ރައީސް ޔާމީންއަށް އިތުރު ފުރުސަތެއް ދެއްވައިފިނަމަ މުޅި ރާއްޖޭގައި ބުރިބުރިއަށް އިމާރާތްތައް އެޅި ތަރައްގީވަމުން އަންނަތަން ފެންނާނެ ކަމަށް ހައުސިންގ މިނިސްޓަރ، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ރަސްފަންނު ސަރަހައްދުގައި، ހައި-އެންޑް ވޯޓާ ފްރަންޓް އެޕާޓްމަންޓް ހިމެނޭ ގޮތަށް ތަރައްގީކުރާ މިކްސްޑް ޔޫސް ޑިވެލޮޕްމެންޓް މަޝްރޫއުގެ ބިންގާ އެޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ، މިރޭ އިފްތިތާހްވެގެން ދިޔަ މަޝްރޫއަކީ ރާއްޖޭގެ ބަދަލުކޮށްލާނެ މަޝްރޫއެއް ކަމަށެވެ. އަދި މި ތަރައްގީގެ ސަބަބުން މާލެއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި، ރައީސް ޔާމީންއަށް އިތުރު ދައުރެއް ދެއްވައިފިނަމަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބުރިބުރިއަށް އިމާރަތްތައް އެޅިގެން ދާނެ ކަމަށެވެ.
"ރައީސް ޔާމީންއަށް ރައްޔިތުން ފުރުސަތު ދެއްވުމުން ކުރިއަށްއޮތް ދުވަސްތަކުގައި މާލެ އާއި މުޅި ރާއްޖޭގެ މިފަދަ ތަފާތު މަޝްރޫއުތަކެއް އެމަނިކުފާނު ރައްޔިތުންނަށްޓަކައި ގެެނެސްދެއްވާނެ ކަމީ އަޅުގަނޑުމެން ޝައްކުކުރާނެ ކަމެއް ނޫން". މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، މީގެ ކުރިން ރާއްޖެއިން މި ފެންނަނީ 10 ބުރީގެ އިމަރާތްތައް ނޫނީ އެންމެ މައްޗަށްެވެސް 15 ބުރީގެ އިމާރާތްތައް ހެދިގެން ދާތަން ކަމަށާއި، ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅަކީ މާލެ އަކީ ބިންކުޑަތަނަަކަށްވާއިރު، އެ ބިންތައް ހެޔޮގޮތުގައި ބޭނުން ކުރުން ކަމަށެވެ.
މުއިއްޒު ވިދާޅުވީ، މި ވޭތުވެ ދިޔަ ހަތަރު އަހަރާއި އަށް މަސްދުވަސް ތެރޭގައި މާލެ ތެރޭގައި ގޮނޑެއްގެ ގޮތުގައި ދޫކޮށްލެވިފައި ހުރި ވަރަށް ގިނަ ތަންތަން ރައީސް ޔާމީންގެ ދުރުވިސްނުމުގެ ސިޔާސަތުގެ ދަށުން ބަދަލުކުރެވިފައިވާކަމަށެވެ.
"ކުޑަކުދިންނާއި އާއިލާތަކަށް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް މާލޭގެ ގިނަ ތަންތަން ބަދަލުކުރެވި ވޭތުވެ ދިޔަ ހަތަރު އަހަރާއި އަށް މަސް ދުވަހުގެ ތެރޭގައި މާލޭގައި 11 ސަރަހައްދެއްގައި 11 ޕާކު އެމަނިކުފާނު ވަނީ ތަރައްގީކޮށްދެއްވައި ރައްޔިތުންނަށް ހަމަޖައްސާދެއްވާފައި" މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.
ރަސްފަންނަކީ މީގެ ކުރިން ހަލާކުކޮށް ވީރާނާވުމަށް ދޫކޮށްލާފައިވާ ސަރަހައްދެއް ކަމަށް ވިދާޅުވެ މިނިސްޓަރ މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ވިސްނުންފުޅާއެކު މިތަނަށް ތަރައްގީގެނެސް މިއީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ބޭނުންކުރެވޭނެ ފަދަ މާހައުލަކަށް ހައްދަވާދެއްވާފައިވާކަމަށެވެ.
