ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތުގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށް ތާއިދުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ރައީސްއަށް ފޮނުއްވި ސިޓީ ސިއްރުކޮށްގެން އެމަނިކުފާނަށް އެ ޖެހެނީ ބައިކޮޅަށް ގޯލެއްކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޝަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މޮރިޝަސްއަށް ފޮނުއްވި ސިޓީ ހާމަ ނުކުރިޔަސް ރައްޔިތުންގެ މަޖިލީހާ އެ ސިޓީ ހާމަކުރަން ޖެހޭ ކަމަށެވެ.

އޭގެ ސަބަބެއްގެ ގޮތުގައި ޝަހީދު ވިދާޅުވީ މޮރިޝަސްގެ ސަރުކާރުން ވެސް އެ ސިޓީ ބޭރުގެ ފަރާތްތަކާއި ހިއްސާކޮށްފައި ކަމަށެވެ.

ޝަހީދު ވިދާޅުވީ ސިޔާސީ އޮއިވަރެއްގެ ތެރެއިން މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައެއް ކަމަށްވާތީ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަން ރާއްޖެއިން ބަލައިގަތުމަށް ނިންމުމަކީ ސިޔާސީ މޮޅު އުކުޅަކަށް ވެސް ވެދާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ލިޓިގޭޝަން ސްޓެރެޓަޖީގެ ދަށުން ލީގަލް ޓީމުގެ ލަފަޔާއެކު ސިޓީ ފޮނުވު ކަމުގައިވާނަމަ އެ ސިޓީ އެވަގުތު ފޮނުވުމަކީ ރައީސް އެޅުއްވި ހިކުމަތްތެރި ފިޔަވަޅެއް ކަމަށް ބެލުމުގެ ޖާގަ ވަރަށް ބޮޑަށް އެބަ އޮތް ކަމަށް ވިދާޅުވިއެވެ.

"އެ ސިޓީ ސިއްރު ކުރުމަށް ބާރު އަޅުއްވާ ބޭފުޅުންނަށް އެ ކުރެވޭ ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ދެކޮޅަށް އޮޅިގެން ނަމަވެސް ބައި ކޮޅަށް ގޯލެއް ޖެއްސެވުން" ޝަހީދު ވިދާޅުވިއެވެ.

ޗާގޯސްގެ މައްސަލާގައި އިޓްލޮސް އިން ނިންމި ނިންމުގައި ސަރުކާރުން އަމަލު ކުރި ގޮތުން ސިޔާސީ ގިނަ ޕާޓީތަކުން ވަނީ ހިތްހަމަނުޖެހިފައެވެ. އިޓްލޮސް އިން ވަނީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭގޮތަށް ނިންމާފައެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ. މިއީ ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުން ކަމަށް ސަރުކާރާ ހިޔާލު ތަފާތުވާ މީހުން ބުނެފައިވެއެވެ.

ސަރުކާރާ ދެކޮޅު ފަރާތްތަކުން ބުނެފައި ވަނީ ދެކުނުން 200 މޭލަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަމަށާއި އެ ތަން އިތުރު ބަޔަކަށް ދިނުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ.

މިއީ ރާއްޖެ އަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި އެ ފަރާތްތަކުން އަންނަނީ ސިފަ ކުރަމުންނެވެ.

ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތަށް ކޮންމެ ގައުމަކަށް 200 މޭލުގެ ކޮންޓިނެންޓަލް ޝެލްފެއް ދޭންޖެހޭ ގޮތަށެވެ. އެކަމަކު އެހެން ބަލާއިރު ދެ ގައުމުގެ އިމުން 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރައެވެ. މިބައި ބަހާއިރު މޮރިޝަސް އިން ބޭނުންވީ ބޭސް ޕޮއިންޓަކަށް "ބްލެންހެމް ރީފް" ބެލުމަށެވެ. އެކަމަކު ރާއްޖޭން ބުނަމުން އައީ އެއީ މީހުންނަށް އުޅެވޭ ގޮތަށް އޮތް ހިކިފަސް ތަނަކަށް ނުވާތީ އެތަން ބޭސް ޕޮއިންޓަކަށް ނުބެލޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މިވެސް ދެފުއްކެހެރި ވަށްތަވާހަކަދައްކާ މީހެއް

    13
    2
  2. ކޮބަޑި

    ބައިކޮޅަށް ކީއްކުރަންތޯ ރަށުކޮޅަށްވެސް އެޖެހީގޯލެއް މިއީ ވަރަށްހިތުން މޮޅުކަމެކޯ މިކުރީި.

    13
    1
  3. Anonymous

    ތިޔަ ވާހަކައިން މަޑު މަޑުން ވައި އެނބުރޭހެން ހާދަ އެބަހީވެއޭ ޑރ. ޝަހީދޫ!

  4. ޢެމް

    ބޮޑުމަގާމެއް ބޭނުންވާތީ މިސަރުކާރަށް ވައިޖައްސަވަނީ!

  5. ގަލަން

    މި ކަލޭގައް މިއުޅެނީ ރާއްޖެއާ މޮރިޟަސް ޢާ ދެމެދު އަޅައިގަނެ ތާށިވެފެން ގޮސް ނުނެއްޓެވިގެން ކަންނޭންގެ ދެދުވަހުން އެއްދުވަހު ކޮންމެވެސް އަނގައެއް އެބަތަޅާ އެކަމާބެހޭގޮތުން.