މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހއ.ދިއްދޫގައި ޤާއިމުކުރާ ޖޫނިޔަރ ކޮލެޖާއި، ރ.އަލިފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރު ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަނުން ހާމަކުރި ގޮތުގައި ދިއްދޫގައި ޖޫނިޔަރ ކޮލެޖަކާއި އަލިފުށީގައި ޓިވެޓް ސެންޓަރެއް ހިންގަން ބޭނުންވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު ވަނީ މިހާރު ހުޅުވާލާފައެވެ.

މި ދެ ޕްރޮޖެކްޓްގެ ވެސް ކޮންސްޓަރަކްޝަން މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާއިރު މި ޕްރޮޖެކްޓްތަކުގެ ކޮންކްރީޓް މަސައްކަތްތަކުގެ 90 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި އިންސްޓިޓިއުޓުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށްފަހު އޮޕަރޭޓްކުރުމަށް ބިލްޑިންގް ހަވާލުކުރާއިރު މިތަންތަނަށް ބޭނުންވާ ހުރިހާ ފަރުނީޗަރަކާއި އިކުއިޕްމެންޓްތަކާއި ފިޓިންގސް ހޯދާ އިންސްޓޯލުކުރުމުގެ އިތުރުން ޕްރީ އޮޕަރޭޝަނަލް ސްޓޭޖުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ކުރާނީ އޮޕަރޭޓްކުރުމަށް ހަވާލުވާ ފަރާތުންނެވެ.

ހއ.ދިއްދޫ ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އަދި އަލިފުށީ ޓިވެޓް ސެންޓަރު ޚާއްސަކުރެވިފައިވަނީ ބޯޓް ބިލްޑިންގް ދާއިރާގެ ކޯސްތައް ހިންގުމަށެވެ. މިކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައް ވެސް މި އިންސްޓިޓިއުޓުތަކުގައި ހިންގުމަށް މަގުފަހިވާނެއެވެ.

މި އިންސްޓިޓިއުޓްތަކުގައި ހިންގުމަށް ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ލެބޯޓަރީއާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީ ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއްވެސް ހުންނާނެއެވެ.

މި މަޝްރޫއުތަކަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހއ.ދިއްދޫގައާއި ރ.އަލިފުށީގައި ހިންގާ ޕްރޮޖެކްޓްތަކެކެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަށާއި އަތޮޅު ތެރޭގައި ވޮކޭޝަނަލް އެޑިޔުކޭޝަން މިހާރަށްވުރެބޮޑަށް ފުޅާކުރުމަށް އިތުރު އެހެން ޕްރޮޖެކްޓްތައްވެސް ކުރިއަށްގެންދާއިރު ޕަބްލިކް-ޕްރައިވެޓް ޕާޓަނަރޝިޕް އުސޫލުން ކ.ތުލުސްދޫގައި ޕޮލިޓެކްނިކަކާއި ނ.ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖެއް އިމާރާތްކޮށް ހިންގުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ހަވާލުކުރެވިފައެވެ.

މި އިންސްޓިޓިއުޓްތައް އޮޕްރޭޓްކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް މިހާރު ހުޅުވާލެވިފައިވާ ރިކުއެސްޓް ފޯރ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އާ ގުޅޭ ޓެންޑަރ ޑޮކިޔުމެންޓްތައް މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ހުޅުވާލެވުނު ޓެންޑަރގެ ސުންގަޑިއަކީ 27 މާރޗް 2023 ވާ ހޯމަ ދުވަހުގެ 13:00 އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙުމަދު

    ދެމެހެއްޓެނިވި ގޮތުގައި ހިންގޭނެ ތަންތަނެއް ނޫން ތިޔައީ ، ސަބަބަކީ ކެއްކުމުގެ ދާއިރާއިން ކިތައް ދަރިވަރުން އަހަރަކު އެންރޯލްކުރާނެތޯ؟ އަދި އެދަރިވަރުންގެ މުސްތަގުބަލް ބިނާކުރުމަށް ބޭނުންވާ މަޤުސަދު ހާސިލު ކުރެވޭނެތޯ؟ އަދި ބޯޓު ފަހަރު ބަނުމުގެ ދާއިރާވެސް ވެގެންދާނީ މިގޮތަށް އެހެންނަމަވެސް ބޭރުގެ ބަޔަކު ރާއްޖެ އަޅުވެތި ކުރުމަށް ޖާގައެއް ދިނުން ކަމަށް ތިތަންތައް ނުވެއްޖިއްޔާ ކިތަންމެހާވެސް ރަގަޅު. އަދި ތިޔަގޮތަށް ހަމަ އެކަނި ކޮންކްރީޓް ނިންމާފައި އެއީ ކޮލެޖް ކަމަށް ބަލާނަމަ ވަރަށް ގިނަ ކޮލެޖް ތަރައްޤީ ކުރެވޭނެ ، ތިޔައީ ރައްޔިތުންނަށް މަލާމާތް ކުރުން.

    7
    1
  2. ހުސޭނުބޭ

    އަސްލުވެސް. މިހާރު އިމާރާތް ނިމި ކިޔަވާދޭންވެސް ފެށީދޯ! ގަދަ އިނގޭ! ދެން ކޮން އިރަކުންނޯ ގުރަޖުއޭޝަން އޮތީ.