ފުވައްމުލައް ސިޓީގެ ރައްޔިތުން އެދުނީ އެމްޑީޕީ އަލުން އެނބުރި މަގުމައްޗަށް ނުދިޔުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ ޗެއާޕާސަންގެ އިންތިހާބަށް ކެމްޕެއިން ކުރުމަށް ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގެން ކުރެއްވެވި ޓްވީޓެއްގަ އެވެ.

ފައްޔާޒް ވިދާޅުވީ ފުވައްމުލައް ސިޓީގެ ރައްޔިތުން އެއް އަޑަކުން ބުނާ އެއް ވާހަކައަކީ އެމްޑީޕީގެ މި ސަރުކާރު ދެމި އޮތުން ކަމަށެވެ. އަދި އަލުން އެނބުރި މަގުމައްޗަށް ނުދިއުން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ފުވައްމުލައް ސިޓީ ވެސް އެދޭ ގޮތަށް މި ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރާ ދެކެނޑިޑޭޓުންގެ ފަރާތުން ވެސް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އަންނަނީ ބަހުގެ ހޫނު ހަމަލާތައް ރައްދުކޮށް، ބޮޑެތި ތުހުމަތުތައް ވެސް ކުރައްވަމުންނެވެ.

އިންތިހާބާއި ގުޅިގެން އެމްޑީޕީގައި ވަނީ ދެފެކްޝަން އުފެދިފައެވެ. އެއީ ރައީސް ނަޝީދުގެ ފެކްޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނެވެ. ރައީސް ނަޝީދުގެ ތާއީދު އިމްތިޔާޒް ފަހުމީއަށް އޮތްއިރު ރައީސް ސޯލިހް ތާއީދު ކުރައްވަނީ ފައްޔާޒު އިސްމާއީލް އަށެވެ.

ޗެއާޕާސަންގެ ކެމްޕެއިންގައި އިމްތިޔާޒް މިހާރު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. ފައްޔާޒްވެސް ވަރަށް ގިނަ ރަށްރަށަށް ވަނީ ވަޑައިގެންފަ އެވެ.

ޗެއާޕާސަންގެ އިންތިހާބު އޮތީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އިންތިހާބުގެ ނަތީޖާއަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓަކު ޔަގީން ކުރުމަށް ވަރަށް މުހިންމު ނަތީޖާ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރޮފި

    އެކަމު ދެފުއްކެހެރި މީހުންގިނަ ތަނެއްގެ ވާހަކަ ތި ބނީ. ހޮހޯ ހެހޭ ފައްޔާ ގުޑްލަކު

  2. ޑައެލޯގް

    އިރާދަކުރެއްވިއްޔާ އެމްޑީޕީއާއި އިންޑިޔާ 2023 މަގުމަތިކުރާނަން