އީދު ބަންދުގައި ރާއްޖޭގެ ކަނޑު ގަދަވާނެތީ ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓުން މިހާރު ވެސް ލ. އަތޮޅުން ފެށިގެން އައްޑޫއަށް ވައިޓް އެލާޓް ނެރެފައިވާ އިރު، އެ ދެމެދުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ވައި ބާރުވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުން ފެށެން އުޅޭތީ ކުރާ ވިއްސާރައެއް ކަމަށެވެ.

އެގޮތުން މިއަދުވެސް ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން ބުންޏެވެ.

"މި މަހުގެ 30 އިން ފެށިގެން އީދު ބަންދުގައި ކަނޑުތައް ގަދަވާން ފަށާނެ. އަދި ވައިވެސް ގަދަވާނެ ފަށާނެ ކަމަށް ލަފާ ކުރެވޭ." މެޓް އޮފީހުން ބުންޏެވެ.

އަދި އީދު ތެރޭގައި ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ނަމަވެސް ބޯކޮށް ވާރޭ ވެހުމުގެ ޗާންސް ކުޑަ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހުން ފެށިގެން ހަތަރު ވަރަކަށް ދުވަސް ވަންދެން މުޅި ރާއްޖެއަށް ވެސް އޮންނާނީ އެކަހަލަ ގޮތަކަށް މެޓް އޮފީހުގެ އޮފިޝަލް ލަފާ ކުރައްވައެވެ.

ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ފިތުރު އީދަކީ އަންނަ ހޯމަ ދުވަހެވެ.

އީދު ބަންދުގެ ގޮތުގައި ނުވަ ދުވަސް ލިބޭއިރު، ޗުއްޓީ ހޭދަކުރުމަށް ގިނަ ބަޔަކު ރަށްރަށަށް ދިއުމަށްޓަކައި މިއަދު ފުރަން ފަށާނެއެވެ. މިއީ ކޮވިޑްގެ ހުރިހާ ފިޔަވަޅެއް އުވާލި ފަހުން ލިބޭ ފުރަތަމަ އީދު ބަންދެވެ. އެހެންވެ، މާލެއާ ކައިރި ބައެއް ރަށްރަށުގެ ގިނަ ގެސްޓްހައުސްތައް އޮތީ ފުލްކޮށެވެ.