ލ. މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިސްމާއީލް މާހިރު ވައިބާ ގްރޫޕެއް ހަދައި އުޅަނދެއްގެ މައުލޫމާތު ހިއްސާ ކުރި މައްސަލައިގައި ސުލޫކީ ފިޔަވަޅު އަޅަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ވައިބާ ކޮމިއުނިޓީ ގްރޫޕެއް އުފައްދައި އެ ގްރޫޕުގެ ސުޕާ އެޑްމިންއެއްގެ ގޮތުގައި ހަރަކާތްތެރިވެ، އެ ގްރޫޕުގައި އުޅަނދެއްގެ ދަތުރުފަތުރާ ގުޅޭ މަޢުލޫމާތު ހިއްސާކޮށް، އެ އުޅަނދުން ކުރަމުންދިޔަ ވިޔަފާރި ހިންގުމުގައި އިސްމެޖިސްޓްރޭޓް އިސްމާއީލް މާހިރު އަމަލީގޮތުން ހަރަކާތްތެރިވެފައިވާކަން ތަހުގީގަށް ލިބިފައިވާ ހެކިތަކުން ހާމަވާ ކަމަށެވެ.

އަދި އިސްމެޖިސްޓްރޭޓް އިސްމާއީލް މާހިރުގެ ވައިބާ ގްރޫޕް ހިންގިކަމަށް އިއުތިރާފުވެފައިވާ ކަމަށް ވެސް ޖޭއެސްސީއިން ބުނެއެވެ.

ޖޭއެސްސީން ބުނީ އިސްމެޖިސްޓްރޭޓް އިސްމާއީލް މާހިރުގެ އެ އަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު ގެ 32 ވަނަ މާއްދާގެ (ހ)ގެ 8 ވަނަ ނަންބަރާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.7، 1.8 އަދި 4.5.3 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ.

އެހެންކަމުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނު ގެ 1-32 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން، ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން އިސްމެޖިސްޓްރޭޓް އިސްމާއީލް މާހިރަށް އެންގުމަށް މިމަހު 17 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 27 ވަނަ ޖަލްސާގައި ވަނީ ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.