އޮގަސްޓު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލްނެޑް ގޭމްސް (އައިއޯއައިޖީ) ގެ ކުރިން ގައުމީ ބެޑްމިންޓަން ޓީމް މޮރިޝަސް ޗެލެންޖުގައި ވާދަކުރުމަށް މޮރިޝަސްއަށް ފުރައިފިއެވެ.

މި މުބާރާތް އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

މޮރިޝަސް އިންޓަނޭޝަނަލް ޗެލެންޖަކީ އައިއޯއައިޖީގެ ކުރިން ގައުމީ ޓީމްގެ ކުޅުންތެރިންގެ ލެވެލް ދެނެގަތުމަށް މުހިންމު މުބާރާތެކެވެ. އެ ގޮތުން ޓީމު މިހާރު ތައްޔާރުވަމުން އަންނަނީ ދެކުނު ކޮރެއާގެ ތަޖުރިބާކާރު ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ. އައިއޯއައިޖީގައި ވާދަކުރާ އެހެން ގައުމުތަކުގެ ގިނަ ކުޅުންތެރިންތަކެއް މި މުބާރާތުގައި ވާދަކުރާތީ މި މުބާރާތުން ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ލިބޭނެކަމަށް ބެލެވެއެވެ.

މޮރީޝަސް ޗެލެންޖުގައި ވާދަކުރާ އަންހެން ކުޅުންތެރިންނަކީ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް، އާމިނަތު ނަބީހާ އަބްދުއްރައްޒާގް، އާމިނަތު ޝަހުރުނާޒް، އައިޝަތު އަފްނާން ރަޝީދު އަދި މައިސާ ފަތުހުﷲ އިސްމާއިލްއެވެ. ގައުމީ ޓީމުގެ ކޯޗަކީ ކޮރެއާގެ ތަޖުރިބާކާރު ކޯޗެކެވެ.

މި މުބާރާތުގައި ވާދަކުރުމަށް މޮރިޝިއަސްއަށް ދަތުރުކުރި ފިރިހެން ކުޅުންތެރިންނަކީ ނިބާލް އަހުމަދު، މުހައްމަދު އަޖުފާން ރަޝީދު، އަހުމަދު ތޯއިފް އަދި މިއަހަރުގެ ގައުމީ މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ، ހުސައިން ޒަޔާން ޝަހީދު ޒަކީއެވެ.

މޮރިޝަސް ޗެލެންޖު ވެގެންދާނީ މަޑަގަސްކަރައިގައި ބާއްވާ އައިއޯއައިޖީގެ ކުރިން ގައުމީ ޓީމަށް ލިބޭ ރަނގަޅު ތަޖުރިބާ އަކަށެވެ. ގައުމީ ޓީމުން ވަނީ މީގެކުރިންވެސް ބައިނަލްއަގުވާމީ މުބާރާތްތަކުން ރަނގަޅު ކާމިޔާބެއް ހޯދާފައެވެ.