ރަސްފަންނު ސަރަހައްދުގައި އިމާރަތް ކުރަން ފަށަން ތައްޔާރުވަމުން އަންނަ ޓަވަރުތަަކަށް އަލިއަޅުވާލަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ، 533 އެޕާޓްމެންޓާއި، 228 ކޮޓަރީގެ ހޮޓަލެއް އެތަނުގައި ތަރައްގީކުރެވޭއިރު، އެ އިމާރާތުގެ ފުރަތަމަ ދެ ފަންގިފިލާ ހާއްސަކޮށްފައިވާނީ ރާއްޖޭގައި ހެދޭ އެންމެ ބޮޑު ޝޮޕިންގ ކޮޕްލްކަސްއަށް ކަމަށެވެ. އަަދި އެތަނުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކާއި، ޝޮޕިންގ ކޮމްލެކްސްތައް ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ރައީސް ޔާމިން އިމާރާތް ކުރުމުގެ އިންޑަސްޓްރީއަށް ގެންނެވި ބަދަލަކީ ބޮޑުތި ތަންތަނުގައި ޕާކިންގ މަޖުބޫރުކުރުވުން ކަމަށެވެ. އަދި ދެ ފަންގިފިލާ ހާއްސަ ވެގެންދާނީ ޕާކިންގއަށް ކަމަށެވެ.
"މިތަނަށް އަންނަ ހުރިހާ ފަރާތްތަކެއްގެ ކާރާއި ސައިކަލާއި، ވެހިކަލްތައް އިމާރާތް ތެރޭގައި ހުންނާނީ ޕާކް ކުރެވިފައި. އެހެންވީމަ ބޭރުގައި ވަރަށް ހިތްގައިމު ރަސްފަންނެއް ބިންމަތިން ފެނިގެންދާއިރުގައި، ވަރަށް ކްލީން ގްރީން އެންވާރްމެންޓެއް އަދި ވަރަށް އިނޮވޭޓިވް ޑިޒައިނެއްގެ ތެރެއިން ވަރަށް ރީތި އިމާރާތްތަކެއް ހެދިގެން މި ދަނީ" މުއިއްޒު ވިދާޅުވިއެވެ.
މުުއިއްޒު ވިދާޅުވީ، މި އިމާރާތްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއަރައި، ޓެކްސްގެ ގޮތުންނާއި، އެތައް ގޮތަކުން ފައިދާތަކެއްވެގެން ދާނެ ކަމަށެވެ. އަދި ޒުވާނުންނަށް ވަޒީފާގެ މަގުވެސް ތަނަވެސްވެގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތިން އަހަރު ނިމިގެންދާއިރު، އެތައް ދިވެހިންނަކަށް ވަޒީފާ ލިބުމުގެ އިތުރަށް ބޯހިޔާވަހިކަން އެތައް ބަޔަކަށް ލިބިގެން އެބަދޭ". މުއިއްޒު ވިދާޅުވިއެވެ.
މުޅި ރަައްޖެ އޭ ނުކިޔާ މާލެ އޭ ކިޔާ... މާލެ ނުން ރައްރަށުގަ ބަށި ކޯޓާ ފުޓުބޯޅަ ދަނޑޭ ކިޔާ.. އެއީ ވިއްޔަ ރައްރަށު މީހުން ބޭނުން ވާ އެއްޗަކީ.... ލައްކަ ވާހަކަ
މުޅި ރާއްޖެ އަކީ ހަމައެކަނި މާލެ ތޯ؟ ރާއްޖެތެރޭ ކޮން ރަށެއްގަ ތޯ ހުރީ 10 ބުރިއަށް އިމާރާތެއް އަޅާފަ؟
އެމްޑީޕީ ސަރުކާރުން ގައުމު ނުހިންގިގެން މާލެ އިން ވިއްކާލި ބިންތައް ދަވްލަތުން ހޯދާ އެތަންތާގަ ރައްޔިތުންނަށް ބޯހިޔާ ވެހިކަމުގެ މަސްރޫއު ހިނަގަން ފެށުމަކީ ދިވެހިރައްޔިތުން އުފާކުރަންޖެހޭ ކަމެއް.
މުޅި ރާއްޖެއަކު ނޫން، މާލޭގައި!