މާވަށު ދާއިރާ އަށް ގެންނަންޖެހޭ ތަރައްޤީ ނުގެނެވި ވަނީ، އެކަމަށްޓަކައި މަޖިލީހުގެ ތެރެއިން ކުރަންޖެހޭ މަސައްކަތް ނުކުރެވިގެން ކަމަށާއި، ނަމަވެސް، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުން ފުރުޞަތު ލިބިއްޖެ ނަމަ، ތަރައްޤީގެ އަޑު އެންމެ ބާރަށް އިވޭނެ ދާއިރާ އަކީ މާވަށު ދާއިރާކަމަށް، މަޖިލިސް އިންތިޚާބުގައި އެ ދާއިރާއަށް ވާދަކުރައްވާ، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިހެން ވިދާޅުވީ، ލ ހިތަދޫގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ބައެއް ބޭފުޅުން ވަރަށް ގިނައިން ވިދާޅުވޭ ރައްޔިތުންގެ މަޖިލީހުގެ މިވެނި ގޮނޑިއަކީ ވަރަށް ބާރުގަދަ ގޮނޑިއެކޭ. ދަންނަވަންތޯ، މަޖިލީހުގެ ގޮނޑިއެއްގެ ބުރަދަނަކީ އެ ގޮނޑީގައި އިނދެގެން އެ މެމްބަރަކު ކުރާ މަސައްކަތް. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް މި ފުރުޞަތު ލިބިއްޖެ ކަމަށްވާނަމަ، އެކަން އަޅުގަނޑު ސާބިތު ކޮށްދޭނަން. ތަރައްޤީގެ އަޑު އެންމެ ބާރަށް އިވޭ ދާއިރާ އަކަށް މާވަށު ދާއިރާ ހަދާނަން." ސަޢީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ސަޢީދު ވިދާޅުވީ، މުޅި ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި މުޅި ރާއްޖެ އަށް ތަރައްޤީ ގެނައުމުގައި ވަރަށް އިސްކޮށް މަސައްކަތް ކޮށްފައިވާނެ ކަމަށާއި، ތަރައްޤީ ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އެކަމުގެ ވިސްނުން ލިބިފައިވާ ކަމަށެވެ.

"ވޭތުވެދިޔަ ފަސް އަހަރު ރާއްޖެއަށް އައިސްފައިވާ ތަރައްޤީގައި އަޅުގަނޑުގެ ޙިއްސާވެސް އޮންނާނެ. އެހެންކަމުން، މާވަށު ދާއިރާއަށް ގެންނަންޖެހޭ ތަރައްޤީ ގެންނާނެ ގޮތާއި، އެކަމުގެ ވިސްނުން އަޅުގަނޑުގެ އެބަހުރި. އިރާދަކުރެއްވިއްޔާ މާވަށު ދާއިރާގެ ރައްޔިތުންނަށް ހައްޤު މިންވަރު ހޯދައިދޭން ވަކާލާތު ކުރާނަން. ސަރުކާރު ޖަވާބުދާރީ ކުރުވާނަން." ސަޢީދު ވިދާޅުވިއެވެ.

ސަޢީދަކީ ރައީސް ޔާމީންގެ ސަރުކާރުގައި އިކޮނިމިކް މިނިސްޓަރުގެ މަޤާމުވެސް ފުރުއްވާފައިވާ، ޢިލްމީ ޤާބިލް ބޭފުޅެކެވެ. އަދި ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން، ދާދިފަހުން އުފެއްވި ޕީ.އެން.ސީ ގެ ނައިބު ރައީސްގެ މަޤާމުގައިވެސް މިވަގުތު ހުންނެވީ ސަޢީދެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ސަޢީދު ވާދަކުރައްވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓުގައެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަތީބު

    ސަާބަހޭ . މަގޭ ވޯޓު ސަޢީދަށް

    6
    4
  2. ށެންޓޭ

    ޢަދި ކިރިޔާ މިދާއިރާގެ އޑެއްވެސް މިއިވުނީ މީގެ ކުރީގަ މަޖިލީހުގަ އޮތީ ވެލަޔެއްތޯ

    2
    5
  3. އަލީ12

    ފިނިފެންމާ އަށް މަޖިލީހައް ހޮވިއްޖިއްޔާ ކުރެވޭނެ ހަމަ އެކަނި ކަމަކީ މަޖިލިސް ތަޅުމުގަ ފެލުން..އިތުރު އެއްވެސް ކަމެއްގަ މިސރުކާރުގެ ރުހން ފިނިފެންމަަލަކަށް ނުލިބޭނެ..
    ރައްޔިތުން ބޭނުމީ ދާއިރާއަށް ކަމެއްވާން ކަމަށް ވަނީނަމަ މި ފިނިފެންމާ ނުހޮވާނެ..

    3
    3
  4. ޞާލިހު އަހުމަދު/މުންޑޫ

    ސައީދު ރަނގަޅު