ހުޅުމާލޭގައި މަރާލި ބަންގްލަދޭޝްގެ އެމްޑީ ޝާހީންގެ ހަށިގަނޑު ބަންގްލަދޭޝް އަށް ފޮނުވައިފިއެވެ. އޭނާގެ އާއިލާއިން މީގެ ކުރިން ވަނީ އޭނާގެ ހަށިގަނޑު ގައުމަށް ފޮނުވާދޭން އެދިފައެވެ.

ހުޅުމާލޭގައި ހުންނަ ޕާކިސްތާނުގެ ކެއުންތަކަށް ހާއްސަ ހާންޖީ ރެސްޓޯރަންޓުގެ ތެރޭގައި އެ ތަނުގެ ބަންގްލަދޭޝް ވެއިޓަރަށް ހަމަލާދީ މަރާލާފައި ވަނީ އޭޕްރިލް 16 ވަނަ ދުވަހުއެވެ.

ޕާކިސްތާންގެ ގިނަ އަދަދެއްގެ ބަޔަކު މަސައްކަތް ކުރަމުންދާ އެ ރެސްޓޯރެންޓް ތެރޭގައި ބަންގްލަދޭޝް މީހާ މަރާލުމުގެ ސީދާ ތުހުމަތު ފުލުހުން ކުރަނީ ޕާކިސްތާންގެ ކައްކާގެ މައްޗަށެވެ. ނަމަވެސް ފުލުހުންނަށް އެހާދިސާ ރިޕޯޓް ކުރުން ލަސް ކުރުމާއި އަދި ފުލުހުން ހާދިސާ ހިނގި ތަނަށް ދިޔައިރު އެތަން ސާފުކޮށްފައި އޮތުން ފަދަ ކަންކަން ކޮށްފައި އޮތުމުން އިތުރު މީހުންގެ "ބައިވެރިވުން" ވެސް މިކަމުގައި އޮތް ކަމަށް މަރުވި ބަންގްލަދޭޝް މީހާގެ ރަހުމަތްތެރިން ތުހުމަތު ކުރެއެވެ.

ޕާކިސްތާންގެ ކައްކާ މުހައްމަދު އާބިދު ބަންގްލަދޭޝް މީހާ އަށް ހަމަލާ ދިނުމަށް ފަހު ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރީ ރޭ މެންދަމު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމަތިންނެވެ. އޭނާ ހުޅުމާލޭ ދެވަނަ ފިޔަވައްސަަށް ދިޔައީ މާލެ ވެސް އައުމަށް ފަހު ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

ތުހުމަތުވާ ޕާކިސްތާނުގެ ކައްކާ މުހައްމަދު އާބިދަކީ ކުރިން ވެސް ރުޅިގަދަ މީހެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށް އެކުގައި މަސައްކަތް ކުރާ މީހުން ބުނެއެވެ. އޭނާ ވަނީ މީގެ ކުރިން ވެސް މުވައްޒަފުންނާއި ޒުވާބުކޮށް ބައެއް ފަހަރު މުވައްޒަފުންގެ ގައިގަ ވެސް އަތް ލާފައެވެ.