މީޑިއާ އޮތީ ސަރުކާރުގެ ޖީބުގައި ކަމަށް ވިދާޅުވެ އެމްޑީޕީ ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ޚާއްޞަ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު މިންވަރު ބަލައި "ރިޕޯޓާސް ވިތައުޓް ބޯޑާސް" ކޮންމެ އަހަރަކު އާންމު ކުރަމުން ދާ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ މިދިޔަ އަހަރަށް ވުރެ 15 ދަރަޖަ ވަނީ ސޮއްސާލައިފައެވެ.

ޝަހީދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ފާހަގަކުރާއިރު، ރާއްޖޭގައި މީޑިއާ އޮތީ ސަރުކާރުގެ ޖީބުގައި ކަމަށެވެ. ކަންކަމާ ގުޅޭ މައުލޫމާތު ސަރުކާރުން ދިނުމުގައި ދޭ ސަމާލުކަން ދަށަށް ގޮސް، ސަރުކާރުން ފަތުރާ ސައްޙަ ނޫން ނުވަތަ ދޮގު މަޢުލޫމާތު ފެތުރުން އިތުރުވެފައިވާކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.

"މީޑިއާ މަނިޕިއުލޭޓްވެސް ވަނީ އިތުރު. ކަންތައްތައް އޮޅުވާލުމާއި ފޮރުވުން ދަނީ ކުރިއަށް." ޝަހީދު ވިދާޅުވިއެވެ.

ދުނިޔޭގެ މިނިވަން ނޫސްވެރިކަމުގެ އިންޑެކްސް އެކުލަވާލަނީ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ކިޔާ އަމިއްލަ ޖަމިއްޔާ އަކުންނެވެ. މި ލިސްޓްގައި މިދިޔަ އަހަރު ރާއްޖެ އޮތީ 72 ވަނައިގައެެވެ. ނަމަވެސް މިއަހަރު ރާއްޖެ އޮތީ ލިސްޓްގެ 87 ވަނައިގައެވެ.

މިއީ ޖުމްލަ 180 ގައުމު ހިމެނޭ މި ލިސްޓަށް ގައުމުތައް ދަރަޖަ ކުރިއިރު ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރު ރާއްޖެ 120 ވަނައިގައި އޮތް އިރު، 2019 ވަނަ އަހަރު ރާއްޖެ އޮތީ 98 ވަނައެވެ. އަދި 2020 ވަނަ އަހަރު 79 ވަނައިގައި އޮތް އިރު، މިދިޔަ އަހަރު 72 ވަނައަށް ރާއްޖެ ޖެހިލިއެވެ.

ރާއްޖޭގެ ހާލަތު ބެލުމަށް ފަހު، އިންޑެކްސްގައި ލިޔެފައިވާ ގޮތުން ރާއްޖޭގެ ގާނޫނު އަސާސީން ނޫސްވެރިންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ހައްގު ހަނިވާނެ ގޮތަށް ހެއްކާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ނޫސްވެރިން ލިޔާ ހަބަރެއް ނުވަތަ ރިޕޯޓެއްގައި ހިމެނޭ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭ ގޮތަށް އެ ބިލުގައި ހުށަހަޅާފައިވާތީއެވެ.

އިންޑެކްސްގައި ދެން ފާހަގަ ކޮށްފައި ވަނީ ހަރުކަށި ފިކުރާއި ގޭންގްތަކުގައި ހިމެނޭ ކުށްވެރިންގެ ފަރާތުން ނޫސްވެރިންނަށް އަންނަ ބިރު ދެއްކުމުގެ އިންޒާރުތަކެވެ. ހަރުކަށި ފިކުރުގެ މީހުންގެ އަމާޒަކަށްވެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި، ބްލޮގަރު ޔާމީން ރަޝީދު މަރާލާފައިވާ ކަން ހާދިސާ އިންޑެކްސްގައި ފާހަގަ ކޮށްފައިވެއެވެ.

މީގެއިތުރުން، ފައިސާ ދީގެން މީޑިއާގައި ޝާއިއުކުރާ ޚަބަރުތަކާއި ރިޕޯޓުތަކުގެ ތެރެއިން ސަރުކާރަށް ގެއްލުންވާ ޚަބަރާއި ރިޕޯޓު ނެގުވުމާއި، ބައެއް ޚަބަރުތައް ރިޕޯޓުނުކުރެވުމާއި، ދިވެހި އަންހެން ނޫސްވެރިންނަށް ޖިންސީ ފުރައްސާރަކުރުން އިތުރުވެފައިވުމާއި، ނޫސްވެރިންނަށް ބިރުދައްކައި ހަމަލާދޭ މީހުންނާމެދު އެކަށީގެންވާ ފިޔަވަޅު ނޭޅުންވެސް މި އިންޑެކްސްގައި ފާހަކޮށްފައިވެއެވެ.

ދިހަ އަހަރަށް ފަހު ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށް ސޮއްސާލުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދުނިޔޭގެ ކޮންތާކުގައި މީޑިއާ މިނިވަންވެފައި އޮތީ؟ ކަލޭމެން ނަންކުރާ އެމެރިކާގެ މީޑިއާ ވެސް އެއޮތީ ޔަހޫދީންގެ ޖީބުގައި. ދެން ކީކޭ ކިޔާކަށްތަ؟ ރާއްޖޭގެ މީޑިއާ އޮންނަންވާނީ ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލުގައި. ޔަހޫދީންނާއި ލާދީނީ މީހުންގެ ކޮންޓްރޯލަށް އިސްލާމީ ގައުމެއްގެ މީޑިއާ ދޫކޮށްލެވިގެން ނުވާނެ. ޝަހީދުމެންނަށް ހީވަނީ މީޑިއާ މިނިވަންވުމަކީ މީޑިއާއިން ލާދީނީ ކަންކަމަށް ހިތްވަރުދީ ކީރިތި ރަސޫލާއަށް ކާޓޫނުކުރަހައި އިސްލާމްދީނަށް ފުރައްސާރަކުރުން ކަމަށް.

    1
    1
  2. ހައިތަމް

    ލަދު ކޮބާ ކަލޭމެންގެ ؟! ކަލޭމެންނަށް މާ މޮޅުވެގެން ގެނައި ގުއި ނިޒާމުގަ ގުއިވަސް ދުވަހަކަށް ތި ދައްކަނީ !