއް ގަވާއިދެއް ނުހެދޭނެ ހެދުނަސް ބޯލަނބާކައް ނުޖެހޭނެ. އެއީ ﷲ ސުބުހާނަހޫ ވަތަޢާލާ ހަލާލް ކުރެއްވި އެއްވެސް އެއްޗެ ހަރާމް ނުކުރެވޭނެ. ކުރާ މީހަކީ މުރުތައްދުވެފައިވާ މީހެއް. އެގޮތައް ހެދޭ ގާނޫނަކީ ވެސް ތޯގޫތެއް ކަމުގައި ވެގެންދާނެ.

  2. އަހުމަދުު

    ތިއީ ދިރޭ އެއްޗެއްސަށް ގޯނާ ކުރަން، އެއްވެސް ކަމަކާނުލާ އަނިޔާވެރި ގޮތަކަށް މަރުވާ ދޫކޮށްފަ

    2
    2