ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކަން ފެށުމުގެ ކުރިން އަޅަންޖެހޭ ބަންޑްވޯލް އެޅުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައި ވެއެވެ.

އޭގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ހާއްސަ ކޮށްގެން ހިއްކާ ބިމެކެވެ. އަދި 40.5 ހެކްޓަރގެ ބިމަކީ އެއަރޕޯޓް ތަރައްގީ ކުރުމަށް ހިއްކާ ބިމެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއެއް ގާއިމްކޮށް، އެއާޕޯޓް ތަރައްގީ ކުރާނެއެވެ.

އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެންޓްމަންޓަކާއި 480 މީޓަރުގެ ގްރޮއިންއެއް ގާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީ އާއި ސަރުކާރުން ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 750 ދުވަހުގެތެރޭ މަސައްކަތް ނިންމަން ހަވާލުކޮށްފައިވާ 451 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.